ޚަބަރު

ހުރިހާ ފުލުހުންނަށް ރަމަޟާން މަހުގެ ޢިނާޔަތް ދޭން ނިންމައިފި


ފުލުހުންގެ މުވައްސަސާގައި މަސައްކަތްކުރާ ކޮންމެ މުވައްޒަފަކަށް ރަމަޟާން މަހުގެ މުނާސަބަތުގައި ޚާއްޞަ ޢިނާޔަތެއް ދިނުމަށް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު އަރީފް ނިންމަވައިފިއެވެ.

ފުލުހުންގެ އިދާރާއިން ހާމަކުރާގޮތުގައި މި ނިންމެވުމާއެކު މިދިޔަ އަހަރެކޭވެސް އެއްފަދައިން މިއަހަރުގެ ރަމަޟާން މަހުވެސް ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީ ޙިއްސާވާ ކުންފުނިތަކުގެ ފައިދާއިން ފުލުހުންގެ މުވައްސަސާގައި މަސައްކަތްކުރާ ކޮންމެ މުވައްޒަފަކަށް 600 ރުފިޔާގެ ތަކެތި ޢިނާޔަތެއްގެ ގޮތުގައި ދިނުމަށްވަނީ ހަމަޖެހިފައެވެ.

މިދިޔަ އަހަރުގެ ރަމަޟާން މަހުވެސް ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީން ވަނީ ފުލުހުންގެ މުވައްސަސާގައި މަސައްކަތްކުރާ ކޮންމެ މުވައްޒަފަކަށް ރަމަޟާން މަހުގެ އިނާޔަތުގެ ގޮތުގައި ތަކެތި ބަހާފައިވެއެވެ.

ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީއަކީ ފުލުހުންނައި ފުލުހުންގެ މަޤާމުތަކުގައި އުޅުމަށްފަހު ޝަރަފްވެރިކަމާއެކު ރިޓަޔަރ ކުރާ ފަރާތްތަކާއި، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ވަޒީފާގައި އުޅޭ މުވައްޒަފުންނާއި މި އެންމެހާ ފަރާތްތަކުގެ ޢާއިލާތަކުގެ ވެލްފެއަރ ކަންތައްތައް ރަނގަޅުކުރުމާއި އިޤްތިޞާދީ ފުދުންތެރިކަން އިތުރުކުރުމާއި އިޖްތިމާޢީ ގުޅުން ބަދަހިކުރުމަށް މަސައްކަތްކުރުމުގެ މަޤުޞަދުގައި 2012 ވަނަ އަހަރު އުފައްދާފައިވާ ކުންފުންޏެކެވެ.