ކުޅިވަރު

ޔުވެންޓަސް ޗެމްޕިއަންސް ލީގުގެ ފައިނަލަށް ދަތުރުކޮށްފި


މޮނާކޯގެ މައްޗަށް ކުރި ހޯދާ ވޭތުވެދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި ދެވަނަ ފަހަރަށް ޔުވެންޓަސް ޗެމްޕިއަންސް ލީގުގެ ފައިނަލުން ޖާގަ ހޯދައިފިއެވެ.

ޔުވެންޓަސްގެ ދަނޑުގައި ރޭ ކުޅުނު ޔުއެފާ ޗެމްޕިއަންސް ލީގު ސެމީފައިނަލް ދެވަނަ ލެގުގައި މޮނާކޯގެ މައްޗަށް ކުރި ހޯދީ 2-1 ލަނޑުން ނެވެ. މި ދެ ޓީމު މޮނާކޯގެ ދަނޑުގައި ކުޅުނު ފުރަތަމަ ސެމީފައިނަލް ލެގުގެ މެޗް ޔުވެންޓަސް ކާމިޔާބުކުރީ 2-0 ލަނޑުން ނެވެ. އެހެންކަމުން އެ ޓީމު ފައިނަލަށް ދަތުރުކޮށްފައިވަނީ 4-1 ލަނޑުގެ އެގްރިގޭޓުންނެވެ. ރޭގެ މެޗުގައި ޔުވެންޓަސްގެ ދެ ލަނޑުވެސް ކާމިޔާބުކޮށްފައިވަނީ ފުރަތަމަ ހާފްގައެވެ. މި ދެ ލަނޑު ކާމިޔާބުކޮށްދިނީ މަންޒޫކިޗްއާއި، ޑެނިއަލް އަލްވޭސްއެވެ. މޮނާކޯގެ ހަމައެކަނި ލަނޑު ދެވަނަ ހާފްގައި ކާމިޔާބުކޮށްދިނީ އެމްބައްޕޭއެވެ. 

ޔުވެންޓަސް ވަނީ މީގެ ކުރިން ދެ ފަހަރެއްގެ މަތިން ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައެވެ. މީގެ ކުރިން ޔުވެންޓަސް ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައިވަނީ 1985 ވަނަ އަހަރާއި 1996 ވަނަ އަހަރުއެވެ. އޭގެ ފަހުން ޔުވެންޓަސް ވަނީ ހަތަރު ފައިނަލަކަށް ދަތުރުކޮށް އެ ހަތަރު ފައިނަލްގައިވެސް ނާކާމިޔާބީއާ ކުރިމަތިލާން ޖެހިފައެވެ. ފައިނަލްގައި ޔުވެންޓަސްއާއި ބައްދަލުކުރާނެ ޓީމެއް އެނގޭނީ މިރޭ ކުޅޭ ދެވަނަ ސެމީފައިނަލް މެޗްގައި ސްޕެއިންގެ ދެ މެޑްރިޑުގެ ކުރިމަތިލުމަށްފަހުއެވެ. މި ދެ ޓީމު ބައްދަލުކުރި ފުރަތަމަ ސެމީފައިނަލް މެޗް 3-0 ލަނޑުން ކާމިޔާބުކުރީ ރިއަލް މެޑްރިޑްއެވެ.