ގްރޭޓަރ މާލެ ރީޖަންގައި ރައްކާތެރިކަމާއިއެކު ކުނި ނައްތާލުމަށް އެހީވުމަށްޓަކައި އޭޝިއަން ޑެވެލޮޕްމެންޓް ބެންކު، އޭޑީބީން 50 މިލިއަން އެމެރިކާ ޑޮލަރު ނުވަތަ 771 މިލިއަން ރުފިޔާގެ އެހީއެއް ދިނުމަށް ނިންމައިފިއެވެ.
މިއެހީ ދޭން ނިންމިކަން އޭޑީބީން ކަށަވަރުކޮށްދީފައިވަނީ އެވުޒާރާގެ އިސް އޮފިޝަލުންނާ މިހާރު ޖަޕާނުގައި ހުންނެވި ފިނޭންސް މިނިސްޓަރު އަޙްމަދު މުނައްވަރު ބައްދަލު ކުރައްވާ ބޭއްވެވި މަޝްވަރާ ބައްދަލުވުމެއްގައެވެ. މިބައްދަލުވުން ބާއްވަވާފައިވަނީ އޭޑީބީގެ 50 ވަނަ ގަވަނާސް ބޯޑުގެ ބައްދަލުވުމުގެ ހަވާސާގައެވެ. މީގެ އިތުރުން، މިނިސްޓަރު މުނައްވަރު ވަނީ އޭޑީބީގެ ރައީސް ޓަކިހީޓޯ ނަކާއޯއާ އޭޑީބީން ދިވެހިރާއްޖެ ހިމެނޭ ދެކުނު އޭޝިއާ ސަރަޙައްދަށް ކަނޑައަޅާފައިވާ ރައީސް ވެންޗާއީ ޒަންގް އަދި އެވުޒާރާގެ ޑިރެކްޓަރ ޖެނެރަލް ހުން ކިމްއާ ވެސް ބައްދަލުކުރައްވާފައެވެ.
img:http://s1.psmnews.mv/images/660x400/14938928121436.jpg|ފިނޭންސް މިނިސްޓަރ އޭޑީބީގެ ރައީސާ ބައްދަލުކުރައްވަނީ / ފޮޓޯ: ފިނޭންސް މިނިސްޓްރީ
މިބައްދަލުވުމުގައި މިނިސްޓަރު މުނައްވަރު ވަނީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމުގެ ޒަޢާމަތުގައި ދިވެހިރާއްޖެއަށް ގެނެސް ދެއްވަމުންގެންދަވާ ތަރައްޤީ ފާހަގަކުރައްވާ އިޤްތިޞާދީ އިތުރު ތަރައްޤީ ގެނައުމަށް އޭޑީބީއާއިއެކު މަސައްކަތް ކުރުމަށް ދިވެހިރާއްޖެއިން ބޭނުންވާ ކަމަށް ވިދާޅުވެފައެވެ. ދިވެހިރާއްޖެއަށް އަންނަމުންދާ ބޭރުގެ އިންވެސްޓްމަންޓްތަކާ ދިވެހިރާއްޖޭގައި ކުރިއަށްގެންދާ ތަރައްޤީގެ މަޝްރޫޢުތައް ފާހަގަކުރައްވާ މިނިސްޓަރު މުނައްވަރު ވަނީ އޭޑީބީން ދިވެހިރާއްޖޭގެ ތަރައްޤީއަށް ދެމުންދާ އެހީތެރިކަމާ އެއްބާރުލުމަށް ޝުކުރު އަދާކޮށްފައެވެ.
ޖަޕާނަށް ކުރައްވަމުން ގެންދަވާ ހަތަރު ދުވަހުގެ ދަތުރުފުޅުގައި އެޤައުމުގެ ސަރުކާރުގެ އިސްވެރިންނާ މިނިސްޓަރ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.