ތަޢުލީމު

ކުޑަކުދިންގެ ދުވަސް ފާހަގަކުރުމަށް ސްކޫލްތަކުގައި ހަރަކާތްތަކެއް


ކުޑަކުދިންގެ ދުވަސް ފާހަގަކުރުމަށް ރާއްޖޭގެ އެކި ސްކޫލްތަކުގައި މިއަދު ދަނީ ގިނަ ހަރަކާތްތައް ހިންގަމުންނެވެ. އެގޮތުން ދަރުމަވަންތަ ސްކޫލްގައި ވެސް ވަނީ ޚާއްސަ އެސެމްބްލީތަކެއް ބާއްވާފައެވެ.

ކުޑަކުދިންގެ ދުވަސް ފާހަގަކުރުމަށް ދަރުމަވަންތަ ސްކޫލްގައި އެސެމްބްލީތައް ބާއްވާފައިވަނީ އެކި ދަންފަޅިތަކަށް ބަހާލައިގެންނެވެ. އެ ގޮތުން ގްރޭޑް 8،9 އަދި 10 ގެ ދަރިވަރުންނަށް ބޭއްވި އެސެމްބްލީ ޝަރަފްވެރިކޮށްދެއްވީ އެޑިޔުކޭޝަން މިނިސްޓްރީގެ ސީނައަރ ޕޮލިސީ އެކްޒެކެޓިވް މުސްތަފާއެވެ. މި އެސެމްބްލީގައި އެ ގްރޭޑްތަކުގެ ދަރިވަރުން ވަނީ އެކުދިންގެ ހުނަރުތައް ދައްކާލާފައެވެ.

ދަރުމަވަންތަ ސްކޫލްގެ ގްރޭޑް 5 ،6 އަދި 7 ގެ ދަރިވަރުންނަށް ބޭއްވި ޚާއްސަ އެސެމްބްލީ ޝަރަފްވެރިކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓްރީގެ ކޮލިޓީ އެޝުއަރެންސް ޑިޕާރޓްމަންޓްގެ ޑިރެކްޓަރ ޖެނެރަލް ފާތުމަތު ހިލްމީއެވެ. މި އެސެމްބްލީގައި އެ ގްރޭޑްތަކުގެ ދަރިވަރުން ވެސް ވަނީ އެކުދިންގެ ހުނަރުތައް ފެންނަ ހަރަކާތްތަކެއް ހުށަހަޅާފައެވެ.

އެ ސްކޫލްގެ ގްރޭޑް 1، 2 އަދި 3 ގެ ދަރިވަރުންނަށްވެސް ޚާއްސަ އެސެމްބްލީއެއް ވަނީ ބާއްވާފައެވެ. ކުޑަކުދިންގެ ދުވަސް މިހާ ކުލަގަދަކޮށް ފާހަގަކުރުމުން އެ ސްކޫލްގެ ކުދިންވެސް ތިބީ ވަރަށް އުފާވެފައެވެ.

ކުޑަކުދިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަމުން އަންނަނީ ކޮންމެ އަހަރެއްގެ ވެސް މެއި މަހުގެ 10 ވަނަ ދުވަހެވެ.