ޚަބަރު

ނޫސްވެރިކަމުގެ މިނިވަންކަން މިވަނީ ހައްދުފަހަނައަޅާފަ- މޫސަ


އިސްލާމްދީނާއި ޤައުމިއްޔަތާއި އިސްތިޤްލާލް ފުނޑުފުނޑުވެގެންދާ މިންވަރަށް ރާއްޖޭގައި ޚިޔާލުފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަން ހައްދުފަހަނައަޅާ ގޮސްފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ހުޅުހެންވޭރު ދާއިރާގެ މެންބަރުކަންވެސް ކުރައްވާ މޫސާ މަނިކު ވިދާޅުވީ، މީގެ 15 ވަރަކަށް އަހަރު ކުރިން ރާއްޖޭގައި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމެއް ނެތްއިރު ގިނަ ސިޔާސީ ފަރާތްތައް ދިޔައީ އެ މިނިވަންކަން ހޯދަން މަސައްކަތް ކުރަމުން ކަމަށެވެ. ޚިޔާލުފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަން ގެނައީ މީހުންގެ އަބުރުކަތިލާ މީހުންނަށް ނަފްސާނީ އަނިޔާލިބޭގޮތަށް ނޫންކަމަށާއި، ނަމަވެސް މިއަދު ރާއްޖޭގައި އެކަން ހައްދު ފަހަނައަޅާ ގޮސްފައިވާކަމަށް މޫސާ މަނިކު ވިދާޅުވިއެވެ.

ރާއްޖެއަށް ޑިމޮކްރަސީ އައި އިރު ދުނިޔޭގެ އެހެން ޤައުމުތަކުގައިވެސް ހިނގާކަންތައް ރާއްޖޭގައިވެސް ހިނގާދިޔަކަމަށާއި، ނަމަވެސް ވަކިހިސާބަކުން ކަންކަން ރަނގަޅުކުރުމުގެ ބަދަލުގައި، އެއްބައިވަންތަކަން ދޫކޮށް އެކަކު އަނެކަކާ ނަފްސާނީ ގޮތުންނާއި ޖިސްމާނީގޮތުން އަނިޔާލެބޭ ކަންތައްތަކާއި ޢާއިލާތައް ރޫޅިގެންދާގޮތަށް ޚިޔާލުފާޅުކުރުން ބޭނުންކުރަމުން އަންކަމަށް މޫސަގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

ހަޤީޤީ ޚިޔާލުފާޅުކުރުމަކީ އެމީހެއްގެ ބުއްދިއަށް ފެންނަގޮތައް ކަންކަމުގައި ޚިޔާލު ފާޅުކުރުންކަމާއި އަނެކާގެ އަބުރައް އިޙްތިރާމްކުރުންކަމަށްވެސް މޫސަ ވިދާޅުވިއެވެ. ހުޅަނގުގެ ބައެއް ޤައުމުތަކުން ރާއްޖޭގައި މީޑިއާގެ މިނިވަންކަން ނެތިގެން ވަކާލާތުކުރާއިރު އެ ގައުމުތަކުގެ ހާލަތު ރާއްޖެއަށް ވުރެ ގޯސްކަމަށް މުސަ ވިދާޅުވިއެވެ.

ޤާނޫނު އަސާސީން ފަހިކޮށްދެނީ ހަމައެކަނި މީޑިއާގެ މިނިވަންކަމާ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަން ނޫންކަމަށާއި، އެއީ ދިވެހި ހުރިހާ ރައްޔިތުންގެ ހައްގެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް ވިދާޅުވިއެވެ.