ދުނިޔެ

އެމެރިކާގެ އެންމެ ޒަމާނީ ހަތިޔާރު ސަޢުދީ ޢަރަބިއާއަށް ވިއްކަނީ


އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ސަޢުދީ ޢަރަބިއާއަށް ކުރައްވަން ހަމަޖެހިފައިވާ ދަތުރުފުޅާ ދިމާކޮށް އެތައް ބިލިއަން އެމެރިކާ ޑޮލަރެއްގެ ހަތިޔާރު ސަޢުދީ ޢަރަބިއާއަށް ވިއްކުމުގެ އެއްބަސްވުންތަކެއްގައި ސޮއިކުރުމަށް އެމެރިކާ މަސައްކަތް ކުރަމުންދާ ކަމަށް ރޮއިޓާސުން ބުނެފިއެވެ. މިކަމާ ގުޅުންހުރި ބައެއް މަސްއޫލުވެރިންނާ ހަވާލާދީ ރޮއިޓާސުން ބުނެފައިވަނީ ޓްރަމްޕްގެ ސަރުކާރުގެ މަޤްޞަދަކީ ސަޢުދީ ޢަރަބިއާއަށް އެތައް ބިލިއަން އެމެރިކާ ޑޮލަރެއްގެ ހަތިޔާރު ވިއްކައިގެން އެމެރިކާގެ އިޤްތިޞާދު ވަރުގަދަ ކުރެވޭނެ ފުރުޞަތުތަކެއް ހޯދުން ކަމަށެވެ.

ސަޢުދީ ޢަރަބިއާގެ ސިފައިންނަށް ބޭނުންވާ ހަތިޔާރާއި ތަމްރީނާއި ހަނގުރާމައިގެ ވަޞީލަތްތަކާއި އަސްކަރީ އިންފްރާސްޓްރަކްޗަރ ޒަމާނުއްސުރެ ސަޢުދީ ޢަރަބިއާއަށް ފޯރުކޮށްދޭ މައިގަނޑު ޤައުމަކީ އެމެރިކާއެވެ. އަދި އެމެރިކާގައި އުފައްދާ ހަތިޔާރު ފާއިތުވި ސާޅީހަކަށް އަހަރު ތެރޭގައި އެންމެ ގިނަ އިން ގަނެފައިވާ އެއް ޤައުމަކީ ވެސް ސައޫދީ އަރަބިއެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ޤައުމުން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި އެންމެ ފުރަތަމަ ޒިޔާރަތް ކުރެއްވުމަށް ނިންމަވާފައިވަނީ ސައޫދީ އަރަބިޔާއަށެވެ. އެހެންކަމުން މިދަތުރުފުޅާ ދިމާކޮށް އެތައް ބިލިއަން އެމެރިކާ ޑޮލަރެއްގެ ހަތިޔާރު ސަޢުދީ ޢަރަބިއާއަށް ވިއްކައިގެން ބޮޑު ނަފާއެއް ހޯދުމަކީ ޓްރަމްޕްގެ ސަރުކާރުގެ ވަރަށް ބޮޑު މަޤްޞަދަކެވެ.

img:http://s3.psmnews.mv/images/660x400/14895606994525.jpg|އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް އާއި ސަޢުދީ ޢަރަބިއާގެ ވަލީ އަހުދުގެ ނައިބު، ޕްރިންސް މުހައްމަދު ބިން ސަލްމާން ވައިޓް ހައުސްގައި ބައްދަލުކުރައްވަނީ

