ތަޢުލީމު

ސްކޫލްކުދިންގެ ޤުރުޢާން މުބާރާތުގެ ނަތީޖާ ޢިއުލާންކުރައްވައިފި


ޤުރުއާނާ ބެހޭ މަރުކަޒާއި، މިނިސްޓްރީ އޮފް އެޑިއުކޭޝަން ގުޅިވަޑައިގެން ބޭއްވެވި ސްކޫލް ކުދިންގެ ފުރަތަމަ ޤުރުއާން މުބާރާތުގެ ނާތީޖާ ޢިއުލާންކުރައްވައިފިއެވެ.

މި މުބާރަތަކީ ކީރިތި ޤުރުއާނުގެ ފަންނު ދިރުވައި ތަޖުވީދުގެ ހަމަތަކާ އެއްގޮތަށް ޤުރުއާން ކިޔަވަން ދަންނަ ޖީލެއް ބިނާކުރެއްވުމަށްޓަކައި ކީރިތި ޤުރުއާނާބެހޭ މަރުކަޒުން މިނިސްޓްރީ އޮފް އެޑިޔުކޭޝަނާ ގުޅިވަޑައިގެން ބޭއްވެވި މުބާރާތެކެވެ. މިއީ ހަމައެކަނި ސްކޫލްތަކަށް އަމާޒުކުރައްވައިގެން އެ މަރުކަޒުން ބޭއްވެވި ފުރަތަމަ ޤުރުއާން މުބާރާތެވެ.

ތިން ބަޔަކަށް ބައްސަވާލައްވައިގެން ބޭއްވެވި މި މުބާރާތުގައި އުމުރު ފުރާތައް ގިންތި ކުރައްވާފައެއް ނުވެއެވެ. މިމުބާރާތުގައި ހިމަނާފައިވަނީ ހިތުން ކިޔެވުމުގެ ބަޔާއި ބަލައިގެން ކިޔުމުގެ ބައި އަދި ޙިފްޒުކޮށް ކިޔެވުމުގެ ބައެވެ.

މި މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް ބޭއްވެވި ހަފްލާ ޝަރަފްވެރިކޮށްދެއްވީ މިނިސްޓަރ އޮފް ޑިފެންސް އެންޑް ނެޝަނަލް ސެކިއުރިޓީ އާދަމް ޝަރީފް އުމަރުއެވެ.

img:http://s1.psmnews.mv/images/660x400/14943275315941.jpg|ޤުރުއާން މުބާރާތުގެ ނަތީޖާ އިޢުލާންކުރެއްވުމަށް ބޭއްވެވި ރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރ ދަރިވަރަކާ ޢިނާމް ޙަވާލުކޮށްދެއްވަނީ / ފޮޓޯ: ޕީއެސްއެމް

މި މުބާރާތުގެ ހިމެނޭ ބައިތަކުގެ ތެރެއިން ފޮތުން ކިޔެވުމުގެ ގޮފިން ފަސް ފޮތުން އެއްވަނައަށް ދިޔައީ މުޙިއްޔުއްދީން ސްކޫލްގެ ދަރިވަރު ޛޫޝާން ޖަވާދުއެވެ. ދިހަ ފޮތުން އެއްވަނަ އަށް ގޮސްފައިވަނީ ހއ އަތޮޅު މަދުރަސާގެ ދަރިވަރު މަރިޔަމް އަފާފް މުހައްމަދު، ފަނަރަ ފޮތުން އެއްވަނައަސް ގޮސްފައިވަނީ އަލިފުށި ސްކޫލްގެ ދަރިވަރު މަޒް ޢަލީއެވެ.

ހިތުން ކިޔެވުމުގެ ގޮފީގެ ބައިތަކުން ދެ ފޮތުން އެއްވަނަ އަށް ގޮސްފައިވަނީ އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ ދަރިވަރު ޝިރުޙާނު ޢަލީއެވެ. ހަތަރު ފޮތުން އެއްވަނަ ޢާއިޝަތު މިޝްޤާ ނާޞިރު، ހަ ފޮތުން އެއްވަނަ އިމާދުއްދީން ސްކޫލްގެ ދަރިވަރު ޢަލީ ސަޢުދާން ޝަހީންއެވެ.

މުބާރާތުގެ ޙާފިޡުންގެ ގޮފިން އެއްވަނައަށް ދިޔައީ ކަލާފާނު ސްކޫލްގެ ދަރިވަރު ނާދިޙް ޢަބްދުލްޙަމީދުއެވެ. މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް ބޭއްވި ހަފްލާއަށްފަހު ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަމުން ދަރިވަރުން ބުނީ މި މުނާރާތުގައި ބައިވެރިވާން ލިބުނު ފުރުސަތަކީ ވަރަށް މުހިންމު ފުރުސަތެއްކަމަށް. އަދި ކޮންމެ ކުއްޖަކުވެސް މަސައްކަތްކޮށްފިނަމަ ރަނގަޅުނަތީޖާއެއް ހާސިލްކުރެވިދާނެކަމަށެވެ.

މިމުބާރާތަކީ މިގޮތަށް ކުރިއަށްގެންދެވި ފުރަތަމަ މުބާރާތެވެ. މި މުބާރާތުގައި ދަރިވަރުން ވާދަކޮށްފައިވަނީ މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ކަނޑައެޅުއްވި އުސޫލުގެ ދަށުންނެވެ.