ކުޅިވަރު

ކްލަބް މޯލްޑިވްސް ކަޕްގެ ޗެމްޕިއަންކަން އެމް.އާރް.ޑީ.ސީ ހޯދައިފި


ފަހަތުން އަރާ އެމް.ޕީ.އެލްގެ މައްޗަށް ކުރި ހޯދާ، ކްލަބް މޯލްޑިވްސް ކަޕް ފުޓްސެލްމުބާރާތުގެ ޗެމްޕިއަންކަން ފުރަތަމަ ފަހަރަށް އެމް.އާރް.ޑީ.ސީން ހޯދައިފިއެވެ.

ރޭ ކުޅުނު މުބާރާތުގެ ފައިނަލް މެޗް މޯލްޑިވްސް ރޯޑް ޑިވަލޮޕްމެންޓް ކޯޕަރޭޝަން(އެމް.އާރް.ޑީ.ސީ) ކާމިޔާބުކުރީ މޯލްޑިވްސް ޕޯސްޓް ލިމިޓެޑް (އެމް.ޕީ.އެލް)ގެ މައްޗަށް ޕެނަލްޓީގައި ކުރި ހޯދައިގެންނެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު ދެ ޓީމްވެސް އޮތީ 4-4 ން އެއްވަރުވެފައެވެ.

މިމެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑް ހޯދީ އެމް.ޕީ.އެލް އިންނެވެ. ފުރަތަމަ ހާފްގައި އެމް.ޕީ.އެލްއިން 3-2 ގެ ލީޑެއް ނެގިއެވެ.

މިމެޗުގައި އެމް.ޕީ.އެލް އިން ޖެހި ހަތަރު ލަނޑުގެ ތެރެއިން ފުރަތަމަ ދެ ލަނޑު ކާމިޔާބުކޮށްދިނީ ހުޒޭފަތް ރަޝީދުއެވެ. އަނެއް ދެ ލަނޑު ޖަހައިދީ އަލީ ޝިފާއު (ރޮނާ)އެވެ.

ތިން ލަނޑު ޖަހާފައިވަނިކޮށް އެމް.އާރް.ޑީ.ސީގެ ހަސަން އަދުހަމް ދެވަނަ ހާފްގައި އެޓީމަށް ލަނޑެއް ކާމިޔާބުކޮށްދިނެވެ ނަމަވެސް އެމް.ޕީ.އެލްއިން އިތުރު ލަނޑެއް ޖެހިއެވެ. އެއަށްފަހު އެމް.އާރް.ޑީ.ސީ ކުޅުން ރަނގަޅުކޮށް ގާތް ގާތުގައި ތިން ލަނޑު ޖަހާ މެޗުގެ ނަތީޖާ ހަމަ ހަމަކުރިއެވެ.

ޕެނަލްޓީގައިއެމް.އާރް.ޑީ.ސީ ކުރި ހޯދީ 8-7 ލަނޑުންނެވެ.

މިއީ މިމުބާރާތުގެ ޗެމްޕިއަންކަން އެމް.އާރް.ޑީ.ސީ ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ. އެހެންނަމަވެސް އެޓީމް ވަނީ މިދިޔަ އަހަރުގެ މުބާރާތުގެވެސް ފައިނަލްގައި ކުޅެފައެވެ. މިދިޔަ އަހަރުގެ ކުއާޓަރ ފައިނަލްގައިވެސް އެމް.ޕީ.އެލްގެ މައްޗަށް އެމް.އާރް.ޑީ.ސީ ވަނީ ޕެނަލްޓީގައި ކުރި ހޯދާފައެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެމް.އާރް.ޑީ.ސީގެ ކެޕްޓަން އިސްމާއިލް އީސާ(މެސީ)އެވެ.

މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއާގެ މަޤާމްގެ އިތުރުން މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއާގެ މަގާމްވެސް ހޯދީ އެމް.އާރް.ޑީ.ސީގެ މުހައްމަދު ލިޔާޙްއެވެ.

މުބާރާތުގެއެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ލިޔާޙުގެ އިތުރުން ހިމެނުނީ އިސްމާއިލްއީސަ (މެސީ) އާއި އެމް.ޕީ.އެލްގެ ހުޒޭފަތް ރަޝީދާއި އަލީ ޝިފާއު (ރޮނާ) އަދިއެމް.އޭ.ސީ.އެލްގެ އަބްދުﷲ ޒިޔާންއެވެ،

މުބާރާތުގެ ފެއަރ ޕްލޭ ޓީމަކަށް ހޮވުނީ މިނިސްޓްރީ އޮފްހައުސިން އަދި ފެއަރ ޕްލޭ ކުޅުންތެރިއާގެ މަޤާމް ހޯދީ ޔުނައިޓެޑް ބީ.އެމް.އެލްގެ ކެޕްޓަން ޝިނާއެވެ.