ޓްރަމްޕްގެ ދަތުރުފުޅާ ދިމާކޮށް އެމެރިކާއާއި ސަޢުދީ ޢަރަބިއާއާއި ދެމެދު ސޮއިކުރުމަށް އެމެރިކާގެ މަސްއޫލުވެރިން މަސައްކަތްކުރާ ހަތިޔާރާ ގުޅޭ އެއްބަސްވުންތަކުގެ ތެރޭގައި ކުރީގެ ރައީސް ބަރަކް އޮބާމާގެ ދުވަސްވަރު ވާހަކަ ދެކެވި ނަމަވެސް އަދި އެއްބަސްވުމަކާ ހަމައަށް އާދެވިފައިނުވާ އެގާރަ ބިލިޔަން އެމެރިކާ ޑޮލަރުގެ އެއްބަސްވުންތަކާ ސަޢުދީ ޢަރަބިއާއިއެކު މުޅިން އަލަށް ސޮއިކުރަން އެމެރިކާއިން ބޭނުންވާ އެތައް ބިލިޔަން އެމެރިކާ ޑޮލަރެއްގެ ހަތިޔާރުގެ އެއްބަސްވުންތައް ހިމެނެއެވެ. މި އެއްބަސްވުންތަކުގެ ތެރޭގައި ސެޓަލައިޓްގެ އެހީގައި އިލެކްޓްރޯނިކް ހަނގުރާމަ ކުރުމުގެ ޤާބިލްކަން ލިބިގެންވާ އެންމެ ޒަމާނީ ޓެކްނޮލޮޖީގައި އެމެރިކާ އުފައްދާފައިވާ ހަނގުރާމަމަތީ މަނަވަރުތަކާއި އެމަނަވަރުތަކުގައި ޙަރަކާތްތެރިވާނެ ސަޢުދީ ޢަރަބިއާގެ ސިފައިން ތަމްރީންކޮށްދިނުމާއި ކަމާގުޅޭ ރާޑަރުތަކާއި ސްޕެއަރ ޕާޓްސްތައް ފޯރުކޮށްދިނުން ހިމެނެއެވެ. މީގެ އިތުރުން ދެކުނު ކޮރެއާގައި އެމެރިކާ ދާދިފަހުން ޤާއިމުކުރި ޓާމިނަލް ހައި އެލްޓިޓިއުޑް އޭރިޔާ ޑިފެންސް ނުވަތަ "ތާޑް" މަރުކާގެ މިސައިލް އައްޑަނައިގެ ނިޒާމެއް ސަޢުދީ ޢަރަބިއާއަށް ވިއްކުމާއި އެޤައުމުގެ ސިފައިންނަށް ބޭނުންވާ އެތައް ބިލިޔަން އެމެރިކާ ޑޮލަރެއްގެ އާދައިގެ ހަތިޔާރު ވެސް އެޤައުމަށް ވިއްކަން ޓްރަމްޕްގެ ސަރުކާރުން ބޭނުންވެއެވެ.

ސަޢުދީ ޢަރަބިއާގެ އަވަށްޓެރި އީރާނަކީ ނިއުކްލިޔަރ ޤާބިލްކަން ލިބިފައިވާ ޤާއުމެއްގެ އިތުރުން މިސައިލް ޓެކްނޮލޮޖީއާއި އެނޫންވެސް ބަރުހަތިޔާރު ތަރައްޤީކުރާ ޤައުމަކަށްވެފައި އީރާނާއި ސަޢުދީ ޢަރަބިއާއާއި ދެމެދުގައި ވަރުގަދަ ދުޝްމަން ކަމެއް އޮތުމަކީ އެމެރިކާގެ އަގުބޮޑު ޒަމާނީ ބަރުހަތިޔާރު ސަޢުދީ ޢަރަބިއާއަށް ވިއްކުމަށް ލިބޭ ރަނުގެ ފުރްސަތެކެވެ. މީގެ އިތުރުން ޔަމަންގެ ހަނގުރާމައިގައި ސީދާ ގޮތެއްގައި ސަޢުދީ ޢަރަބިއާއިން ބައިވެރިވެ ހަނގުރާމަ ކުރަމުން ގެންދިޔުމަކީ ވެސް ސަޢުދީ ޢަރަބިއާއަށް ގިނަ ޢަދަދެއްގެ ހަތިޔާރު ވިއްކުމަށް ލިބޭ ފުރްޞަތެއްކަމަށް ޓްރަމްޕްގެ ސަރުކާރުން ދެކެއެވެ.