ދުނިޔެ

ޓްރަމްޕް، އަބޫދާބީގެ ވަލީޢަހުދާ ބައްދަލުކުރައްވަނީ


މިމަހުގެ 15 ވަނަ ދުވަހު އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް، އަބޫ ދާބީގެ ވަލީޢަހުދު ޝޭޚް މުހައްމަދު ބިން ޒައިދު އަލް ނަހްޔާންއާ ވައިޓް ހައުސްގައި ބައްދަލުކުރައްވާނެ ކަމަށް އެމެރިކާ ސަރުކާރުގެ ތަރުޖަމާނު ހާމަކުރައްވައިފިއެވެ. ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އެމެރިކާ ސަރުކާރުގެ ތަރުޖަމާނު ޝޯން ސްޕައިސަރ ވިދާޅުވީ، ޔުނައިޓެޑް ޢަަރަބި އެމިރޭޓްސް ލީޑަރާ އެކު ބާއްވާ މި ބައްދަލުވުމުގެ ސަބަބުން ދެޤައުމުގެ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އެމެރިކާގެ ރައީސް ޓްރަމްޕް ޤަބޫލުކުރައްވާ ކަމަށެވެ.

އެމެރިކާގެ ރިޔާސަތާ މިއަހަރުގެ ޖެނުއަރީ މަހު ޙަވާލުވެވަޑައިގެން ރައީސް ޑޮނާލްޑް ޓްރަމްޕް މިހާރު ދަނީ މި މަހުގެ ފަހުކޮޅު ގައުމުން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުފުޅަށް ތައްޔާރުވަމުންނެވެ. ޓްރަމްޕްގެ ރިޔާސަތުގައި އެމެރިކާއިން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ސަޢޫދީ ޢަރަބިއްޔާއަށާއި އިސްރާއީލު އަދި ވެޓިކަން ސިޓީއަށެވެ.

މިކަމުގެ ސަބަބުން ޓްރަމްޕްގެ ރިޔާސަތުގައި މެދު އިރުމަތީގެ ޤައުމުތަކާއި އޮންނަ ގުޅުން މިހާރަށްވުރެ ވަރުގަދަ ކުރުމަށް މަަސައްކަތްތަކެއް ކުރާނެ ކަމަށް އެމެރިކާގެ ޚާރިޖީ މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ.