ކުޅިވަރު

މޮނާކޯ ބަލިކޮށް، ޔުވެންޓަސް ޗެމްޕިއަންސް ލީގު ފައިނަލާ ގާތަށް


ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީފައިނަލް ފުރަތަމަ ލެގު 2-0 ން ކާމިޔާބުކޮށް، ޔުވެންޓަސް ފައިނަލްގެ ފުރުޞަތު ބޮޑުކޮށްފިއެވެ.

ޔޫރަޕްގެ ބޮޑު ފަސް ލީގުގެ ހުރިހާ ޓީމެއް ހިމެނޭގޮތަށް މިސީޒަންގައި އެންމެ ގިނަ ލަނޑު މިހާތަނަށް ޖަހާފައިވާ މޮނާކޯއާއި ބައްދަލުކުރި މިމެޗުގައިވެސް ޔުވެންޓަސް ވަނީ ބައިކޮޅަށް ލަނޑެއް ވަދުނަނުދީ ހިފަހައްޓާލާފައެވެ. އަދި މިއާއެކު ޔުވެންޓަސް ވެގެން ގޮސްފައިވަނީ ދެ އަހަރުގެ ތެރޭގައި މޮނާކޯ އަމިއްލަ ދަނޑުގައި ލަނޑެއް ޖެހިއަނުދީ ހިފަހައްޓާލި ފުރަތަމަ ޓީމަށެވެ.

މޮނާކޯ ދަނޑުގައި ކުޅުނު މިމެޗުގައި ޔުވެންޓަސްއިން ޖެހި ދެ ލަނޑުވެސް އެޓީމަށް ކާމިޔާބުކޮށްދިނީ ޔުވެންޓަސްގެ އެންމެ އަގުބޮޑު ކުޅުންތެރިއާ ގޮންޒާލޯ ހިގުއައިންއެވެ.

ޗެމްޕިއަންސް ލީގުގައި މިސީޒަންގައި މިހާތަނަށް ޔުވެންޓަސްއިން އެގާރަ މެޗު ނިންމާލާފައިވާއިރު ޓީމުކޮޅަށް ވަދެފައިވަނީ ޖުމްލަ ދެ ލަނޑެވެ.

ރޭގެ މެޗަކީ ތަޖުރިބާކާރު ކީޕަރު ބުފޮން ޗެމްޕިއަންސްލީގުގައި ޔުވެންޓަސްއަށް ކުޅެދިން 100 ވަނަ މެޗެވެ. މެޗުގައި ބައިކޮޅަށް ލަނޑެއް ވަނަ ނުދީ ނިންމާލުމަކީ ތަޖުރިބާކާރު ކީޕަރަށް އޮތް ހިތްހަމަޖެހުމެކެވެ.

ރޭގެ މޮޅާއެކު ޔުވެންޓަސް މިވަނީ މުބާރާތުގެ ފައިނަލާ ވަރަށް ބޮޑަށް ކައިރިއަށް ޖެހިލާފައެވެ.