ޚަބަރު

ރަށް ގިރުން، ޗާލު މަތިވެރިއަށް ދިމާވެފައިވާ ބޮޑު ގޮންޖެހުމެއް!


ރަށްގިރުމުގެ މައްސަލައަކީ ރާއްޖޭގެ ގިނަ ރަށްތަކަށް ދިމާވެފައިވާ މައްސަލައެކެވެ. މި މައްސަލައިގެ ސަމާލުކަން ބޮޑުވެގެން ދިޔައީ ރާއްޖެއަށް ފަތުރުވެރިކަން ތާރަފުވެ ހިނގަންފެށުމާ ގުޅިގެންނެވެ.

ފުޅާދާއިރާއެއްގައި ރާއްޖޭގެ ރަށްރަށުގައިވެސް ލޯކަލް ޓުއަރިޒަމް ދަނީ ކުރިއަރަމުންނެވެ. ނަމަވެސް އެކަމަށް ދިމާވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ތިމާވެށީގެ މައްސަލަތަކެވެ. ޚާއްސަކޮށް ރަށްގިރުމުގެ މައްސަލައަކީ މިގޮތުން ފާހަގަ ކޮށްލެވޭ ބޮޑު މައްސަލައެކެވެ. ފުޅާދާއިރާއެއްގައި ލޯކަލް ޓުއަރިޒަމް ހިންގަމުންގެންދާ އއ. މަތިވެރިއަކީވެސް މި މައްސަލައާއި ކުރިމަތިލާންޖެހިފައިވާ ރަށެކެވެ. img:http://s2.psmnews.mv/images/660x400/14942269904592.jpg|އއ. މަތިވެރި ގިރާ ސަރަޙައްދު - ފޮޓޯ: ޕީއެސްއެމް

މަތިވެރީގައި މިހާރުވެސް 7 ގެސްޓްހައުސް ހިންގަމުން ދާއިރު އިތުރު ބައެއް ގެސްޓް ހައުސްތައް ހުޅުވުމަށް ދަނީ ތައްޔާރުވަމުންނެވެ. މިފަދަ ހުރިހާތަނެއް ހިންގާ ފަރާތްތަކުގެވެސް އެންމެބޮޑު އެއް ކަންބޮޑުވުމަކީ ތިމަވެށިގެ މައްސަލަތަކެވެ. މަތިވެރިއަށް ދިމާވެފައިވާ ރަށް ގިރުމުގެ މައްސަލަ ހައްލުކުރުމަށް 1990 ވަނަ އަހަރުން ފެށިގެންވެސް ރަށު ފެއްވަރުގައި މަސައްކަތްތަކެއް ކުރަމުން ގެންގޮސްފައިވާކަން މަތިވެރި ކައުންސިލް އިދާރާގެ ޒިންމާދާރު ވެރިޔާގެ ވާހަކައިވެސް ފާހަގަކުރެވުނެވެ. މިގޮތުން ރަށުގެ ފުޓުބޯޅަ ދަނޑާ ދިމާލުން ގިރަމުން ދިޔަ ސަރަޙައްދު ޙިމާޔަތް ކުރުމަށް މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށް ޒިންމާދާރު ވެރިޔާ ވިދާޅުވިއެވެ.

މަތިވެރި ރައްޔިތުންގެ އުންމީދަކީ އެރަށުގެ ގޮނޑުދޮށް ޙިމާޔަތްކުރެވި، މިފަދަ ރީތި ގޮނޑުދޮށްތަކުން ލިބޭ ނަފާ އިތުރުވެގެން ދިއުމެވެ.