ޚަބަރު

މިއަހަރުގެ އަޟްހާ ޢީދު ކުލަގަދަކޮށް ފާހަގަކުރުމުގެ ހަރަކާތްތައް ފަށައިފި


  • ޢީދު ދުވަސް ފާހަގަކުރުމުގެ ހަރަކާތްތައް ރާއްޖޭގެ އެކިކަންކޮޅުތަކުގައި ދަނީ ކުރަމުން

މިއަދަކީ ބަރަކާތްތެރި އަޟްހާ ޢީދު ދުވަހެވެ. އަޟްހާ ޢީދުގެ ހަރަކާތްތައް ރާއްޖޭގައި ފެށުނީ ޢީދު ނަމާދުންނެވެ. މާލެއާއި ރާއްޖޭގެ އެކިހިސާބުތަކުގައި ބޮޑު ޖަމާޢަތުގައި މިއަދުވަނީ ޢީދު ނަމާދުކޮށްފައެވެ.

މިއަހަރުގެ އަޟްހާ ޢީދު ނަމާދު ބޮޑުޖަމާޢަތުގައި މާލޭގެ ހަތަރު ސަރަހައްދެއްގައިވަނީ ކޮށްފައެވެ. އެގޮތުން، މާލޭގެ މާފަންނު ސްޓޭޑިއަމް ސަރަޙައްދާއި، ވިލިމާލޭ ފުޓްބޯޅަދަނޑާއި، ހުޅުމާލޭގެ ސްޓޭޑިއަމްގެ އިތުރުން ހުޅުމާލެ ފޭސް ދޭއްގެ ކުރިކެޓް ސްޓޭޑިއަމް ބިމުގައި ބޮޑުޖަމާޢަތުގައިވަނީ ޢީދު ނަމާދު ކޮށްފައެވެ. ބޮޑު ޖަމާޢަތުގެ އިތުރުން މާލެ ސަރަހައްދުގެ 24 މިސްކިތެއްގައިވެސްވަނީ ޢީދު ނަމާދު ކޮށްފައެވެ. ޢީދު ނަމާދަށްފަހު އެކިކަންކޮޅުތަކުގައި ޢީދު ސައިވެސްވަނީ ބާއްވާފައެވެ. ޢީދާ ދިމާކޮށް ކެއްކުންތައް ކައްކާ ރައްޓެހިންނަށާއި ގާތްތިމާގެ މީހުންނަށް ކެއުމުގެ ދަޢުވަތު ދިނުމަކީ ދިވެހިންގެ ޢީދު ފާހަގަކުރުމުގެ ސަގާފަތުގައި އޮންނަ ކަމެކެވެ. މިއީ އާއިލީ ލޯތްބާއި ގާތްތިމާގެ ގުޅުންވެސް އިތުރަށް ބަދަހިކޮށްދޭ ކަމެކެވެ.

މިއަހަރު ޤައުމީ ފެންވަރުގައި އަޟްޙާ ޢީދު ފާހަގަކުރަނީ ތިލަދުންމަތީ އުތުރުބުރީ ކެލާ، މާލެއަތޮޅު ގުރައިދޫ އަދި ހައްދުންމަތީ ގަމުގައެވެ.

ޢީދުގެ ހަރަކާތްތަކުގެ ތެރޭގައި ހިމަނައިގެން ރާއްޖޭގެ އެކި ރަށްރަށުގައި ޢީދު ހުޅު ރޯކުރުމާއި، ހަވާ އެރުވުމާއި، އަދި ބޮޑުބެރުޝޯގެ އިތުރުން އެކި ހަރާކާތްތައް ކުރިއަށް ގެންގޮސްފައެވެ.

މިއަހަރުގެ އަޟްޙާ ޢީދު ކުލަގަދަކޮށް ފާހަގަކުރުމަށް މާލެއާއި، ހުޅުމާލޭގެ އިތުރުން އެކި ރަށްރަށުގައި ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދިއުމަށް ވަނީ ރާވާފައެވެ. ޢީދަށް މުޅި ރާއްޖެ ދިއްލާލުމުގެ އިތުރުން ސަރުކާރުގެ ބައެއް ވުޒާރާތަކާއި އެކި މުއައްސަސާތަކުގެ އިތުރުން ސަރުކާރުން ހިއްސާވާ ކުންފުނިތައް ގުޅިގެން ޢީދު ދުވަހުގެ ހަވީރު ފޯރިގަދަ ހަރަކާތްތަކެއް ކުރިއަށްގެންދިއުމަށް އަންނަނީ ތައްޔާރުވަމުންނެވެ. އެގޮތުން ރާއްޖޭގެ އިހުގެ ކުޅިވަރުތަކާއި ޘަޤާފަތް ދައްކާލުމަށް ހަމަޖެހިފައިވާއިރު ޒަމާނީ ކެރެކްޓަރތައް ފިއުޝަންގޮތަށް ވެސް ދައްކާލުމަށް ވަނީ ހަމަޖެހިފައެވެ.

ސަރުކާރު ވުޒާރާތަކާއި ދައުލަތުގެ އެކި މުއައްސަސާތަކާއި ކުންފުނިތަކުގެ ބައިވެރިވުމާ އެކު ދިވެހިރާއްޖޭގެ ގައުމީ ދިފާޢީ ބާރުން އިންތިޒާމްކޮށްގެން ކުރިއަށްގެންދަން ނިންމަވާފައިވާ ޢީދުގެ ހަރަކާތްތައް އޮންނާނީ، މާލޭގައި ސަލްޓަން ޕާކާއި، ޖުމްހޫރީ މައިދާނުގެ އިތުރުން ހުޅުމާލޭގެ ސެންޓްރަލް ޕާކާއި، ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ޕާކް ސަރަހައްދުގައެވެ.