މުނިފޫހިފިލުވުން

ޝަލަބީގެ "އާދޭސް" ހޮނިހިރުދުވަހު ރިލީޒްކުރަނީ


ދިގު އިންތިޒާރަކަށްފަހު، މޯލްޑިވިއަން އައިޑަލްއިން ވިދާލި ލަވަކިޔުންތެރިޔާ ޝަލަބީ އިބްރާހީމްގެ ފުރަތަމަ އަމިއްލަ ވީޑިއޯ ލަވަ އަންނަ ހޮނިހިރު ދުވަހު ރިލީޒް ކުރާގޮތަށް ހަމަޖެހިއްޖެއެވެ.

"އާދޭސް" މިނަމުގައި ރިލީޒް ކުރާ ޝަލަބީގެ ފުރަތަމަ ވީޑިއޯ ލަވައިގެ ޕޯސްޓަރ މިހާރު ޢާއްމުކޮށްފައިވާއިރު، މި ލަވަ ރަސްމީކޮށް ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ، އަންނަ ހޮނިހިރު ދުވަހުގެ ރޭ ޓީ.ވީ.އެމުން ގެނެސްދޭ މޯލްޑިވިއަން އައިޑަލް ސީޒަން ދޭއްގެ ގްރޭންޑް ފިނާލޭގައެވެ.

މި ލަވައާއި ގުޅޭގޮތުން ޕީ.އެސް.އެމް ނިއުސްއާ ވާހަކަދައްކަމުން ޝަލަބީ ބުނީ، މިއީ "ޓީމް ޝަލަބީ"ގެ ފަރާތުން އޭނާގެ ސަޕޯޓަރުންނާއި ފޭނުންނަށް ގެނެސްދޭ ވަރަށް ޚާއްޞަ ސަޕްރައިޒެއްކަމަށެވެ. "އާދޭސް" މި ލަވައަކީ، އަމިއްލަ ރާގަކަށް އުފައްދާފައިވާ ވަރަށް ހިތްގައިމު ލަވައެއްކަމަށާއި، މި ލަވަ ޝޫޓްކުރުމާއި، ޕްރޮޑަކްޝަންގެ މަސައްކަތަށް ގާތްގަނޑަކަށް 3 މަސްދުވަސް ހޭދަވިކަމަށް އޭނާ ބުންޏެވެ. އަދި މި ލަވައިގެ މިއުޒިކް ހަދާފައިވަނީ، ޝަލަބީގެ އަމިއްލަ ބޭންޑުން ކަމަށާއި، ލަވައާއި މެދު ވަރަށް ފޮނި އުއްމީދުތަކެއް ކުރާކަމަށް ޝަލަބީ ބުންޏެވެ. 

img:http://s4.psmnews.mv/images/660x400/14943469698535.jpg|ޝަލަބީގެ ފުރަތަމަ ލަވައިގެ ޕޯސްޓަރު ރިލީޒްކުރުން / ފޮޓޯ: ޝަލަބީ ފޭސްބުކް ޕޭޖް

ޝަލަބީގެ ފުރަތަމަ އަމިއްލަ ވީޑިއޯ ލަވައިގެ ޕޯސްޓަރ ސޯޝަލް މީޑިއާގައި މިހާރު ޢާއްމުކޮށްފައިވާއިރު، ޝަލަބީގެ ކޮންމެ ލަވައަކަށްވެސް ޢާއްމުންގެ ފަރާތުން އަންނަނީ ބޮޑު ތަރުޙީބެއް ލިބެމުންނެވެ. އައިޑަލްގެ ޕްލެޓްފޯމުން ގިނަ ދިވެހިންގެ މަޤުބޫލުކަން ހޯދުމަށްފަހު، ޝަލަބީ ވަނީ ގިނަ އަދަދެއްގެ މިއުކިޒް ޝޯވތަކާއި، ޓީވީ ޝޯވތަކުގައި ޕަރފޯމްކޮށް، އެތައް ދިވެހިންނެއްގެ ލޯބި ހޯދާފައެވެ. 

ޝަލަބީގެ ފުރަތަމަ ވީޑިއޯ ލަވަ އަންނަ ހޮނިހިރު ދުވަހު ރިލީޒްކުރުމަށް ތައްޔާރުވަމުން އަންނައިރު، އޭނާ މީގެ ކުރިންވެސް ވަނީ އޭނާގެ ސަޕޯޓަރުންނަށް ހަދިޔާއެއް ދޫކޮށްލާފައެވެ. އެގޮތުން 7 މަދަހައެއް އެކުލެވޭހެން "ހިދާއީ ނޫރު"ގެ ނަމުގައި މިދިޔަ އަހަރުގެ މެދުތެރޭ ޝަލަބީގެ އަމިއްލަ މަދަހަ ސީޑީއެއް ނެރެފައިވެއެވެ.

"އާދޭސް" މި ލަވައަކާއެކު ދިވެހިންގެ ހިތްތައް ފަތަހަކުރުމަށް ޝަލަބީ ތައްޔާރުވަމުން އަންނައިރު، ފުރަތަމަ މޯލްޑިވިއަން އައިޑަލް ލައިޝާ ޖުނައިދުވެސް ވަނީ އޭނާގެ ފުރަތަމަ ވީޑިއޯ ލަވަ މިއަހަރުގެ ކުރީކޮޅު ރިލީޒްކޮށްފައެވެ.