ކުޅިވަރު

ބަލިވިޔަސް ކުޅުންތެރިން ދެއްކި ކުޅުމަށް ސާބަސް - ލޫނާ


މުބާރާތުގައި ވާދަކުރާ އެންމެ ވަރުގަދަ ޓީމް އަތުން ބަލިވިޔަސް ކުޅުންތެރިން ދެއްކި ކުޅުމަށް ސާބަސް ދޭކަމަށް 21 އަހަރުން ދަށުގެ ގައުމީ ނެޓްބޯޅަ ޓީމްގެ އެސިސްޓެންޓް ކޯޗު ކޯޗް އައިޝަތު ލޫނާ މޫސާ ބުނެފިއެވެ.

ދެކުނު ކޮރެޔާގެ ޖިއޮންޖޫގައި މިހާރު ކުރިއަށްދާ އޭޝިއަން ޔޫތް ނެޓްބޯލް ޗެމްޕިއަންޝިޕްގައި މިއަދު ރާއްޖެ ކުޅުނު މެޗުން ތައިލެންޑާއި ވާދަކޮށް ބަލިވީ 60 ޕޮއިންޓް 28 ޕޮއިންޓުންނެވެ. ތައިލެންޑް ވަނީ ގްރޫޕް ސްޓޭޖުގައި ކުޅުނު ފުރަތަމަ މެޗުގައި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ސްރީލަންކާ ބަލިކޮށްފައެވެ.

މިއަދުގެ ފުރަތަމަ ތިން ކުއާޓާރގައި ތަފާތު މޮޅު ކުޅުމާއިއެކު ތައިލެންޑުން ބޮޑު ލީޑެއް ނެގިއެވެ. ދިވެހި ޓީމުންވަނީ ހަތަރު ވަނަ ކުއާޓަރގައި މޮޅު ކުޅުމެއް ދައްކާ ގިނަ ޕޮއިންޓްތަކެއް ސްކޯ ކޮށްފައިއެވެ. މި ކުއާޓަރގެ ސްކޯރއަށް ބަލާއިރު ތައިލެންޑަށް ކުރި ލިބުނީ ކުޑަ ތަފާތަކުން ކަން ފާހަގަކޮށްލެވެއެވެ.

މިއަދުގެ މެޗަށްފަހު ދިވެހި ޓީމްގެ އެސިސްޓަންޓް ކޯޗް އައިޝަތު ލޫނާ މޫސާ ބުނީ މި މެޗަށް ނިކުތްއިރުވެސް ތައިލެންޑްގެ ފެންވަރު އިނގޭކަމަށާއި، މެޗުން ބަލިވިޔަސް ކުޅުންތެރިން ދެއްކި ކުޅުން ވަރަށް ބޮޑަށް ފާހަގަކުރާކަމަށެވެ. މި މެޗަކީ މިހާރުގެ ޖޫނިއަރ ޓީމް މިހާތަނަށް އެންމެ މޮޅަށް ކުޅުނު މެޗްކަމަށްވެސް ލޫނާ ބުންޏެވެ.

ލޫނާ ބުނީ މާލޭގައި ކުޅުނު ޕްރެކްޓިސް މެޗުތަކާއި އަޅާ ބަލާއިރުވެސް ޓީމްގެ ކުޅުން ތަފާތު މޮޅުކަމަށާއި، ޓީމް މިވަގުތުު މިއޮތީ ވަރަށް ރަނގަޅު ފޯމެއްގައި ކަމަށެވެ. އޭނާ ބުނީ ޓީމްގެ މުހިންމު ބައެއް ކުޅުންތެރިން އަދިވެސް އަނިޔާއިން އެއްކޮށް ރަނގަޅުނުވާ ކަމަށާއި، އެ ކުޅުންތެރިން މެޗުގައި ދައްކަމުންދަނީ ފަންސާސް ޕަސެންޓް ކުޅުންކަމަށެވެ. ހުރިހާ ކުދިން ފިޓްނަމަ ނަތީޖާ މިއަށްވުރެ ރަނގަޅުވާނެކަމަށްވެސް ލޫނާ ފާހަގަކުރިއެވެ.

"ވަރަށް ވަރަށް އުފާވެ ހިތްހަމަޖެހިފައި މިހިރީ ކުޅުންތެރިން ދެއްކި ކުޅުމަށް. ތައިލެންޑަކީ ގްރޫޕުގައި އޮތް އެންމެ ވަރުގަދަ އެއް ޓީމް. އެޓިމާއި ދެކޮޅަށް އަނިޔާގައި ތިބި ކުޅުންތެރިން ލައިގެން ދެއްކި ކުޅުމަށް ހަމަ ވަރަށް ހިތްހަމަޖެހިފައި މިހިރީ"

މުބާރާތުގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުގައި ދިވެހި ޓީމް ވަނީ ޕާކިސްތާން ބަލިކޮށްފައެވެ. ދިވެހި ޓީމް ކުޅޭ ތިންވަނަ މެޗުގައި މާދަމާ ނިކުންނާނީ ހޮންކޮންގއާއި ދެކޮޅަށެވެ. ގްރޫޕްގެ ފަހު މެޗުގައި ދިވެހި ޓީމް ނިކުންނާނީ މުބާރާތުގެ އެއްވަނައަށް ރޭންކް ކުރެވިފައިވާ ސްރީލަންކާއާއި ދެކޮޅަށެވެ.