މެދު އިރުމަތީގެ މައްސަލައަކީ އެމެރިކާގެ ޚާރިޖީ ސިޔާސަތާ ވަރަށް ބޮޑަށް ވެސް ގުޅުން ހުރި މައްސަލަ އެކޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ. ފަލަސްޠީނާ އިސްރާޢީލާ ދެމެދު ސުލްޙަ ޤާއިމުކުރުމަށް އެންމެ ގަދަ އަޅާ މަސައްކަތްކޮށްފައިވަނީ ވެސް އެމެރިކާގެ ކުރީގެ ސަރުކާރުތަކުންނެވެ. ފަލަސްޠީނާ އިސްރާޢީލުގެ ދެ ދައުލަތެއް އެސަރަހައްދުގައި އުފެއްދުމަށް ކުރީގެ ސަރުކާރުތަކުން ބާރު އަޅާފައިވާ އިރު ޖެނުއަރީ މަހު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ޑޮނާލްޑް ޓްރަމްޕްގެ ސަރުކާރުން މިކަމުގައި ގެންގުޅޭނެ ސިޔާސަތުތައް އަދި މުޅިއަކުން ހާމައެއް ނުކުރެއެވެ. އެހެން ނަމަވެސް، އެމެރިކާގެ ރައީސްގެ ހައިސިއްޔަތުން ޓްރަމްޕް މިވަނީ ފަލަސްޠީނާ އިސްރާއީލުގެ އިސްވެރިންނާ ވެސް މިހާރު ބައްދަލުކުރައްވާފައެވެ.
އިސްރާއީލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫއާ މިދިޔަ ފެބްރުއަރީ މަހު ޓްރަމްޕް ބައްދަލުކުރެއްވި އިރު، ބުދަ ދުވަސް ފަލަސްޠީނުގެ ރައީސް މަހްމޫދު އައްބާސާ އެމެރިކާގެ ރައީސް ބައްދަލުކުރެއްވިއެވެ. އަދި މި ބައްދަލުކުރެއްވުމުގައި މި ދެގައުމުގެ ދެމެދު ސުލްޙަ ޤާއިމުކުރުމަށް އެމެރިކާއަށް ކޮށްދެވެން އޮތް ކަމެއް ކުރައްވާނެ ކަމަށް އެމެރިކާގެ ރައީސް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ. މިގޮތުން ދެފަރާތުގެ ދެމެދު މެދުވެރިއެއްގެ ރޯލު އަދާ ކުރުމަށް ޓްރަމްޕް ތައްޔާރަށް ހުންނެވި ކަމަށް ވެސް އެމެރިކާގެ ރައީސް ވިދާޅުވިއެވެ. އެހެން ނަމަވެސް މިކަމުގައި އެމެރިކާއިން އިތުރަށް ގެންގުޅޭނެ ސިޔާސަތެއް ޓްރަމްޕް އިއުލާނުކުރައްވާފައެއް ނުވެއެވެ. އަދި މިނިވަން ދެ ދައުލަތެއް އުފެއްދުމުގެ ވާހަކައެއް އެމެރިކާގެ ރައީސް ދައްކަވާފައެއް ނުވެއެވެ. ބަދަލުގައި އެމެރިކާގެ ރައީސް ވަނީ އިސްރާޢީލުގެ ޖަލުތަކުގައި ތިބި ފަލަސްޠީނުގެ ޤައިދީންގެ އާއިލާތަކަށް ފަލަސްޠީނުގެ ސަރުކާރުން ދެމުންދާ މާލީ އެހީތައް މިހާރުން މިހާރަށް ހުއްޓާލުމަށް ގޮވާލައްވާފައެވެ. މިއީ އިސްރާއީލުން މީގެ ކުރިން ވެސް ޑިމާންޑްކޮށްފައިވާ ކަމެކެވެ.
ބުދަ ދުވަހުގެ ބައްދަލުކުރެއްވުމުގައި ފަލަސްޠީނުގެ ރައީސް މަހްމޫދު އައްބާސް ވަނީ ޓްރަމްޕްގެ އެއްބާރުލުމާ އިރުޝާދާ އެކު ފަަލަސްޠީނުން އޮތީ ސުލްޙަވެރި އަދި ތާރީޚީ އެއްބަސްވުމަކަށް ވާސިލްވުމަށް ބޭނުންވާ މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ތައްޔާރަށް ކަމަށެވެ. 1967 ވަނަ އަހަރު ފަލަސްޠީނުގެ އަތުން ގެއްލުނު ބިންތައް އަލުން ބޭނުންވާ ކަމަށް ވެސް އައްބާސް ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން، އިސްރާއީލުގެ އިސްތިޢުމާރީ ވެރިކަން މިހާރު ނިންމާލަން ވެއްޖެކަން ވެސް އައްބާސް ވަނީ ފާހަގަކުރައްވާފައެވެ. އެހެން ނަމަވެސް އިސްރާއީލުުގެ ޖަލުތަކުގައި ތިބި ޤައިދީންގެ އާއިލާތަކަށް މާލީ އެހީ ދިނުން ހުއްޓުމާ މެދު ފަލަސްޠީނުގެ ރައީސް އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.
އިސްރާއީލުގެ ޖަލުތަކުގައި ތިބި ފަލަސްޠީނުގެ ޤައިދީން ބަނޑުހައިހޫނު ކަމުގެ ހަޅުތާލެއް ކުރަމުންދާ އިރު، ފަލަސްޠީނާ ޣައްޒާ އަދި ދުނިޔޭގެ އެކި ހިސާބުތަކުގައި ވެސް މި ޤައިދީންނަށް ތާޢީދުކޮށް އެކި އެކި ހަރަކާތްތައް ދަނީ ބާއްވަމުންނެވެ.