ތަޢުލީމު

ސްކޫލްތަކުގެ ދަރިވަރުންގެ ތަރިކަ މަހާސިންތާ ބާއްވައިފި


ދީނާއި ޤައުމިއްޔަތަކީ ދިވެހީންގެ ނާރެސްކަމުގައި ހިފަހަށްޓައިދީ މާދަމާގެ ޖީލުތަކަށް އިސްލާމް ދީނާއި ދިވެހިބަހާއި ދިވެހި ޤައުމިއްޔަތު އުފުލައިދިނުމުގެ މަސްއޫލިއްޔަތު އަދާކުރުމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ. ޢާއިޝަތު ޝިހާމް ދަރިވަރުންނަށް އިލްތިމާސްކުރައްވައިފިއެވެ.

ދީނީ ރޫޙާއި ޤައުމިއްޔަތު އާލާކޮށް ދިރުވަން ޢިއްޒަތްތެރި ރައީސުލްޖުމުހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މިދިޔަ މާޗުމަހުގެ 6 ވަނަ ދުވަހު ފަށްޓަވައި ދެއްވި ތަރިކަ މަޝްރޫޢުގެ ދަށުން، ތަޢުލީމީ ދާއިރާއިން ކުރަންވީ ކޮންކަމެއްކަން ކަނޑައަޅައި ވަކި ސިޔާސަތުތައް ނިންމުމުގެ ކުރިން، ދަރިވަރުން މިކަންކަމާމެދު ދެކޭގޮތް ދެނެގަތުމަށް، އެޑިއުކޭޝަން މިނިސްޓްރީން މިއަދު ވަނީ ސްކޫލްތަކުގެ ދަރިވަރުންގެ ތަރިކަ މަހާސިންތާއެއް ބާއްވަވާފައެވެ. 

img:http://s4.psmnews.mv/images/660x400/14942441670761.jpg|އެޑިއުކޭޝަން މިނިސްޓްރީން ބޭއްވެވި ދަރިވަރުންގެ މަހާސިންތާގެ ތެރެއިން / ފޮޓޯ: ޕީއެސްއެމް ނިއުސް

މިރަސްމިއްޔާތުގައި ޝަރަފްވެރިކޮށްދެއްވައި، ވާހަކަފުޅުދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރ ޑރ.ޢާއިޝަތު ޝިހާމް ވިދާޅުވީ ޤައުމީ ލޯބި އާލާކުރުމުގައި ދަރިވަރުން ބޭނުންވަނީ ކޮން ކަމެއްތޯ ބަލައި އެކުދިން ބޭނުންވާ ކަންކަމަށް އަޅައިލެވިގެން މެނުވީ މާނަހުރި ގޮތެއްގައި މަސައްކަތްތަކެއް ކުރިޔަށް ނުގެންދެވޭނޭ ކަމަށް ވިދާޅުވިއެވެ. އަދި އަމާޒަކަށް ވާންވާނީ އެކުދިންގެ ހިތުގައި ޤައުމާއި ދީނަށް ލޯތްބާއި ކުލުނު ޖައްސުވައި ދިވެހިބަހާއި ދިވެހި ސަޤާފަތާއި ދިވެހި ތަރިކައަށް އެކުދިން ޚިދުމަތްކުރާނޭ މަގުތައް ކޮށައިދިނުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިއާއެކު ޅަފަތުގައި ދަރިވަރުންގެ އަޤީދާ ވަރުގަދަކުރުމަށް މަސައްކަތްތަކެއް ކުރެވެމުންދާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

img:http://s3.psmnews.mv/images/660x400/14942442075646.jpg|ދަރިވަރުންގެ މަހާސިންތާ ފެށުމުގެ ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓަރ އާއިޝަތު ޝިހާމް ވާހަކަފުޅުދައްކަވަނީ / ފޮޓޯ: ޕީއެސްއެމް ނިއުސް

"ދަރިވަރުންގެ ޢަޤީދާ ޅަފަތުގައި ވަރުގަދަކުރުމަށް ކީރިތި ޤްރުއާން ގްރޭޑް 1 އިން 7 އަށް މަޖުބޫރުކޮށް ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ކިޔަވައިދެމުންދާކަން ފާހަގަކުރަން. ހަމައެފަދައިން، ދިވެހިރާއްޖެއަކީ އިސްލާމީ ޤައުމަކަށްވެފައި، އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމުދީނުގެ ދުސްތޫރު ކަމަށްވާ ކީރިތި ޤްރުއާން ބާވައިލެއްވުނީ އަރަބި ބަހުން ކަމަށްވެފައި، ފަރުޟު ނަމާދު އަދާކުރެވެނީވެސް އަރަބި ބަހުންކަމުން، އެބަސް ވީހާވެސް ގިނަ ކުދިންނަށް ދަސްކޮށްދިނުމުގެ ބޭނުމުގައި ފެއްޓި މަޝްރޫއުގެ ސަބަބުން މިއަދު ރާއްޖޭގެ 51 ސްކޫލެއްގައި ޢަރަބި ބަސް ދަނީ ކިޔަވައިދެމުން" އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވިއެވެ.  

މި މަހާސިންތާގައި ދަރިވަރުން ތައްޔާރުކޮށްފައިވާ ކަރުދާސްތަކެއް ހުށަހަޅައި އެކަރުދާސްތަކާ ބެހޭގޮތުން މަޝްވަރާކުރާނެއެވެ. އަދި ދަރިވަރުން އެކުދީން ޤައުމިއްޔަތު އާލާކޮށް ދިރުވަން ބޭނުންވަނީ ކޮން ގޮތަކަށް ކިހިނެއްކަމާމެދު މަޝްވަރާކުރާނެއެވެ. މި މަހާސިންތާގައި މާލޭގެ 14 ސްކޫލަކުން ބައިވެރިވާނެއެވެ.