ޚަބަރު

ކުރިއެކޭ އެއްގޮތަށް އާސަންދަ ލިބޭނޭގޮތް، ރައީސް ހަމަޖައްސަވައިފި


ކުރިއެކޭވެސް އެއްގޮތަށް، ޞިއްޙީ ޚިދުމަތްދޭ އަމިއްލަ ތަންތަނުން ވެސް އާސަންދަ ޚިދުމަތް ލިބޭނޭގޮތް، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ހަމަޖައްސަވައިފިއެވެ. 

މިކަމާގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވާފައިވާ ނޫސްބަޔާނުގައި ވިދާޅުވެފައިވަނީ އާސަންދަ ނިޒާމު މިހާރަށް ބައްޓަންކުރެވި ހިނގަމުންދާ ގޮތަކީ، މިފަދަ ނިޒާމެއް ހިންގުމަށް އެންމެ ދެމެހެއްޓެނިވި ގޮތްނޫންކަމަށާ، މި ނިޒާމުގެ ހިންގުމުގެ ޚަރަދުތަކާއި، ޞިއްޙީ ޚިދްމަތުގެ ޚަރަދުތައް ކުޑަކޮށް، ޞިއްޙީ ވަސީލަތްތައް އެންމެ ފައިދާކުރަނިވި ގޮތެއްގައި ބޭނުންކުރެވެމުންނުދާތީ، މި ނިޒާމަށް ސަރުކާރުން ކުރާ ޚަރަދުތަކުގެ ތެރޭގައި ކޮންމެހެން ބޭނުންނުވާ ޚަރަދުތައްވެސް ހިމެނޭކަމަށް ބޭރުގެ މާލީ އިދާރާތަކުން ފާހަގަކުރަމުންދާކަމަށެވެ. އަދި، ދުނިޔޭގެ ބެސްޓް ޕްރެކްޓިސްއާ އެއްގޮތަށް މި ނިޒާމުގެ ކަންކަން ތަރުތީބު ކުރުމަށްވެސް އެ ފަރާތްތަކުން ލަފާ ދީފައިވާކަމަށްވެސް ރައީސް އޮފީހުގެ ނޫސްބަޔާނުގައި ވިދާޅުވެފައިވެއެވެ. 

މި މައްސަލަތައް ހައްލުކުރުމަށް ސަރުކާރުން ވާނީ ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ)އަށް ހުށަހަޅާފައިކަމަށާ، ޞިއްޙީ ޚިދުމަތްދޭ އަމިއްލަ ތަންތަނުން ފޯރުކޮށްދެމުންދިޔަ އިންޕޭޝަންޓް، އައުޓްޕޭޝަންޓް، ލެބޯޓަރީ އިންވެސްޓިގޭންޝަން އަދި ސްކޭންކުރުމުގެ ޚިދްމަތްތައް އާސަންދައިން އުނިކުރުމަށް، 3 މޭ 2017 ގައި އެންސްޕާގެ ބޯޑުން ނިންމާފައިވާކަމަށްވެސް ރައީސް އޮފީހުން ވިދާޅުވެއެވެ. 

މިގޮތަށް ޢަމަލުކުރުމަކީ، ސަރުކާރުގެ ހުށަހެޅުމެއްނޫންކަމަށާ، އާސަންދައިގެ ޚިދުމަތް ފޯރުކޮށްދިނުމަށް މެދުވެރިވާ އަމިއްލަ ފަރާތްތައް އެކަހެރި ކުރުމަށް ސަރުކާރުން އެއްވެސް ލަފައެއް ދީފައެއްނުވާކަމަށްވެސް ރައީސް އޮފީހުން ވިދާޅުވެއެވެ. 

" މިކަމާގުޅޭ ގޮތުން 6 މޭ 2017 ގައި އެންސްޕާއިން މި ޚިދްމަތް ފޯރުކޮށްދޭ އަމިއްލަ ފަރާތްތަކަށް އެންގި އެންގުމަކީ، ވަކި ތާރީޚެއްގެ ކުރިން ނުވަތަ، ވަކި ތާރީޚެއްގައި ތަންފީޒުކުރުމަށް ސަރުކާރުން އެންސްޕާއަށް އަންގާފައިވާ އެންގުމެއް ނޫންކަންވެސް ފާހަގަކުރަމެވެ. ސަރުކާރުން މިހާރު ވާނީ، ކުރިއެކޭ އެއްގޮތަށް އަމިއްލަ ފަރާތްތައް އާސަންދައިގައި ހިމަނައިގެން ޞިއްޙީ ދާއިރާގެ ކަންކަން ކުރިއަށް ގެންދިއުމަށް އަންގާފައެވެ. އަދި ސަރުކާރުގެ ޚަރަދުތަކުގެ ލީކޭޖް ކުޑަ ކުރުމަށް އެހެން ގޮތްގޮތުން ހައްލު ހޯދައި، އެކަން އަލުން ހުށަހެޅުމަށްވެސް ސަރުކާރުން ވާނީ އަންގާފައެވެ." ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ. 



އާސަންދައަކީ، ދިވެހިރާއްޖޭގެ ހުރިހައި ރައްޔިތުންނަށް އެކަށީގެންވާ ރަނގަޅު ފެންވަރުގެ އަސާސީ ޞިއްޙީ ޚިދްމަތް ލުއިފަސޭހަ ގޮތެއްގައި ލިއްބައިދިނުމުގެ ގޮތުން ޤައުމީ ފެންވަރުގައި ހިންގަމުންގެންދާ އިޖްތިމާޢީ ޞިއްޙީ އިންޝުއަރަންސްގެ ނިޒާމެކެވެ.