ކުޅިވަރު

ގައުމީ ޓީމަށް ކުޅުނު ފުރަތަމަ މެޗުން ލާލައަށް ކޯޗްގެ ތަޢުރީފް!


ބައިނަލްއަޤްވާމީ މުބާރާތެއްގައި ޤައުމީ ޓީމް ތަމްސީލްކުރަން ފުުރުސަތު ލިބުމަކީ ކުޅިވަރުކުޅޭ ކޮންމެ ކުޅުންތެރިއަކަށް ކެރިއަރުގައި ފާހަގަކޮށްލެވޭނެ ފުރުސަތެކެވެ. 21 އަހަރުން ދަށުގެ ޤައުމީ ޓީމާއެކު މިހާރު ދެކުނު ކޮރެޔާގައި ކުރިއަށްދާ ސައުތް އޭޝިއަން ޔޫތް ނެޓްބޯލް ޗެމްޕިއަންޝިޕްގައި ވާދަކުރަމުންދާ ސާރާ އަބްދުލް ބާރީ (ލާލަ)ގެ ވާހަކަ ކުޑަކޮށް ތަފާތެވެ.

ޤައުމީ ޓީމާއެކު ސާރާވަނީ މީގެ ކުރިން ދެ މުބާރާތަކަށް ގޮސްފައެވެ. އެއީ 2015 ވަނަ އަހަރު ހޮންގކޮންގގައި އޮތް އޭޝިއަން ޔޫތް ނެޓްބޯލް ޗެމްޕިއަންޝިޕް އަދި 2016 ވަނަ އަހަރު ތައިލެންޑްގެ ބެންކޮކްގައި އޮތް އޭޝިއަން ނެޓްބޯލް ޗެމްޕިއަންޝިޕެވެ. ދެ މުބާރާތުގައިވެސް ޓީމާއިއެކު އޭނާ ބައިވެރިވިއެވެ. އެކަމަކު ދެ މުބާރާތުގައިވެސް މެޗެއްގައި ކުޅެލުމުގެ ފުރުސަތެއް ލިބޭ ގޮތެއް ނުވިއެވެ.

ހިތްވަރާއިއެކު މަސައްކަތްކުރުމުގެ ނަތީޖާ މިފަހަރު ފެނިއްޖެއެވެ. ކޮރެއާގެ ޖިއޮންޖޫގައި މިހާރު ކުރިއަށްދާ އޭޝިއާގެ ޔޫތް ނެޓްބޯލް ޗެމްޕިއަންޝިޕްގައި ދިވެހިރާއްޖެ ތައިލެންޑާއި ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ހަތެއްގައި ހިމެނިގެން ލާލަ ވަނީ ކުޅެފައެވެ. މިއީ އޭނާގެ ބައިނަލްއަޤްވާމީ ފުރަތަމަ މެޗެވެ. ފުރަތަމަ ފުރުސަތުގެ ބޭނުުންވެސް އޭނާ ވަރަށް ރަނގަޅަށް ހިފިއެވެ. މުޅި މެޗުގައި ދިވެހި ޓީމުން އެންމެ މޮޅަށް ކުޅުނު އެއް ކުޅުންތެރިޔަކީ ލާލައެވެ. ފުރަތަމަ ފުރުސަތާއިއެކު ލާލަވެސް ހުރީ ވަރަށް އުފާވެ ހިތްހަމަ ޖެހިފައެވެ.

"ކުރިން ދެ މުބާރާތުގައިވެސް ކުޅެލަން ފުރުސަތު ނުލިބޭ، މިފަހަރު އަލަށް ލިބުނީމަ ވަރަށް އުފާވެފައި މިހިރީ. ބުނެލަން ބޭނުންވަނީ ކޯޗަށް ތެންކްޔޫއޭ މި ފުރުސަތު ދިނީމަ، ކޯޗްގެ އެކްސްޕެކްޓޭޝަންސްއާއި އެއްވަރަށް ކުޅެވުނުކަމަށް އުއްމީދުކުރަން"

img:http://s1.psmnews.mv/images/660x400/14941625582487.JPG|ތައިލެންޑާއި ދެކޮޅަށް ދިވެހި ޓީމް ކުޅުނު މެޗަށްފަހު ދެ ޓީމްގެ ކުޅުންތެރިން

ލާލަ މެޗުގައި ދެއްކި ކުޅުން ޓީމްގެ އެސިސްޓަންޓް ކޯޗް އައިޝަތު ލޫނާ މޫސާވެސް ވަނީ ފާހަގަކޮށްފައެވެ. ލޫނާ ބުނީ ލާލައަކީ ޕޮޓެންޝިއަލް ހުރި ޕްލޭޔާއެއްކަމަށާއި، ތައިލެންޑާއި ދެކޮޅަށް އޭނާ ދެއްކި ކުޅުމާއިމެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭކަމަށެވެ. ކުރީގެ ދެ މުބާރާތުގައި ކުޅެލަން ފުރުސަތު ނުލިބުނަސް އިތުރަށް މަސައްކަތްކޮށް މިފަހަރުގެ ޓީމުން ޖާގަ ހޯދުމަކީވެސް ލާލަގެ ކުރިއަށްދާން ބޭނުންވާ މިންވަރު ފެންނަ ކަމެއްކަމަށް ލޫނާ ބުންޏެވެ.

"ލާލައަކީ ވަރަށް ޕޮޓެންޝިއަލް ހުރި ޕްލޭޔާއެއް. އޭނާއަށް ދިން ފުރުސަތުގެ ބޭނުން ވަރަށް ރަނގަޅަށް ހިފައިފި. ކުރިއަށް ހުރި މެޗުތަކުގައިވެސް ފުރުސަތު ދޭން ޖެހޭނެކަން އޭނާ ސާބިތުކޮށްދީފި"

ލާލަގެ އުއްމީދަކީ ކުރިއަށް ހުރި މެޗުތަކުގައިވެސް ރަނގަޅު ފުރުސަތުތަކެއް ލިބުމެވެ. މިފަދަ މުބާރާތްތަކުގައި ވާދަކުރާ ޓީމްތަކުގެ ފެންވަރު ތަފާތުކަން ފާހަގަކުރަމުން ލާލަ ބުނީ މިއީ ގިނަ ކަންތައްތަކެއް އެނގެން ލިބޭ ބޮޑު ފުރުސަތެއްކަމަށެވެ. އެކި ޤައުމުތަކުގެ މޮޅު ކުޅުންތެރިންގެ ކިބައިން ގިނަ ކަންތައްތަކެއް ދަސްވަމުންދާކަމަށްވެސް ލާލަ ފާހަގަކުރެއެވެ.

ޖޫނިއަރ ޓީމުގައި މެޗެއް ކުޅެލުމުގެ ފުރުސަތު ލިބުމުން ލާލަގެ މިހާރުގެ އަޒުމަކީ ބައިނަލްއަޤްވާމީ މެޗެެއްގައި ސީނިއަރ ޓީމުގެ ޖާރޒީގައިވެސް ކުޅުމެވެ.