ކުޅިވަރު

"މިއީ ފަހު ދައުރު، އާ ލީޑަރޝިޕެއް އުފައްދަން މަސައްކަތް ކުރާނަން"


މިއީ އޮލިމްޕިކް ކޮމެޓީގެ ރައީސްކަމުގެ ފަހު ދައުރު ކަމަށާއި، މި ދައުރު ނިމޭއިރު ބޮޑެތި ބަދަލުތަކެއް އޮލިމްޕިކް ކޮމެޓީއަށް ގެންނަވާނެކަމަށް އޮލިމްޕިކް ކޮމެޓީގެ ރައީސް މުހައްމަދު ޝަވީދު ވިދާޅުވެއްޖެއެވެ.

ރޭ ހޮޓެލް ޖެންގައި ބޭއްވި އޮލިމްޕިކް ކޮމެޓީގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގައި ދެވަނަ ދައުރަކަށް އޮލިމްޕިކް ކޮމެޓީގެ ރައީސްގެ މަޤާމަށް ހޮވުމުން ޝަވީދު ވިދާޅުވީ އަބަދުވެސް ކުޅިވަރު ކުރެއެރުވުމަށް މަސައްކަތް ކުރައްވަން ބޭނުންފުޅުވާކަމަށާއި، އޮލިމްޕިކް ކޮމެޓީގައި ދެން ހޭދަކުރާ ދައުރަށްފަހު އާ ލީޑާރޝިޕެއް މި ދާއިރާއަށް ނެރެން އެބަ ޖެހޭކަމަށެވެ. އެގޮތުން ކުރިއަށް އޮތް ތަނުގައި އޮލިމްޕިކް ކޮމެޓީގެ މަޤާމްތަކަށް އަންނާނެ މީހުން ތައްޔާރުކުރުމަށް މިދައުރުގައި އެގްޒެކްޓިވް ބޯޑުގެ އިތުރުން ޖޫނިއަރ އެގްޒެކްޓިވް ބޯޑެއް އޮލިމްޕިކް ކޮމެޓީން ގެންގުޅޭނެ ކަމަށް ޝަވީދު ވިދާޅުވިއެވެ. މިވަގުތު އެންމެ ބޮޑު އިސްކަމެއް ދޭން ޖެހިފައިވަނީ ރާއްޖޭގެ ކުޅިވަރު ގާނޫނާއި ދުނިޔޭގެ އޮލިމްޕިކް ކައުންސިލާ، އެއްގޮތްވާގޮތަށް އެމްއޯސީގެ އަސާސީ ޤަވާޢިދު އިސްލާޙު ކުރަން ކަމަށާއި، އޭގެ ތެރޭގައި ހިންގުމުގެ ދާއިރާއަށް ގެންނަ ބަދަލުތައް ހިމެނޭނެކަމަށް ޝަވީދު ވިދާޅުވިއެވެ. 

"މިވަގުތު އެންމެ ބޮޑު އިސްކަމެއް ދޭން ޖެހިފައިވަނީ އަސާސީ ޤަވާޢިދަށް ބަދަލުގެނައުން، އަދި ހިންގުމުގެ ދާއިރާއަށްވެސް ބޮޑެތި ބަދަލުތަކެއް ގެންނަން އެބަޖެހޭ، އެ ބަދަލުތަކުތެ ތެރޭގައި ތިން ނައިބު ރައީސުން ބޭތިއްބުމާއި، ޖެނެރަލް ސެކެޓްރީއާއި، ހަޒާންދާރުގެ މަޤާމް އިދާރީ މަޤާމަކަށް ހެދުން ހިމެނޭ. "ޝަވީދު ވިދާޅުވިއެވެ.

އިންޓަރނޭޝަނަލް އޮލިމްޕިކް ކޮމެޓީން ބާރު އަޅާފައިވަނީ ޖުލައި މަހުގެ ފަސްވަނަ ދުވަހުގެ ކުރިން އަސާސީ ގަވާޢިދު އިސްލާޙު ކުރަން ފޮނުވުމަށެވެ. ރޭގެ ކޮންގްރެސްގައި އަސާސީ ޤަވާޢިދަށް އިސްލާޙު ގެނައުމުގެ ވާހަކަ އޮތް ނަމަވެސް އެ އައިޓަމް ކުރިއަށް ނުގެންދަން ނިންމީ މައިނޯރިޓީ އަޑުވެސް އަސާސީ ގަވާޢިދު އިސްލާޙު ކުރުމުގެ މަރުޙަލާގައި ފޯރުކޮށްދިނުމަށްކަމަށް ޝަވީދު ވިދާޅުވިއެވެ. އަންނަ އަހަރުން ފެށިގެން ހުރިހާ ކުޅިވަރުތަކެއް ޝާމިލްވާގޮތަށް ނެޝަނަލް އޮލިމްޕިކް އެވޯޑެއް ތަޢާރަފް ކުރައްވާނެކަމަށާއި، އޮލިމްޕިކް ކޮމެޓީއަކީ ވަކިބަޔަކަށް ބަރޯސާވާން ނުޖެހޭ މިނިވަން ކަމާއެކު މަސައްކަތް ކުރުމުގެ ބާރު އޮތް އިންސްޓިޓިއުޓަކަށް ހައްދަވާނެކަމަށް ޝަވީދު ވިދާޅުވިއެވެ.

އާ އެކްސްކޯގެ ދައުރު ފެށޭނީ މިއަހަރުގެ ޖުލައިމަހުގެ 12 ވަނަ ދުވަހުއެވެ. އޮލިމްޕިކް ކޮމިޓީގެ ދައުރަކީ 4 އަހަރެވެ. ކުރިއަށް އޮތް ދައުރަށް އެކްސްކޯއަށް މެމްބަރުން ހަމަޖެހިގެންދިޔައީ ވާދަކުރާނެ ފަރާތްތަކެއް ނެތުމުން އިންތިޚާބަކާ ނުލައެވެ.

އޮލިމްޕިކް ކޮމިޓީގެ އާ އެކްސްކޯ

ރައީސް: މުހައްމަދު ޝަވީދު (އެފްއޭއެމް)ނައިބުރައީސް: އަހްމަދު ލަތީފު ސީވިޑް (ޓީޓީ އެސޯސިއޭޝަން)ސެކެޓްރީ ޖެނެރަލް: އަހްމަދު މަރުޒޫގް (ސާރފިން އެސޯސިއޭޝަން)ހަޒާންދާރު: ހުސައިން ރަޝީދު (ޗެސް ފެޑްރޭޝަން)އޮލިމްޕިކް ޓީމް ސްޕޯޓްސް: ބާސްކެޓްބޯލް އެސޯސިއޭޝަން އަދި ހޭންޑްބޯލް މޯލްޑިވްސްއިންޑަވިޖުއަލް ސްޕޯޓްސް: ސްވިމިން އެސޯސިއޭޝަން، ބެޑްމިންޓަން އެސޯސިއޭޝަން އަދި ޓޭބަލް ޓެނިސް އެސޯސިއޭޝަންނޯން އޮލިމްޕިކް ސްޕޯޓްސް: ޕޫލް ބިލިއަޑް އެސޯސިއޭޝަން އަދި ބޮޑީ ބިޔުލްޑް ފެޑްރޭޝަންއަންހެން މެންބަރުންގެ ގޮތުގައި:އާމިނަތު އަލީ (ނެޓްބޯޅަ އެސޯސިއޭޝަން)ޔާސްމީން އަބްދުﷲ (ވީއޭއެމް)މުނާ އަހްމަދު އައްބާސް (ޝޫޓިން އެސޯސިއޭޝަން)