ޚަބަރު

ޔާމީންގެ އާއިލާއަށް އިހްތިރާމް ކުޑަކޮށްފައެއް ނުވާނެ- ފުލުހުން


މިދިޔަ މަހުގެ 22 ވަނަ ދުވަހުގެ ރޭ ރަހުމުކުޑަ ގޮތަކަށް މަރާލާފައި އޮއްވާ ފެނުން ޔާމީން ރަޝީދުގެ މަރުމައްސަލައިގެ ތަހުޤީގުގެ މިސްރާބު ބަދަލުކޮށްލުމަށް ބައެއް ފަރާތްތަކުން މަސައްކަތްކުރާ ކަމަށާ، އެކަން ވަގުތުން ހުއްޓާލުމަށް ފުލުހުން އިލްތިމާސްކުރައްވައިފި.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ފުލުހުންގެ ތަރުޖަމާނު އަޙްމަދު ޝިފާން ވިދާޅުވީ، ޔާމީންގެ މަރުގެ މައްސަލާގައި މިނިވަން ތަހުޤީގެއް ހިންގައިދޭން އެދި އޭނާގެ ޢާއިލާއާއިން ފުލުސް އޮފީހަށް ހުށަހެޅި ސިޓީތައް އަނބުރާ ރައްދުކުރި އިރު ޔާމީންގެ ޢާއިލާއާ އިހުތިރާމް ކުޑަ ގޮތަކަށް ފުލުހުން މުއާމަލާތްކޮށްފައިވާ ކަމަށްބުނެ ދައްކަމުންދާ ވާހަކަތަކަކީ ހަޤީޤަތާއި ޚިލާފް ވާހަކަތަކެއްކަމަށެވެ. 

ޔާމީންގެ މަރުގެ މައްސަލާގައި ފުލުހުން ހިންގާ ތަހުޤީގަށް ކުރިއެރުން ލިބެމުންދާކަމަށާ، އަވަސް ފުރިހަމަ ތަހްޤީގެއްގެ ގޮތުގައި މިކަން ކުރިއަށްދާއިރު، ތަހުޤީގުގެ މިސްރާބު ބަދަލުކުރުމަށް ބަޔަކު މަސައްކަތްކުރުމަކީ ކަންބޮޑުވާކަމެއްކަމަށް ޝިފާން ވިދާޅުވިއެވެ.