ދުނިޔެ

އިންޑިއާގައި ގޭހުގެ އަސަރުކުރި ދަރިވަރުން ހޮސްޕިޓަލަށް ގެންގޮސްފި


އިންޑިޔާގެ ދިއްލީގެ ތުގްލަގަބާދް ސަރަޙައްދުގައި ލީކުވި ގޭހުގެ އަސަރުކޮށްގެން ތިންސަތޭކަ އެއްހާ ކިޔަވާކުދިން ހޮސްޕިޓަލަށް ގެންގޮސްފިއެވެ.

ގޭސް ލީކުވުމުގެ ސަބަބުން އަސަރުކުރީ ތުގްލަގަބާދް ސަރަޙައްދުގެ ސްކޫލެއް ކަމަށްވާ ރާނީ ޖާންސީ ކަންޔާ ވިދްޔަލާޔާ ސްކޫލްގެ ދަރިވަރުންނަށެވެ. އިންޑިޔާގެ ނެޝަނަލް ޑިޒާސްޓަރ ރެސްޕޮންސް ފޯސް (އެންޑީ.އާރު.އެފް.) ބުނާ ގޮތުގައި ގޭސް ލީކުވީ ރާނީ ޖާންސީ ސްކޫލްގެ ކައިރީގައި އޮތް ކޮންޓޭނަރަކުންނެވެ. ގޭސް ލީކުވުމާއެކު ދިއްލީގެ ފުލުހުންނާއި ނެޝަނަލް ޑިޒާސްޓަރގެ މަސްއޫލުވެރިންނާއި އަލިފާން ނިއްވުމުގެ ޚިދްމަތްދޭ މީހުން ވަނީ އެސަރަޙައްދަށް ގޮސްފައެވެ. މިޙާދިސާއާއި ގުޅިގެން ރާނީ ޖާންސީ ސްކޫލްގެ ހުރިހާ ދަރިވަރުން ކުއްލި ގޮތަކަށް އެސްކޫލުން ނެރުނުއިރު އޭގެ ތެރެއިން ތިންސަތޭކައެއްހާ ދަރިވަރުންގެ ލޮލަށާއި ނޭވާލާ ނިޒާމަށްވަނީ ގޭހުގެ އަސަރު ކޮށްފައެވެ. ހޮސްޕިޓަލުން ފަރުވާދިނުމަށްފަހު މީގެ ތެރެއިން ގިނަކުދިން ވަނީ އެކުދިންގެ ބެލެނިވެރިންނާ ހަވާލުކޮށްފައެވެ. މިޙާދިސާގައި އެއްވެސް ދަރިވަރަކަށް ފުރާނައަށް ނުރައްކާވާފަދަ ގެއްލުމެއް ނުލިބޭކަމަށް އިންޑިޔާގެ މަސްއޫލުވެރިން ވިދާޅުވެއެވެ.

އިންޑިޔާގެ ސަރުކާރުން ބުނެފައިވަނީ މިޙާދިސާ ތަހުޤީޤު ކުރަމުން ގެންދާކަމާއި މިކަމުގައި އިހުމާލެއްވެފައިވާނަމަ އެފަރާތަކާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅާނެކަމަށެވެ.