ޚަބަރު

އިންތިޚާބުގައި ހަރަކާތްތެރިވާ ކޮމާންޑަރުންނަށް ތަމްރީނެއް!!


ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި ގުޅިގެން ފުލުހުން ކުރިއަށްގެންދާ ޚާއްސަ އޮޕަރޭޝަނުގައި ކޮމާންޑަރުންގެ ގޮތުގައި ހަރަކާތްތެރިވާ އޮފިސަރުންނަށް ހާއްސަކޮށްގެން ތަމްރީން ޕްރޮގްރާމެއް ހިންގައިފިއެވެ.

މެއި 3 ވަނަ ދުވަހު ދޫނިދޫގައި ކުރިއަށް ގެންދިޔަ މި ތަމްރީން ޕްރޮގްރާމަކީ ޕޮލިސް އެކަޑަމީން ކަލަންޑަރު ކޮށްގެން ކޮމިޝަންޑް އޮފިސަރުންނަށް އަމާޒުކޮށްގެން ހިންގާ "އޮފިސަރސް ޓްރެއިނިންގ ޑޭ" ގެ ގޮތުގައި ކުރިއަށްގެންދިޔަ ތަމްރީން ޕްރޮގްރާމެއްކަމަށް ފުލުހުން ވިދާޅުވެއެވެ. އެގޮތުން މިފަހަރުގެ ޕްރޮގްރާމް ހާއްސަކޮށްފައިވަނީ އިލެކްޝަންގެ ސަލާމަތީ ކަންކަމުގައި ހަރަކާތްތެރިވާ ކޮމާންޑަރުންނަށްކަމަށް ފުލުހުން ވިދާޅުވެއެވެ. މި ޕްރޮގްރާމުގައި ބިޑި އާއި މުގުރު ބޭނުންކުރާނެ ގޮތްތަކާއި މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމުގައި ޢަމަލުކުރާ ގޮތްތަކާއި އުކުޅުތަކާއި ސެލްފް ޑިފެންސް ބައިތަކުގެ އިތުރުން ރެޕަލިންގ ހަރަކާތެއްވެސް ކުރިއަށް ގެންގޮސްފައިވެއެވެ.

އެއް ދުވަހުގެ މުއްދަތަށް ދޫނިދޫގައި ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި ކޮމާންޑަރުންގެ ގޮތުގައި ހަރަކާތްތެރިވާ 28 އޮފިސަރަކު ބައިވެރިވެފައިވާއިރު މި ޕްރޮގްރާމުގައި ކުލާސްތައް ނަގައިދީފައިވަނީ ޕޮލިސް އެކަޑަމީގެ މުދައްރިބުންނާއި ސްޕެޝަލިސްޓް އޮޕަރޭޝަންސް ޑިޕާޓްމަންޓްގައި މަސައްކަތްކުރާ ފުލުހުންނެވެ.