ކުޅިވަރު

ފުރަތަމަ މެޗުގައި ދިވެހިރާއްޖެއިން ޕާކިސްތާން ލަދު ގަންނަވާލައިފި


އޭޝިއަން ޔޫތް ނެޓްބޯޅަ ޗެމްޕިއަންޝިޕްގައި ދިވެހިރާއްޖެ ކުޅުނު ފުރަަތަމަ މެޗް 42 ޕޮއިންޓްގެ ބޮޑު ތަފާތަކުން ކާމިޔާބުކޮށް ޕާކިސްތާން ލަދު ގަންނަވާލައިފިއެވެ.

21 އަހަރުން ދަށުގެ ކުޅުންތެެރިން ވާދަކުރާ އޭޝިއާގެ އެންމެ ބޮޑު ނެޓްބޯޅަ މުބާރާތުގައި ދިވެހިރާއްޖެ ޕާކިސްތާނާއި ދެކޮޅަށް މިއަދު ކުޅުނު މެޗް ކާމިޔާބުކުރީ 49 ޕޮއިންޓް 7 ޕޮއިންޓުންނެވެ.  

މެޗުގެ ފުރަތަމަ ކުއާޓަރ ނިމުނީ 8-4 ން ދިވެހި ޓީމް ކުރީގައި އޮވެގެންނެވެ. ދެވަނަ ކުއާޓާރގައި ދިވެހި ޓީމުން 21-05 އަށް ތަފާތު ބޮޑުކުރިއެވެ. ތިން ވަނަ ކުއާޓާރ އަދި ހަތަރުވަނަ ކުއާޓަރގައި ދިވެހި ޒުވާން ޓީމުންވަނީ އެޓޭކާއި ޑިފެންސްގައިވެސް މޮޅު ކުޅުމެއް ދައްކާފައެވެ.

ފުރަތަމަ މޮޅާއިއެކު ހިތްހަމަޖެހިފައި ހުރި ކޯޗް އައިމިނަތު ހަލީމް (ދިލް) ބުނީ ދިވެހި ޓީމުން މެޗުގައި ދެއްކި ކުޅުމާއިމެދު ވަރަށް ހިތްހަމަޖެހޭކަމަށާއި، މި މޮޅާއިއެކު 2015 ވަނަ އަހަރުގެ މުބާރާތުން ލިބުނު ރޭންކް އެންމެ ދަށްވެގެން ހާސިލް ވާނެކަމަށެވެ. މުޅި މެޗުގައި ޓީމްގެ ހުރިހާ ކުޅުންތެރިންގެ ކުޅުން ފާހަގަކުރަމުން ދިލް ބުނީ މި ޓީމަށް ލިބިފައިވާ ކުރިއެރުން މި މެޗުން ފެނިއްޖެކަަމަށެވެ. 

"މި މެޗުން މޮޅުވުމާއިއެކު ޓާގެޓް ހާސިލްވެފައި މިއޮތީ، މިހާރު ވިސްނުން ހުރީ ކުރިއަށް ހުރި މެޗުތަކުގައިވެސް ރަނގަޅު ކުޅުމެއް ދައްކަން. މިފަހަރުގެ ރޭންކިންގ ފަސްވަނައަށްވެސް ޖެހިލެވޭނެ ޓީމްގެ ބެސްޓް ދެއްކިއްޖެއްޔާ" ދިލް ބުންޏެވެ.

މެޗަށް ފަހު ޓީމްގެ ކެޕްޓަން ހަނާން ބުނީ ހުރިހާ ކުޅުންތެރިންވެސް ފުރަތަމަ މެޗަށް ތައްޔާރުވިކަމަށާއި، އެންމެންވެސް ދެއްކި ކުޅުމަކީ މާލޭގައި ކުރި ބުރަ މަސައްކަތުގެ ނަތީޖާކަމަށެވެ. ހަނާން ބުނީ އުއްމީދަކީ ކޯޗްގެ އިރުޝާދާއިއެކު ކުރިއަށް ހުރި މެޗުތަކުގައިވެސް މޮޅު ކުޅުމެއް ދެއްކުންކަމަށެވެ.

"އެންމެން ކުރި ބުރަ މަސައްކަތް މިއީ، ވަކި ކުޅުންތެރިއެއް ނެތް، ހުރިހާ އެންމެން ކޯޗް ބުނާ ގޮތަށް ހަދައިން ކުޅުނީމަ ލިބުނު ބޮޑު މޮޅެއް މިއީ، ވަރަށް އުފާވެފައި މިހިރީ" ހަނާން ބުންޏެވެ.

އޭޝިއަން ޔޫތް ނެޓްބޯޅަ ޗެމްޕިއަންޝިޕްގައި ދިވެހިރާއްޖެ ކުޅޭ ދެވަނަ މެޗުގައި ނިކުންނާނީ ތައިލެންޑާއި ދެކޮޅަށެވެ. 

މުބާރާތުގެ ފުރަތަމަ މެޗުގައި ވާދަކޮށްފައިވަނީ ދެކުނު ކޮރެޔާ އަދި ޗައިނީސް ތައިޕޭއެވެ. މި މެޗް ކާމިޔާބުކުރީ ޗައިނީސް ތައިޕޭއެވެ. 

މި މެޗްގެ ކުރިން މުބާރާތުގެ ހުޅުވުމުގެ ރަސްމިއްޔާތުވަނީ ބާއްވާފައެވެ. މުބާރާތް ރަސްމީކޮށް ފައްޓަވައިދެއްވީ އޭޝިއަން ނެޓްބޯޅަ ފެޑެރޭޝަން އެންއޭއެފްގެ އިސްވެރިންނާއި، ޖިއޮންޖޫ ނެޓްބޯޅަ އެސޯސިއޭޝަންގެ އިސްވެރިންގެ އިތުރުން ޖިއޮންޖޫ ސްޕޯޓްސް ކައުންސިލްގެ އިސްވެރިންނެވެ.

މިއަދު ކުޅުނު ފަހު މެޗުގައި ތައިލެންޑުން ވަނީ އެންމެ ފަހުގެ ޗެމްޕިއަން ސްރީލަންކާ ސިއްސުވާލާފައެވެ. ފުރަތަމަ ކުއާޓާރގައި އަށް ޕޮއިންޓްގެ ލީޑް ނަގައި ކުރީގައި އޮތް ތައިލެންޑުން ލަންކާގެ މައްޗަށް ކުރި ހޯދީ ފަހު ދެ ކުއާޓާރ ގައި ދެއްކި މޮޅު ކުޅުމާއިއެކުގައެވެ. އެއީ 43 ޕޮއިންޓް 38 ޕޮއިންޓުންނެވެ.