ޚަބަރު

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ވޯޓުލުން ކުރިއަށް


ކައުންސިލް އިންތިޚާބުގެ ވޯޓުލުން ފެށިއްޖެއެވެ.

ލޯކަލް ކައުންސިލްތަކުގެ ޤާނޫނުގެ ދަށުން މިއަދު ކުރިއަށްދާ ކައުންސިލްތަކުގެ އިންތިޚާބަކީ މިގޮތަށް ބާއްވާ ތިންވަނަ އިންތިޚާބެވެ. މިއަހަރު މި އިންތިޚާބަށް ވޯޓު ދިނުމުގެ ހައްޤު ލިބިފައިވާ 255987 މީހުން ތިބިއިރު މިއަހަރުގެ ކައުންސިލް އިންތިޚާބަށް 1487 ކެންޑިޑޭޓަކު ކުރިމަތިލާފައިވެއެވެ.

img:http://s2.psmnews.mv/images/660x400/14940524790264.jpg|ލޯކަލް ކައުންސިލް އިންތިޚާބު 2017 ގައި މީހަކު މާލޭގައި ބަހައްޓާފައިވާ ފޮށްޓަކަށް ވޯޓު ލަނީ / ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައި ވޯޓުލުން ދަނީ ކުރިއަށް

ވަކިވަކި ޕާޓީތަކަށް ބަލާއިރު މިއަހަރުގެ ކައުންސިލް އިންތިޚާބުގައި ރާއްޖޭގައި އުފެދިފައިވާ ސިޔާސީ ޕާޓީތަކުގެ ތެރެއިން 5 ޕާޓީއަކުން ވާދަކުރެއެވެ. އެގޮތުން ކައުންސިލް އިންތިޚާބަށް އެންމެ ގިނަ ކެންޑިޑޭޓުން ނެރުނު ޕީޕީއެމްއިން ޖުމްލަ 523 ކެންޑިޑޭޓަކު އިންތިޚާބުގައި ވާދަކުރާއިރު އެމްޑީޕީގެ ފަރާތުން އިންތިޚާބުގައި ވާދަކުރަނީ 469 ކެންޑިޑޭޓުންނެވެ. ޖުމްހޫރީ ޕާޓީ، ޖޭޕީގެ ފަރާތުން 93 ކެންޑިޑޭޓަކު އިންތިޚާބުގައި ވާދަކުރާއިރު އެމްޑީއޭގެ ފަރާތުން އިންތިޚާބުގައި ވާދަކުރަނީ 50 ކެންޑިޑޭޓުންނެވެ. ޑީއާރްޕީގެ ފަރާތުން 1 ކެންޑިޑޭޓަކު އިންތިޚާބުގައި ވާދަކުރާއިރު އަމިއްލަ ގޮތުން 363 ކެންޑިޑޭޓަކު މިއަހަރުގެ ކައުންސިލް އިންތިޚާބުގައި ވާދަކުރާކަންވެސް ފާހަގަކޮށްލެވެއެވެ.

img:http://s3.psmnews.mv/images/660x400/14940403055919.jpg|ކައުންސިލް އިންތިޚާބުގެ ވޯޓްލުން ކުރިއަށްދަނީ-

ލޯކަލް ކައުންސިލް އިންތިޚާބުގެ ވޯޓުލުން މިއަދު ކުރިއަށްދާއިރު ހަތަރު ރަށު ކައުންސިލަކަށް އަދި އެއް އަތޮޅު ކައުންސިލަކަށް ކެންޑިޑޭޓުން ވަނީ އިންތިޚާބަކާ ނުލާ ހޮވިފައެވެ. އެއީ ރ. ކިނޮޅަހު ކައުންސިލަށް އިންތިޚާބުވި އަމިއްލަ ތިން ކެންޑިޑޭޓުންނާއި އދ. ދިއްދޫ ކައުންސިލްގެ ގޮނޑިއަށް ހޮވި ޕީޕީއެމްގެ ދެ މެމްބަރުންނާއ މިނިވަން އެއް މެމްބަރުންނެވެ. އިންތިޚާބަކާ ނުލާ ރަތްމަންދޫ ކައުންސިލުގެ ތިން ގޮނޑިވެސް މިނިވަން ތިން ކެންޑިޑޭޓުން  ކާމިޔާބުކުރެއްވިއިރު ތ. ގުރައިދޫ ކައުންސިލްގެ ތިން ގޮނޑި ކާމިޔާބު ކުރެއްވީ ޕީޕީއެމްގެ މެމްބަރުންނެވެ. ހދ. އަތޮޅު ކައުންސިލްގެ ނޮޅިވަރަމް ދާއިރާގެ ގޮނޑި އެމްޑީޕީގެ ކެންޑިޑޭޓަކު ވަނީ އިންތިޚާބަކާ ނުލާ ކާމިޔާބު ކުރައްވާފައެވެ.

img:http://s2.psmnews.mv/images/660x400/14940485135846.jpg|ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ވޯޓް ލައްވަނީ- ފޮޓޯ: ޕީއެސްއެމް

މިއަހަރުގެ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ޖުމްލަ 422 ވޯޓު ފޮށި ބަހައްޓާފައިވެއެވެ. އެގޮތުން މާލޭގައި ޖުމްލަ 107 ވޯޓު ފޮށި ބަހައްޓާފައިވާއިރު، މާލޭގެ ރައްޔިތުންނަށް ޚާއްސަކޮށްގެން މާލޭގައި 55 ވޯޓު ފޮށި ބަހައްޓާފައިވެއެވެ. މާލޭގައި އަތޮޅުތަކުގެ ރައްޔިތުންނަށް ޚާއްސަކޮށްގެން 52 ވޯޓު ފޮށި ބަހައްޓާފައިވާއިރު އަތޮޅުތަކުގައި ޖުމްލަ 301 ވޯޓު ފޮށި ބަހައްޓާފައިވެއެވެ. ރިސޯޓުތަކުގައި ބަހައްޓާފައިވަނީ ޖުމްލަ 7 ވޯޓު ފޮށްޓެވެ. އެއީ ބަނޑޮހާއި ރީތިރަށާއި ފެންފުއްޓާއި ވެލައްސަރާއި ކުރަމައްޗާއި ކުރުނބާ އަދި ކޮންރެޑް މޯލްޑިވްސްއެވެ. އިންޑަސްޓްރިއަލް ރަށްރަށުގެ ތެރެއިން ވޯޓު ފޮށި ބަހައްޓަނީ ހަމައެކަނި ތިލަފުށީގައެވެ. ޖަލުތަކުގައި ޖުމްލަ 4 ވޯޓު ފޮއްޓެއް ބަހައްޓާފައިވެއެވެ. އެއީ މާލޭޖަލާއި މާފުށިޖަލާއި ހިންމަފުށި އައްސޭރި ޖަލު އަދި ދޫނިދޫ ޖަލުގައެވެ. ރާއްޖެއިން ބޭރުގައި ވޯޓު ފޮށި ބަހައްޓާފައިވަނީ ހަމައެކަނި ކޮލޮމްބޯގައެވެ.