ސިޔާސީ

2018 ވަނަ އަހަރުވެސް ހުންނަވާނީ ރައީސް ޔާމީނާއެކު - މޫސާ މަނިކު


ރައީސުލްޖުމްހޫރިއްޔާ ޢަބްދު ﷲ ޔާމީން އަބްދުލްޤައްޔޫމް، ކުރިއަށް ވަޑައިގަންނަވަނީ ރާއްޖެ ތަރައްޤީކޮށް ކުރިއެރުވުމަށް ކަމަށް ވަނީނަމަ 2018 ވަނަ އަހަރުވެސް ހުންނަވާނީ އެމަނިކުފާނުގެ އަރިހުގައި ކަމަށް ރައްޔިތުން މަޖިލީހުގެ ނާއިބު ރައީސް މޫސާ މަނިކު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ރޭ މާލެ ހުޅަނގު ފަރާތުގައި ބޭއްވި ޕީޕީއެމް ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޕީޕީއެމްއިން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ނާއިބް ރައީސް އަދި ހުޅުހެންވޭރު ދާއިރާގެ މެމްބަރު، މޫސާ މަނިކު ވިދާޅުވީ ރައީސް ޔާމީނާއި އެކު އެމަނިކުފާނު ހުންނަވަން ނިންމެވީ އެއްވެސް ބޭފުޅެއްގެ އަދި ސަރުކާރު ތެރެއިން އެއްވެސް ޕްރެޝަރެއް ކޮށްގެން ނޫން ކަމަށެވެ. ރާއްޖޭގައި ސިޔާސީ ގޮތުން މާމޮޅެތި ބަޔަކު ނުއުޅޭ ކަމަށާއި ކޮންމެ ބަޔަކުވެސް އުޅެނީ ޤައުމު ހަވަރަށް ދީފައި ތިމާގެ މޮޅު ވާހަކަތައް ދައްކަން ކަމަށް މޫސަ ވިދާޅުވިއެވެ.

ރައްޔިތުން މަޖިލީހުގެ ނާއިބު ރައީސް މޫސާ މަނިކު ވިދާޅުވީ ފިކުރާ ޚިޔާލު ތަފާތު ވުމަކީ މައްސަލައެއް ނޫން ކަމަށެވެ. އަދި އެ ތަފާތުތަކާއެކުވެސް ރައްޔިތުންނަށް ޚިދުމަތް ކުރުމަކީ ކުރަންޖެހޭ ކަމެއް ކަމަށް މޫސަ ވިދާޅުވިއެވެ. ސިޔާސީ އިދިކޮޅު ފަރާތްތަކަށް ފާޑުވިދާޅުވަމުން، މޫސާ މަނިކު ވިދާޅުވީ ދަޢުލަތުގެ ބަޖެޓަށް ވޯޓު ނުދިނުމަކީ ސަރުކާރު ޖަވާބުދާރީ ކުރުވުން ނޫން ކަމަށެވެ.

ދެއަހަރެއްހާ ދުވަހު ސިޔާސީ ޕޯޑިއަމެއްގައި ވާހަކަނުދައްކަވާ ހުންނެވުމަށްފަހު ޕީޕީއެމްއިން ރޭ ބޭއްވި ޖަލްސާގައި މޫސަ ވިދާޅުވީ މިހާރު އިދިކޮޅުގައި ތިއްބެވި ސިޔާސީ ލީޑަރުން އެކަކު އަނެކަކުގެ ކަރުގައި އަދި ހިފާނެ ކަމަށާއި އެ މަންޒަރު ދިވެހި ރައްޔިތުންނަށް މާލަސްތަކެއް ނުވެ ފެންނާނެ ކަމަށެވެ.