ކުޅިވަރު

ދެ ވިކްޓްރީގެ ކުރިމަތިލުމުން ބޭބެ ކުރި ހޯދައިފި


ވިކްޓްރީ އަތުން މިއަދު ބަލިވި ނަމަވެސް އެއްވެސް ވަރަކަށް މާޔޫސް ނުވާކަމަށް ޔުނައިޓެޑް ވިކްޓްރީގެ ކޯޗް މުހައްމަދު ނަޒީހު ބުނެފިއެވެ.

އެސްޓީއޯ މާލޭ ލީގުގައި މިއަދު ހަވީރު ވިކްޓްރީ އަތުން ދެ ލަނޑު އެއް ލަނޑުން ބަލިވި މެޗަށްފަހު ޔުނައިޓެޑް ވިކްޓްރީގެ ކޯޗް މުހައްމަދު ނަޒީހު ބުނީ މެޗުން ބަލިވެގެންދިޔައީ ހެދުނު ވަރަށް އާދައިގެ ގޯސްތަކެއްގެ ސަބަބުން ކަމަށާއި، އެ ގޯސް ވަރަށް ގިނަ ކުޅުންތެރިން ހަދަމުން އަންނަކަމަށެވެ. އޭނާ ބުނީ ބޯޅަ ހިފައިގެން ދުވުމުގެ ބަދަލުގައި ކައިރީގައި ނުވަތަ ފަހަތުގައި ހުންނަ މީހަކަށް ޕާސް ދިނުމަށްފަހު ކުރިއަށް ދުވާނަމަ ކުޅެން ފަސޭހަވެފައި ލިބޭ ޗާންސްތައްވެސް މާ އޯޕަން ވާނެކަމަށެވެ. އަދި މެޗުން ގެއްލިގެންޔަ ތިން ޕޮއިންޓްގެ ސަބަބުން އެއްވެސް ވަރަކަށް މާޔޫސް ނުވާކަމަށް ނަޒީހު ބުންޏެވެ. 

"އަސްލު ދިވެހި ފުޓްބޯޅަ ކުރިއަރުވަން އަބަދުވެސް މަސައްކަތް ކުރަނީ، ހެދޭ ވަރަށް ކުދި މިސްޓޭކްތަކުގެ ސަބަބުން މެޗުން ބަލިވެގެން ދަނީ، މި މެޗުން ބަލިވިނަމަވެސް އެއްވެސްވަރަކަށް މާޔޫސްއެއް ނުވޭ، ދެ ޓީމު އަޅާކިޔާއިރު ވިކްޓްރީ ހަގީގަތުގައިވެސް މާ ރަނގަޅު ޔުނައިޓެޑް ވިކްޓްރީއަށްވުރެ. "ނަޒީހު ބުންޏެވެ.

ވިކްޓްރީގެ ކޯޗް އަލީ ސުޒޭން ބުނީ މި ލިބިގެންދިޔައީ ވަރަށް މުހިންމު ތިން ޕޮއިންޓް ކަމަށާއި، ލީގުގެ ގަދަ ހަތަރެއްގައި އޮތުމަށް މިއީ ވަރަށް މުހިންމު މޮޅެއް ކަމަށެވެ. އޭނާ ބުނީ މެޗުން މޮޅުވުމުގައި ޓީމުގައި ތިބި ސީނިއަރ ކުޅުންތެރިންގެ ފަރާތުން ފެނުނު ކުޅުން ފާހަގަވެގެންދިޔަކަމަށާއި، ލީގުގެ ގަދަ ހަތަރަކަށް އެރޭނެކަމުގެ ވަރަށް ބޮޑު އުއްމީދެއް ލިބިއްޖެކަމަށެވެ.

 "މި ލިބިގެންދިޔައީ ވަރަށް މުހިންމު ތިން ޕޮއިންޓް، ލީގުގައި އިތުރަށް ކުރިއަށްދާން ލިބުނު ވަރަށް ރަނގަޅު ފުރުޞަތެއް މިއީ، ގަދަ ހަތަރެއްގައި ދެމި އޮވެވޭނެކަމުގެ ވަރަށް ބޮޑު ހިތްވަރެއް ލިބިގެން މި ދިޔައީ. "ސުޒޭން ބުންޏެވެ.

މެޗްގައި ފުރަތަމަ ލަނޑު ޖަހާ ކުރި ހޯދީ ޔުނައިޓެޑް ވިކްޓްރީންނެވެ. މި ލަނޑު ފުރަތަމަ ހާފްގައި ކާމިޔާބުކޮށްދިނީ ބިދޭސީ ކުޅުންތެރިޔާ ޒިވްކޮވިޗެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރިން އިތުރު ވަގުތުގައި ވިކްޓްރީއަށް މެޗްގެ ނަތީޖާ ހަމަހަމަކޮށްދިނީ ހަސަން އަދުހަމްއެވެ، ވިކްޓްރީއަށް  މެޗްގައި ލީޑް ނަގައިދިނީ ދެވަނަ ހާފްގައި މުހައްމަދު ރިޝްވާނެވެ. 

މެޗުން ލިބުނު ތިން ޕޮއިންޓާއެކު ވިކްޓްރީ ވަނީ އަށް ޕޮއިންޓާއެކު ތާވަލްގެ ފަސް ވަނައަށް ޖެހިލާފައެވެ. ޔުނައިޓެޑް ވިކްޓްރީ އޮތީ ތިން ޕޮއިންޓާއެކު ތާވަލްގެ ހަތްވަނާގައެވެ. މާލޭ ލީގުގައި މިރޭ ކުޅޭ މެޗްގައި ބައްދަލުކުރާނީ ކްލަބް އީގަލްސްއާއި ނިއުރޭޑިއެންޓް ސްޕޯރޓްސް ކްލަބެވެ.