ވިޔަފާރި

ލަންކާއަށް ދަތުރުކުރި ދިވެހިންގެ އަދަދު މަދުވެއްޖެ


މިއަހަރުގެ އޭޕްރީލްމަހުގެ ނިޔަލަށް ސްރީލަންކާއަށް 24،600 އަށްވުރެ ގިނަ ދިވެހިން ދަތުރުކޮށްފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ. މި ޢަދަދަކީ، މިދިޔަ އަހަރުގެ އެމުއްދަތާއި އަޅާބަލާއިރު ތޭރަ އިންސައްތަ ދަށް ޢަދަދެކެވެ.

ސްރީލަންކާގެ ޓޫރިޒަމް ޕްރޮމޯޝަން އޮފީހުން ޢާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން ހުސްވި އޭޕްރީލްމަހު ލަންކާއަށް ދަތުރުކޮށްފައިވަނީ، ފަސްހާހަށްވުރެ ގިނަ ދިވެހިންނެވެ. ރާއްޖެއަކީ، ލަންކާއަށް އެންމެ ގިނަ ޢަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރާ ދިހަ ޤައުމުގެ ތެރޭގައި ހިމެނޭ ޤައުމެކެވެ. އެހެންނަމަވަސް މިއަހަރުގެ މިހާތަނަށް ކޮންމެ މަހަކުވެސް ލަންކާއަށް ދާ ދިވެހިންގެ ޢަދަދު މިދިޔަ އަހަރުގެ އެމުއްދަތާއި އަޅާބަލާއިރު ދަނީ ދަށްވަމުންނެވެ.

އޭޕްރީލްމަހުގެ ނިޔަލަށް ލަންކާއަށް އެންމެ ގިނައިން ދަތުރުކޮށްފައިވަނީ، އިންޑިއާގެ ފަތުރުވެރިންނެވެ. އެގޮތުން މިއަހަރުގެ ފުރަތަމަ ހަތަރުމަސް ދުވަހުގެ ތެރޭގައި އިންޑިއާއިން ލަންކާއަށް ސަތޭކަ ދިހަ ހާހަށްވުރެ ގިނަ މީހުން ދަތުރުކޮށްފައިވެއެވެ. ދެވަނައަށް އެންމެ ގިނައިން ލަންކާއަށް ގޮސްފައިވަނީ، ޗައިނާގެ ފަތުރުވެރިންނެވެ. މިއަހަރުގެ މާޗުމަހުގެ ނިޔަލަށް ލަންކާއަށް ހަތްސަތޭކަ ފަންސާސް ހާހަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. މިއީ، މިދިޔަ އަހަރުގެ އެ މުއްދަތާއި އަޅާބަލާއިރު ހައެއް އިންސައްތަ އިތުރު ޢަދަދެކެވެ.