ސިއްހަތު

މައުންޓް އެލިޒަބެތު ހޮސްޕިޓަލުގެ ޚިދުމަތްތަކާބެހޭ މަޢުލޫމާތު ދީފި


ސިންގަޕޫރުގެ މައުންޓް އެލިޒަބެތު ޙޮސްޕިޓަލުން ލިބެން ހުރި ޒަމާނީ ސިއްޙީ ޚިދުމަތްތަކާއި، އެޚިދުމަތްތައް ހޯދުމުގައި ދިވެހިންނަށް އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭ ގޮތުން މަޢުލޫމާތު ދީފިއެވެ. މިކަމާ ގުޅޭ ގޮތުން މަޢުލޫމާތު ދިނުމަށް ހެލްތް ޕްލަސް ނަމުގައި ބޭއްވި ސެމިނަރ އިންތިޒާމުކުރީ އަމިއްލަ ކުންފުންޏެއް ކަމަށްވާ ސަންލޭންޑް ޖަރނީސްއާއި ސިންގަޕޫރުގެ ޕާކްވޭ ހޮސްޕިޓަލް ގުޅިގެނެވެ.

ހޮޓެލް ޖެންގައި ބޭއްވި ހެލްތް ޕްލަސް ސެމިނާރގައި، ސިންގަޕޫރުގެ ޕާކްވޭ ހޮސްޕިޓަލް ގުރޫޕުން ހިންގާ، މައުންޓް އެލިޒަބެތު ހޮސްޕިޓަލުން ލިބެން ހުންނަ ސިއްޙީ ޚިދުމަތްތަކާއި، ބޮޑެތި ބަލިތަކަށް ދެވޭ ޒަމާނީ ފަރުވާއާ ގުޅޭ މަޢުލޫމާތު ދީފައިވާ ކަމަށް ސަންލޭންޑް ޖަރނީއިން ބުންޏެވެ.

މި ސެމިނަރގައި މަޢުލޫމާތު ދީފައިވަނީ މައުންޓް އެލިޒަބެތު ހޮސްޕިޓަލްގެ ކާރޑިއޮލޮޖިސްޓަކާއި، ގޭސްޓްރޯ އެންޓްރޯލޮޖިސްޓެކެވެ. ސެމިނާރގައި 35 މީހުން ބައިވެރިވިއެވެ. މީގެ ތެރޭގައި ސަރުކާރުގެ ވުޒާރަތަކާއި، ކުންފުނިތަކުގައި މަސައްކަތްކުރާ މީހުންނާއި ޢާންމުކޮށް ބޭސްފަރުވާއަށް ސިންގަޕޫރަށް ދަތުރުކުރާކުރާ މީހުން ހިމެނެއެވެ. ބޮޑެތި ބަލިތަކުގެ ތެރޭގައި ހިމެނޭ ހިތުގެ ބަލިތަކަށް ފަރުވާ ހޯދާނެ ގޮތްތަކާއި، އެކަމަށް ދެވޭ ޒަމާނީ ފަރުވާއާ ގުޅޭ ގޮތުން މި ސެމިނަރގައި، ޑޮކްޓަރުން މަޢުލޫމާތު ދީފައިވެއެވެ. އެގޮތުން ހާރޓްއެޓެކެއް ޖެހުމުގެ ކުރިން، ދެނެގަންނާނެ ޢަލާމާތްތައް ކިޔާދީފައިވެއެވެ.

ސަންލޭންޑް ޓްރެވެލް ގެ މެނޭޖަރ މާރކެޓިންގ އެންޑް ސޭލްސް ޙުސައިން ވިޝާމް ވިދާޅުވީ، ހޮސްޕިޓަލްގައި ހުރި ތަފާތު ޕެކޭޖްތަކާއި، އެޕޮއިންޓްމަންޓު ހެދުމުގައި ސަންލޭންޑުގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ސިންގަޕޫރު ޕާކްވޭ ހޮސްޕިޓަލް ގުރޫޕުން ހިންގާ އެކި ހޮސްޕިޓަލްތަކުން ލިބެން ހުންނަ ޚިދުމަތްތަކާ ގުޅޭ މަޢުލޫމާތު ދިނުން ސިލްސިލާކޮށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް ސަންލޭންޑް ޓްރެވެލްއިން ބުނެއެވެ.

މައުންޓް އެލިޒަބެތު ހޮސްޕިޓަލް ސީއޯއޯ، ޑރ.ނިއޯލް ޔުއޯ ވިދާޅުވީ، މައުންޓް އެލިޒަބެތު ހޮސްޕިޓަލުން ޚިދުމަތް ހޯދާ ދިވެހިންގެ ޢަދަދުވެސް އިތުރުވަމުންދާ ކަމަށާއި އެހެންކަމުން އެތަނުން ލިބެން ހުންނަ ޚިދުމަތްތައް ޢާއްމުންނަށް އަންގައިދިނުމުން ޚިދުމަތް ހޯދަން ފަސޭހަވެގެންދާނެކަމަށެވެ. މިއީ ސަންލޭންޑުގެ ފަރާތުން ބޭއްވި މިފަދަ ފުރަތަމަ ސެމިނާރެވެ.