ދުނިޔެ

ސަޢުދީ ޢަރަބިއާއަށް ވަޑައިގެންނެވުމަށް ޓްަރަމްޕް ނިންމަވައިފި


މިއަހަރުގެ ޖެނުއަރީ މަހު އެމެރިކާގެ ރައީސްގެ މަޤާމަށް ވަޑައިގެންނެވި ޑޮނަލްޑް ޓްރަމްޕް ޤައުމުން ބޭރަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅުގައި ވަޑައިގަންނަވާ ޤައުމުތަކުގެ ތެރޭގައި ސަޢުދީ ޢަރަބިއާ ހިމެނޭ ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.

އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓް ހައުސްގެ ރޯސް ގާޑަންގައި ހުންނަވާ ވާހަކަ ދައްކަވަމުން އެމެރިކާގެ ރައީސް ވިދާޅުވީ އޭނާ މިމަހުގެ ފަހުކޮޅު ޤައުމުން ބޭރަށް ކުރައްވާ ރަސްމީ ފުރަތަމަ ދަތުރުފުޅުގެ އަމާޒަކީ ދީނީ ގޮތުން އުފެދިފައިވާ ހިޔާލު ތަފާތުވުން ނައްތަވާލައްވާ ޓެރަރިޒަމްއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވުން ކަމަށެވެ. ދީނީ ގޮތުން އުފެދިފައިވާ ހިޔާލު ތަފާތުވުން ނައްތަވާލުމަށްފަހު މެދުއިރުމަތީގައި ޞުލްހަ ޤާއިމު ކުރެއްވުމާ ޓެރަރިޒަމާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި އެދެވިގެންވާ ކާމިޔާބެއް ހޯއްދެވުމަށް ޓްރަމްޕުގެ ޚާރިޖީ ސިޔާސަތުގައި ވަނީ ވަރަށް ބޮޑު އިސްކަމެއް ދެއްވާފައެވެ. ޓްރަމްޕް ޤަބޫލުފުޅު ކުރައްވާ ގޮތުގައި މެދުއިރުމަތީގައި ޞުލްހަ ޤާއިމު ކުރެއްވުމަށް ފަލަސްޠީނާ އިސްރާއީލުގެ މައްސަލައަށް ދާޢީމީ ޙައްލެއް ހޯދުމަކީ މުޙިއްމު ކަމެކެވެ.

މިދިޔަ ފެބްރުއަރީ މަހު ވައިޓް ހައުސްގައި އިސްރާއީލުގެ ބޮޑުވަޒީރު ބިންޔަމިން ނަތަންޔާހުއާ ބައްދަލު ކުރައްވާފައިވާއިރު، ފަލަސްޠީނުގެ ރައީސް މަހުމޫދު ޢައްބާސްއާ ވަނީ މިދިޔަ ބުދަ ދުވަހު ބައްދަލު ކުރައްވާފައެވެ. މީގެ އިތުރުން، ފަލަސްޠީނާ އިސްރާއީލުގެ މައްސަލައަށް ދާޢީމީ ޙައްލެއް ހޯދުމުގެ މުޙިއްމުކަން ހާމަ ކުރެއްވުމަށްޓަކައި އެމަސައްކަތް ޓްރަމްޕް ހަވާލު ކުރައްވާފައިވަނީ އޭނާގެ ދަނބިދަރިއެއް ކަމަށްވާ ޖެރަޑް ކުޝްނާއަށެވެ.

މެދުއިރުމަތީގައިވާ ނުފޫޒުގަދަ ޢަރަބި ޤައުމުތަކާ ގުޅުން ބަދަހި ކުރެއްވުމަށް ޓްރަމްޕް ބޭނުންފުޅުވާއިރު، އޭނާ ވަނީ މެދުއިރުމަތީގެ އެންމެ ހައިބަތު ބޮޑު ޤައުމު ކަމަށްވާ ސަޢުދީ ޢަރަބިއާގެ ވަލީ އަޙުދު މުޙައްމަދު ބިން ސަލްމާންއާ ވައިޓް ހައުސްގައި މިދިޔަ މާރޗް މަހު ބައްދަލު ކުރައްވާފައެވެ. ސިޔާސީ މަޝްރަޙް ދިރާސާ ކުރާ ފަރާތްތަކުން ބުނެފައިވަނީ މުޙައްމަދު ބިން ސަލްމާންއާ ވައިޓް ހައުސްގައި ޓްރަމްޕް ބައްދަލު ކުރެއްވުމަކީ އެމެރިކާއާ ސަޢުދީ ޢަރަބިއާއާއި އޮންނަ ގުޅުން ބަދަހި ކުރެއްވުމަށް ޓްރަމްޕް ބޭނުންފުޅުވާކަން ދައްކުވާދިން ކަމެއް ކަމަށެވެ. އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާގެ ވެރިކަމުގައި ސަޢުދީ ޢަރަބިއާއިއެކު އޮތް ގުޅުން ވަނީ ވަރަށް ބޮޑަށް ހީނަރުވެފައި ކަމަށް ވެސް ސިޔާސީ މަޝްރަޙް ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ޓްރަމްޕް ސަޢުދީ ޢަރަބިއާއަށް ވަޑައިގަންނަވާނީ މިމަހުގެ ތޭވީސްވަނަ ދުވަހުއެވެ. އަދި މިމަހުގެ ފަންސަވީސްވަނަ ދުވަހު ބެލްޖިއަމްގެ ވެރިރަށް ބްރަސަލްސްގައި ބައްވާ ނޭޓޯގެ މަތީ ފަންތީގެ ބައްދަލުވުމެއްގައި ޓްރަމްޕް ބައިވެރިވަޑައިގަންނަވާއިރު، މިމަހުގެ ސައްބީސްވަނަ ދުވަހު އިޓަލީވިލާތުގައި ބާއްވާ ޖީހަތެއްގެ ބައްދަލުވުމުގައި ވެސް ޓްރަމްޕް ބައިވެރިވަޑައިގަންނަވާނެއެވެ.