ކުޅިވަރު

ސީނިއަރ ވޮލީ ޓީމު ކޮމެޓީއަކާ ހަވާލުކޮށްފި


ދިވެހި ޤައުމީ ސީނިއަރ އަންހެން އަދި ފިރިހެން ވޮލީ ޓީމުގެ ހުރިހާ ކަންތައްތަކެއް ބަލަހެއްޓަން ހަތް މެންބަރުންގެ ކޮމެޓީއެއް އެކުލަވާލާ، އެ ކޮމެޓީއާ ހަވާލުކޮށްފިއެވެ.

ވޮލީބޯޅަ އެސޯސިއޭޝަނުން މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން އެސޯސިއޭޝަންގެ ރައީސް މުހައްމަދު ލަތީފް ވިދާޅުވީ ސީނިއަރ ދެ ޓީމުގެ ކަންކަން ބެލެހެއްޓުމަށް ކޮމެޓީއެއް މިހާރު އެކުލަވާލާ އެ ކޮމެޓީއާ ހުރިހާ ޒިންމާއެއް ހަވާލުކޮށްފައިވާނެކަމަށެވެ. އަދި މިއަދުން ފެށިގެން ސީނިއަރ ވޮލީ ޓީމުގެ ހުރިހާ ކަމެއް ދާނީ އެ ކޮމެޓީގެ ބެލުމުގެ ދަށުން ކަމަށާއި، މި ކަމަކީ ވޮލީބޯޅަ އެސޯސިއޭޝަން ރިފޯމް ކުރުމުގެ މަސައްކަތުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް ލަތީފް ވިދާޅުވިއެވެ. މި ފިޔަވަޅަކީ ނެޝަނަލް ޓީމުގެ ނަތީޖާ ރަނގަޅު ކުރުމާއި، ނެޝަނަލް ޓީމު ހިންގުމުގެ ކަންކަން އިތުރަށް ހަރުދަނާ ކުރުމުގެ ބޭނުމުގައި އެޅި ފިޔަވަޅެއް ކަމަށް ލަތީފް ވިދާޅުވިއެވެ. އަދި މި ދެ ޓީމުގެ ކަންކަން ބެލެހެއްޓުމަށް ހަވާލުކުރެވިފައިވާ ކޮމެޓީއަށް ވޮލީބޯޅަ އެސޯސިއޭޝަންގެ ފަރާތުން ފުރިހަމަ އެއްބާރުލުން ލިބިގެން ދާނެކަމަށް ލަތީފް ވިދާޅުވިއެވެ. 

"އަޅުގަނޑު ދެކޭގޮތުގައި މި ފިޔަވަޅުގެ ސަބަބުން ވޮލީ ސީނިއަރ ޓީމުގެ ހުރިހާ ކަމެއް ކުރިއަށް އޮތްތަނުގައި ހަރުދަނާވެ، ރަނގަޅު ނަތީޖާތަކެއް ލިބިގެންދާނެ، އަދި މިކަމުގެ ސަބަބުން ވޮލީ ބޯޅައަށް އިތުރު ކުރިއެރުމެއް ލިބޭނެކަމަށް ދެކެނީ. "ލަތީފް ވިދާޅުވިއެވެ.

ޤައުމީ ސީނިއަރ އަންހެން އަދި ފިރިހެން ޓީމުގެ ކަންކަން ބެލެހެއްޓުމަށް ނަގާފައިވާ ހަތް މެންބަރުންގެ ކޮމެޓީގައި ހިމެނެނީ ކުރީގެ ކުޅުންތެރިއެއް ކަމުގައިވާ މުހައްމަދު އަނީސްއާއި، ފާތުމަތު ލިއުޝާއާއި، ކުރީގެ ވޮލީ ކޯޗެއް ކަމުގައިވާ އަހުމަދު ސަލީމް(މާޒް ސަލީމް)އާއި، ކުރީގެ ކުޅުންތެރިޔާ އަދި ކޯޗު ސައްޔިދު އަލީއާއި، ލޯޔަރު އައްބާސް ޝަރީފްއާއި، ކުރީގެ ރެފްރީއެއް ކަމުގައިވާ އަހުމަދު ސައިފްގެ އިތުރުން ވޮލީބޯޅަ އެސޯސިއޭޝަންގެ އެގްޒެކްޓިވް ކޮމެޓީގެ މެންބަރު އަލީ ލަތީފްއެވެ.