ތަޢުލީމު

އެވިޑް ރިސަރޗް އެންޑް އިނޮވޭޝަން ސެންޓަރ ހުޅުވައިފި


އެވިޑް ރިސާޗް އެންޑް އިނޮވޭޝަން ސެންޓަރ، އެރިކްގެ ނަމުގައި ދަރިވަރުންނަށް ޙާއްސަ ރިސާޗް ސެންޓަރެއް އެވިޑް ކޮލެޖުން ހުޅުވައިފިއެވެ. 

މި ސެންޓަރު ހިންގުމަށް ހަމަޖެހިފައިވަނީ މެލޭޝިއާގެ ހަތަރު ޔުނިވާސިޓީއަކާއި ގުޅިގެންކަމަށް އެވިޑް ކޮލެޖުން މަޢުލޫމާތުދެއެވެ. އެވިޑް ރިސާރޗް އެންޑް އިނޮވޭޝަން ސެންޓަރަކީ ދަރިވަރުންނަށް ކިޔެވުމަށް ބޭނުންވާ ތަފާތު މަޢުލޫމާތުތައް ފޯރުކޮށްދީ އަދި ދަރިވަރުންނަށް އަމިއްލަ ލިޔުންތައް ލިޔުމަށް ހިތްވަރުދިނުމާއި އެކަމަށް އަހުލުވެރިކުރުވުމުގެ ބޭނުމުގައި އެވިޑް ކޮލެޖުން ޤާއިމްކުރި ސެންޓަރެއްކަމަށް އެކޮލެޖުން މަޢުލޫމާތުދެއެވެ. 

މިސެންޓަރ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި މި ސެންޓަރ ހުޅުވައިދެއްވީ މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރ އަޙުމަދު ޝަފީއުއެވެ. މި ރަސްމިއްޔާތުގައި، އެވިޑް ކޮލެޖުގެ ވައިސް ރެކްޓަރ ޑރ.ޢަބްދުﷲ ރަޝާދު ދެއްކެވި ވާހަކައިގައި، އެވިޑްކޮލެޖުގައި އަލަށް ޤާއިމްކުރެވުނު މިސެންޓަރާއެކު، އެކޮލެޖު ޔުނިވަރސިޓީއަކަށް ބަދަލުކުރުމަށް ކުރަމުންދާ މަސައްކަތް އިތުރަށް ފަސޭހަވެގެންދާނެކަމަށް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޝަފީޢު ވިދާޅުވީ، ތަޢުލީމު ޙާސިލްކުރުމުގައި އިސްކަންދޭން ޖެހޭނީ ގިނަ މަދަރުސާތަކެއް ޤާއިމުކުރުމަށްވުރެ، ދެވޭ ޚިދުމަތްތަކަކީ ފެންވަރު ރަނގަޅު ޚިދުމަތްތަކެއްކަމުގައި ހެދުންކަމަށެވެ. މި ޖަލްސާގައި ވަނީ އެވިޑް ރިސާރޗް އެންޑް އިނޮވޭޝަން ސެންޓަރގެ އިދާރީ މަސައްކަތް ދަސްކޮށްދޭ ތަމްރީން ޕްރޮގްރާމް ފުރިހަމަކޮށްފައިވާ މުވައްޒަފުންނަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވާފައެވެ.