ޚަބަރު

"އިންތިޚާބުގެ ކަންކަން ކުރިއަށް ގޮސްފައިވަނީ އަމާންކަމާއެކު"


ރާއްޖޭގެ ހުރިހާ ރަށެއްގައި އިއްޔެ ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގެ ސަލާމަތީ އެންމެހައި ކަންކަން ކުރިއަށްގޮސްފައިވަނީ އަމާންކަމާއެކު، މާބޮޑު މައްސަލަތަކެއް ނުޖެހިކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސުން ހާމަކުރައްވައިފިއެވެ. 

މޯލްޑިވްސް ޕޮލިސް ސަރވިސުން ވިދާޅުވީ އިންތިޚާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ފުލުހުން ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގެ ދަށުން ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ފުލުހުން ހަރަކާތްތެރިވެފައިވާއިރު އިންތިޚާބާއި ގުޅޭ އެއްވެސް މައްސަލައެއްގައި އެއްވެސް މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިނުވާކަމަށެވެ. އަދި ބައެއްކަހަލަ ކުދި ކުދި މައްސަލަތައް އެކި ހިސާބުތަކުގައި ހިނގައިދިޔަ ނަމަވެސް، ޖުމްލަ ގޮތެއްގައި އިންތިޚާބުގެ ސަލާމަތީ އެންމެހައި ކަންކަންވެސް ނިމިގެން ގޮސްފައިވަނީ އަމާންކަމާއި އޮމާންކަމާއެކުގައިކަމަށް ފުލުހުން ވިދާޅުވެެއެވެ. 

img:http://s3.psmnews.mv/images/660x400/14940742101761.jpg|އިންތިޚާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓެވުމުގައި ފުލުހުން ހަރަކާތްތެރިވަނީ / ފޮޓޯ: ޕީއެސްއެމް

ފުލުހުން ވިދާޅުވީ މިކަމުގައި ރައްޔިތުން ދެއްކެވި ރިވެތި ނަމޫނާއަށް ޝުކުރުއަދާކުރައްވާކަމަށެވެ. އަދި އިންތިޚާބުގެ ކަންކަން ނިމެންދެންވެސް މުޖުތަމަޢުގެ ސުލްހަ މަސަލަސްކަން ޤާއިމްވެ އޮންނާހެން ކަންކަން ބައްޓަން ކުރުމަށް އިންތިޚާބުގައި ވާދަކުރެއްވި އެންމެހައި ކެންޑިޑޭޓުންނާއި އެންމެހައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބިލެއްވި އެހީތެރިކަމާއި އެއްބާރުލެއްވުން ފުލުހުން ފާހަގަކުރައްވައެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް ފުލުހުން ހިންގާ މިފަދަ އޮޕަރޭޝަންތަކުގައި ރައްޔިތުންގެ ފަރާތުން ފުރިހަމަ އެއްބާރުލެއްވުމާއި އެހީތެރިކަން ލިބިގެންދާނެކަމަށް އުންމީދުކުރައްވާކަމަށް ފުލުހުން ވިދާޅުވެއެވެ.