ފަރަންސޭސިވިލާތުގެ ރިޔާސީ ރޭހުގެ ކުރީގައި އުޅުއްވާ އެމަނުއެލް މެކްރޮންގެ ކެންޕޭން މަސައްކަތްތަކުގައި ބޭނުންކުރާ ކޮންޕިއުޓަރުތަކެއް ހެކްކޮށްފިއެވެ.
މެކްރޮންގެ ކެންޕޭން އޮފީހުން ބުނީ ކޭންޕޭނުގެ މަސައްކަތްތަކުގައި ބޭނުންކުރާ ޕްރޮގްރާމްތަކާއި އީމެއިލްތައް ހެކްކޮށް ގިނަ ޢަދަދެއްގެ ލިޔެކިޔުންތައް ލީކުކޮށްލާފައިވާ ކަމަށެވެ. މިކަމުގެ ސަބަބުން އެލިޔެކިޔުންތަކަށް ބަދަލުގެނެސް އޮޅުވާލުމުގެ ފުރުޞަތު އެކަންކުރި ބަޔަކަށް ލިބިފައިވާ ކަމަށްވެސް މެކްރޮންގެ ކެންޕޭން އޮފީހުން ބުނެއެވެ. ހުކުރު ދުވަހު މެކްރޮންގެ ކެންޕޭނަށް މިމައްސަލަ ކުރިމަތިވެފައި މިވަނީ ފަރަންސޭސިވިލާތުގެ ރިޔާސީ އިންތިޚާބުގެ ކެންޕޭން ރަސްމީ ގޮތުން ނިންމާލައި އިންތިޚާބީ ހިމޭންކަމަށް ދިޔުމަށް އެންމެ ހައެއްކަ ގަޑިއިރަށް ވެފައިވަނިކޮށެވެ.
ފަރަންސޭސިވިލާތުގެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން އަންނަ އާދީއްތަ ދުވަހުގެ ހެނދުނު ފެށުމަށް ހަމަޖެހިފައިވާއިރު މިބުރުގައި މެކްރޮންއާއެކު ވާދަކުރައްވަނީ ފަރަންސޭސިވިލާތުގެ ކަނާތުފިޔައިގެ ހައްދު ފަހަނަޅާފައިވާ ލީޑަރު މޭރީ ލުޕޭންނެވެ. ލިޕޭންއަކީ ފަރަންސޭސިވިލާތުގެ މުސްލިމުން އެޤައުމުން ބޭރުކޮށް އެހެން ޤައުމުތަކުން އެޤައުމަށް މީހުން ހިޖުރަކުރުން މަނާކުރުމަށް ގޮވާލައްވާ ހަރުކަށި ވިސްނުމުގެ ބޭފުޅެކެވެ. ފަރަންސޭސިވިލާތުގެ ސިޔާސީ ގިނަ ލީޑަރުންވަނީ ލުޕޭންއަށް ވޯޓު ނުދިނުމަށް އެޤައުމުގެ ރައްޔިތުންނަށް އިލްތިމާސް ކުރައްވާފައެވެ.