ޚަބަރު

ފުލުހުންނަށް ހުށަހެޅޭ މައްސަލަތައް އިތުރުވެފައި





 


ދެހާސް ތޭރަވަނަ އަހަރުގެ ފުރަތަމަ ދެމަހާއި އަޅާބަލާއިރު، މިއަހަރުގެ ފުރަތަމަ ދެމަސްދުވަހު ފުލުހުންނަށް ހުށައެޅިފައިވާ މައްސަލަތައް އިތުރުވެފައިވާ ކަމަށް ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.


 މިގޮތުން ފުލުހުންނަށް ހުށައެޅިފައިވާ މައްސަލަތަކުގެ ތެރެއިން، ވައްކަމާއި ގުޅުންހުރި މައްސަލަތަކާއި، މަސްތުވާތަކެއްޗާ މާރާމާރީގެ މައްސަލަތައް ވަނީ އިތުރުވެފައެވެ.
 
ފުލުހުންގެ ކުށްތަކާއި ބެހޭ ތަފާސް ހިސާބުތައް ދައްކާގޮތުން، ނިމި ދިޔަ ދެހާސް ތޭރަވަނަ އަހަރުގެ ފުރަތަމަ ދެމަހުގެ ތެރޭގައި ހުށައެޅިފައިވަނީ 2761 މައްސަލަ. ނަމަވެސް މިއަހަރުގެ ފުރަތަމަ ދެ މަހުގެ ތެރޭގައި ޖުމްލަ 3140 މައްސަލަ ވަނީ ހުށައެޅިފައެވެ. މިއީ ތޭރަ ޕަސެންޓް އިތުރު އަދަދެކެވެ.


 ވަކި ވަކި ކުށްތަކުގެ ރެކޯޑަށް ބަލާލާއިރު، ވައްކަމާއި ގުޅުންހުރި ކުށްތައް ވަނީ އިތުރުވެފައެވެ. މިގޮތުން 2013 ވަނަ އަހަރުގެ ފުރަތަމަ ދެ މަހު ވައްކަމުގެ  941 މައްސަލައެއް ހުށައެޅިފައިވާއިރު، މިއަހަރުގެ ފުރަތަމަ ދެ މަހުގެ ތެރޭގައި 1222 މައްސަލަ ރިކޯޑް ކުރެވިފައިވެއެވެ.  މިއީ 29 ޕަސެންޓް އިތުރު އަދަދެކެވެ.
 
މަސްތުވާތެކެތީގެ މައްސަލަތަކަށް ބަލާލާއިރު، މިދިޔަ އަހަރުގެ ފުރަތަމަ ދެ މަހު 567 މައްސަލަ ފުލުހުންނަށް ހުށައެޅިފައިވާއިރު، މި އަހަރުގެ މި މުއްދަތުގައި 727 މައްސަލަ ރިކޯޑް ކޮށްފައިވެއެވެ. މާރާމާރީއަށް ބަލާއިރު، މިދިޔަ އަހަރުގެ ޖެނުއަރީ މަހާއި ފެބްރުއަރީ މަހަށްވުރެ، މިއަހަރުގެ ފުރަތަމަ ދެމަހު މާރާމާރީގެ އަދަދު 193 އަކުން، 207 ވަނީ އިތުރުވެފައެވެ.


މި މައްސަލަތައް އިތުރުވެފައިވީ ނަމަވެސް، ފުލުހުންނަށް ހުށައެޅިފައިވާ މަގުމަތީގެ އެކްސިޑެންޓް ތަކާއި، ގެވެށި އަނިޔާގެ މައްސަލަތަކާއި، ޖިންސީ އަނިޔާގެ މައްސަލަތަކުގެ އަދަދު ވަނީ ދަށްވެފައެވެ. އަދި މުދަލަށް ގެއްލުން ދިނުމުގެ މައްސަލަތަކާއި، ޗެކް ބައުންސްވުމުގެ މައްސަލަތައް މަދުވެފައިވާ ކަމަށް ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކައެވެ. މިގޮތުން ޗެކް ބައުންސްވުމުގެ މައްސަލަތައް ހުށައެޅިފައިވާ މިންވަރު 41 ޕަސެންޓް ދަށްވެފައިވާއިރު، މަގުމަތީގެ އެކްސިޑެންޓްތައް ވަނީ 379 އަކުން 355 އަކަށް ދަށްވެފައެވެ.


 ގެވެށި އަނިޔާ އާއި ޖިންސީ އަނިޔާގެ މައްސަލަތައް 28 ޕަސެންޓް ދަށްވެފައިވާއިރު، ފުލުހުންނަށް ހުށައެޅިފައިވާ މުދަލަށް ގެއްލުން ދިނުމުގެ މައްސަލަތައް ވަނީ، 122 އިން 90 އަށް ދަށްވެފައެވެ.