ވިޔަފާރި

އައިއައިޓީއެމްގައި ބައިވެރިވުމަށް މަޓާޓޯއިން ނިންމައިފި


އިންޑިޔާ އިންޓަރނޭޝަނަލް ޓްރެވަލް މަރޓް، އައިއައިޓީއެމްގައި ބައިވެރިވުމަށް މަޓާޓޯއިން ނިންމައިފިއެވެ.

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއަރ އޮޕަރޭޓަރސް، މަޓާޓޯއިން މަޢުލޫމާތު ދެއްވިގޮތުގައި އަންނަ ޖުލައިމަހުގެ 21 ން 23 ށް އިންޑިއާގެ ބެންގަލޫރުގައި ބާއްވާ މި ފެއަރގައި މަޓާޓޯއާއެކު ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލެވިފައިވާ ކަމަށެވެ.

މިފެއަރގައި ބައިވެރިވުމަށް ނަގާ ފީގެ އަގުން 10 ޕަސަންޓު ޑިސްކައުންޓު، މަޓާޓޯއާ އެކު ބައިވެރިވާ އެ ޖަމިއްޔާގެ މެމްބަރުންނަށް ލިބޭނެ ކަމަށާއި އެއް ބެނަރއެއްގެ ދަށުން ރާއްޖެ ތަމްސީލުކުރެވިގެން ދިޔުމުން ފެއަރއިން ކުރާ ފައިދާ ބޮޑުވާނެ ކަމަށް މަޓާޓޯއިން ހާމަކުރެއެވެ. މި ފެއަރގައި މަޓާޓޯއާ އެކު ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ފޯމް ހުށަހެޅުމުގެ ފުރުސަތު މިމަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.

އިންޑިއާއަކީ ރާއްޖެއަށް އެންމެ ގިނަ ޢަދަދަށް ފަތުރުވެރިން ޒިޔާރަތްކުރާ ޤައުމުތަކުގެ ތެރޭގައި ހިމެނޭ ޤައުމެކެވެ. އެގޮތުން މިއަހަރުގެ ފުރަތަމަ 3 މަސްދުވަސްތެރޭ އިންޑިއާއިން ރާއްޖެއަށް 5،000 އަށް ވުރެ ގިނަ ފަތުރުވެރިން އައިސްފައިވާއިރު، މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާ ބަލާއިރު 15 އިންސައްތަ އިތުރު އަދަދެކެވެ.