ތަރައްްޤީ

އިސްދޫގައި ހުއިފިލަނޑާ އާލާކުރުމަށް 35 މީހަކަށް ލޯނު ދެއްވައިފި


ދިވެހިރާއްޖޭގައި މެރިކަލްޗަރ ސިނާޢަތް، ތަރައްޤީކުރުމަށް މަގުފަހިކުރުމުގެ މަޤުސަދުގައި، އިންޓަރ ނޭޝަނަލް ފަންޑް ފޮރ އެގްރިކަލްޗަރަލް ޑިވޮލޮޕްމަންޓް "އިފާޑާއި" މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ ގުޅިވަޑައިގެން ފަސް އަހަރު ދުވަހުގެ މުއްދަތައް މެރިކަލްޗަރ އެންޓަޕްރައިޒަސް ޑިވޮލޮޕްމެންޓް ޕްރޮޖެކްޓެއްގެ މަސައްކަތް ލ. އަތޮޅުގައި ފަށްޓަވާފައިވަނީ، މިދިޔަ އަހަރުއެވެ.

ހުއިފިލަނޑާ އާލާކޮށް ބޮޑުކުރުމަށް ދަނބިދުއާއި ކަލައިދޫން 30 މީހަކު ތަމްރީނުކޮށް އަޖުމަ ބެލުމުގެގޮތުން ފެށި މަސައްކަތް މިހާރު ވަނީ ކާމިޔާބުވެފައެވެ. މިމަޝްރޫޢުގެ ދަށުން މިއިން ކޮންމެ ރަށެއްގައި ހުއިފިލަނޑާ އާލާކޮށް ބޮޑުކުރުމަށް ރަށެއްގައި ފަންސާސް ކޮށި ބަލަހައްޓަމުންދެއެވެ. ކޮންމެ ރަށެއްގެވެސް ފަރުމަތީގައި ހަދާފައިވާ މިކޮށިތައް ބަލަހައްޓަމުންދަނީ އެކޮށްޓެއްގެ ވެރިފަރާތުންނެވެ. ތިން ވަނަ ރަށެއްގެ ގޮތުގައި ލ.އަތޮޅުގައި ހުއިފިލަނޑާ ބޮޑުކުރުމުގެ މަސައްކަތް އިސްދޫން ފަށާފައިވާއިރު، ޖުމްލަ 35 މީހަކުވަނީ އެކަން ކުރުމައް އެދި ލޯން ނަގާފައެވެ. ފަންސާސް ހާސް ރުފިޔާގެ މިލޯނުން ކޮންމެ މީހަކަށްވެސް ކޮށި ހަދާނެ ދަލާއި، ލަނޑާ އާލާކުރުމަށް ކުދި ހުއިފިލަނޑާ ލިބެއެވެ.  

އިސްދޫން ލޯނު ލިބުނު މީހުންނަށް ލިޔުން ހަވާލުކުރެއްވުމައްފަހު ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ ޑރ. މުޙައްމަދު ޝައިނީ ވިދާޅުވީ، ހުއިފިލަނޑާ ބޮޑުކުރުމުގެ މަސައްކަތަކީ އޭގެ ސަބަބުން މަސްވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ މީހުންނަށް ޢާމްދަނީ އިތުރުކުރު ލިބޭ ފުރުސަތެއްކަމަށެވެ.

img:http://s3.psmnews.mv/images/660x400/14938913711980.jpg|ހުއިފިލަނޑާ އާލާކުރުމަށް ލޯނު ދިންކަމުގެ ލިޔުން ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: ފިޝަރީޒް މިނިސްޓްރީ

ފިޝަރީޒް މިނިސްޓަރ ވިދާޅުވީ، އިސްދޫ ކަލައިދޫ، ދަނބިދޫ ހިމެނިގެންދާނީ ރާއްޖޭގެ މެރިކަލްޗަރ ސިނާއަތް ބަދަލުކޮށްލި ރަށްތަކުގެ ގޮތުގައިކަމަށާއި، މި ތިން ރަށުގެ ރައްޔިތުންނަށް ހުއިފިލަނޑާ ބޮޑުކޮށްގެން ދިގު މުއްދަތެއްގެ ޢާމްދަނީ ހޯދުމުގެ ފުރުސަތު އެބައޮތްކަމަށެވެ. އަދި ކަމުގެ ތަޖުރިބާކާރު ބޭފުޅުންގެ ލަފަޔާ އެއްގޮތްވާ ގޮތުގެ މަތިން މަސައްކަތް ކޮށްފިނަމަ އެއިން ކޮންމެ ރަށެއްގެ އިޤްތިޞާދަށް ހެޔޮ ބަދަލުތަކެއް އަންނާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ޑރ. ޝައިނީ ވިދާޅުވީ ހުއިފިލަނޑާ ބޮޑުކުރުމުގެ މަސައްކަތް ކުރުމަށް އަންހެނުން އިސްނަގާކަން ފާހަގަކުރެވޭކަމަށާ، މިއީ އަންހެންނުންނަށްވެސް މާބޮޑު މަސައްކަތަކާއި ނުލައި ޢާމްދަނީ ހޯދަން ލިބޭ ފުރުސަތެއްކަމަށެވެ.

ލ. އަތޮޅަކީ ހުއިފިލަނޑާ އާލާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވޭ އަތޮޅަކަށްވުމުން ކުރިއަށް އޮތް ތަނުގައި އެއަތޮޅުގައި ހުއިފިލަނޑާ ބޮޑުކުރުމުގެ މަސައްކަތް ފުޅާކުރުމުގެ ގޮތުން ކުދި ހުއިފިލަނޑާ ބޮޑުކުރާ ނާސަރީއެއް އެޅުމަށްވެސް ވަނީ ހަމަޖެހިފައެވެ. ލ.އަތޮޅުގެ ތިން ރަށަކަށް މިނިސްޓަރ ޝައިނީ ކުރެއްވި ދަތުރުފުޅުގައި ހުއިފިލަނޑާ އާލާކޮށް ބޮޑުކުރާ ކޮށިތަކުގެ ކައިރިއަށްގޮސް އެކޮށިތަކުގެ ހާލަތު ބައްލަވައި، ކޮށިތަކުގެ ވެރިފަރާތްތަކާއިވެސް ވަނީ ބައްދަލުކުރައްވައި މަޝްވަރާކުރައްވާފައެވެ.