ޚަބަރު

ރާއްޖެއާއި ޕާކިސްތާނުގެ މާލީ ވަޒީރުން ބައްދަލުކުރައްވައިފި


ދިވެހިރާއްޖޭގެ ފިނޭންސް މިނިސްޓަރ އަޙްމަދު މުނައްވަރު، ޕާކިސްތާނުގެ ފިނޭންސް މިނިސްޓަރ މުޙައްމަދު އިސްޙާޤް ދަރްއާ ބައްދަލުކުރައްވައިފިއެވެ.

މިހާރު ކުރިއަށްދާ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް، އޭޑީބީގެ ގަވަރުނަރުންގެ ބޯޑުގެ ފަންސާސްވަނަ ބައްދަލުވުމުގެ ހަވާސާގައި ބޭއްވި ބައްދަލުވުމުގައި ދެ ޤައުމުގެ މާލީ ވަޒީރުން ވަނީ، ފަންނީ މަޢުލޫމާތު ބަދަލުކޮށްގެންނާއި ޚާރިޖީ ގުޅުމުގެ ތެރެއިން، އެކި ދާއިރާތަކުގައި ޤާބިލިއްޔަތު އިތުރުކުރުމާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ. ދެ ޤައުމުގެ ދެމެދުގައިވާ ބަދަހި ގުޅުމަށް އިޝާރާތްކުރައްވާ ފިނޭންސް މިނިސްޓަރ މުނައްވަރު ވަނީ، މި ސަރުކާރުގެ އިޤްތިޞާދީ ބަދަލުތަކުގެ އެޖެންޑާ އާއި އިޤްތިޞާދީ ސިޔާސަތާއި އޮނިގަނޑު، ޕާކިސްތާނުގެ ފިނޭންސް މިނިސްޓަރާ ހިއްސާ ކުރައްވާފައެވެ.

ރާއްޖޭގެ އިޤްތިޞާދު މިހާރު ތަޖުރިބާކުރަމުންދާ ބޮޑެތި ކުރިއެރުންތަކާއި، ސަރުކާރުގެ ބިޔަ ޢުމްރާނީ މަޝްރޫޢުތަކަށް ބޭރުގެ އިންވެސްޓްމަންޓްތައް އަމާޒުވަމުންދާ ދިޔުމާމެދުވެސް މުނައްވަރު ވަނީ ވާހަކަދައްކަވާފައެވެ.

ބައްދަލުވުމުގައި ޕާކިސްތާނުގެ ފިނޭންސް މިނިސްޓަރ މުޙައްމަދު އިސްޙާޤް ދަރް ވަނީ، އެ ޤައުމުގެ އިޤްތިޞާދުގައި، ފާއިތުވި ތިން އަހަރު ދުވަހު މައިގަނޑު ދައުރުތައް އަދާކުރި ބަހާތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.