ކުޅިވަރު

މިއީ އެއްވެސް ވަރަކަށް އުއްމީދުކުރި ނަތީޖާއެއް ނޫން - މާޒިޔާ ކޯޗު


މިއީ އެއްވެސްވަރަކަށް އުއްމީދުކުރި ނަތީޖާއެއް ނޫން ކަމަށާއި، ކުޅުންތެރިން މެޗުގައި ކުރި މަސައްކަތަށް ތަޢުރީފް ހައްޤުކަމަށް މާޒިޔާގެ ކޯޗް މަރްޔާން ސެކުލޮވްސްކީ ބުނެފިއެވެ.

އޭއެފްސީ ކަޕް ގްރޫޕް ސްޓޭޖުގައި އިއްޔެ ހަވީރު އިންޑިޔާގެ މޯހަން ބަގާން އަތުން ފަސް ލަނޑު ދެ ލަނޑުން މޮޅުވި މެޗަށްފަހު ސެކުލޮސްކީ ބުނީ ފުޓްބޯޅަ ކުޅުމަށް މި ކުޅުންތެރިން ކުރަމުންދާ ބުރަ މަސައްކަތް އަބަދުވެސް އެނގޭ ކަމަށާއި، އޭނާއަށް ލިބިފައިވާ ކުޅުންތެރިންނާ މެދު ފަޙްރުވެރިވާކަމަށެވެ. އަދި މިވަރުގެ ތަފާތު ބޮޑު ނަތީޖާއެއް ނިކުމެދާނެކަމަށް އެއްވެސް ވަރަކަށް އުއްމީދު ނުކުރާކަމަށް ސެކުލޮސްކީ ބުންޏެވެ.

 "މި ކުޅުންތެރިން ކުރާ މަސައްކަތް ވަރަށް ރަނގަޅަށް އަހަންނަށް އެނގޭ، ކުޅުންތެރިންގެ މަސައްކަތަށް ތަޢުރީފް ހައްޤު، މިއީ އެއްވެސް ވަރަކަށް އުއްމީދު ކުރި ނަތީޖާއެއް ނޫން. "ސެކުލޮވްސްކީ ބުންޏެވެ. 

މެޗަށްފަހު މޯހަން ބަގާންގެ ކޯޗް ސަންކަރްލާލް ޗަކުރަބަތީ ބުނީ މެޗުގައި ކުޅުންތެރިންގެ ފަރާތުން ފެނުނު ކުޅުމާމެދު ހިތްހަމަ ޖެހޭކަމަށާއި، ޓީމު އޮތް ހާލަތަށް ބަލާއިރު ބަލިވެސް ވެދާނެކަމަށް ބެލިކަމަށެވެ. އެހެންނަމަވެސް މިހާ ބޮޑު ތަފާތަކުން ބަލިވެދާނެކަމަށް އުއްމީދުވެސް ނުކުރާކަމަށް ޗަކުރަބަތީ ބުންޏެވެ. އޭނާ ބުނީ މާޒިޔާއަކީ ވަރުގަދަ ޓީމެއްކަން ކުރިންވެސް ކުޅުންތެރިންނަށް ވިސްނައިދިން ކަމަށާއި، މިހާ ބޮޑު ތަފާތަކުން ބަލިވެގެން ދިޔުމުން މި ކަންކަން ރަނގަޅު ކުރުމަށް ކުރިއަށް އޮތް ތަނުގައި މަޝްވަރާކުރާނެކަމަށެވެ. 

"މާޒިޔާއަކީ ވަރުގަދަ ޓީމެއްކަން ކުޅުންތެރިންނަށް ވިސްނައިދިނިން، ކުޅުންތެރިންވެސް ދަނޑުމަތީގައި މަސައްކަތް ކުރި، އެހެންނަމަވެސް މިހާ ބޮޑު ތަފާތަކުން ބަލިވި ގޮތެއް ބަލަން އެބަޖެހޭ، ކުޅުންތެރިންނާ މެނޭޖްމަންޓާ ވާހަކަ ދައްކާނަން. "ޗަކުރަބަތީ ބުންޏެވެ.

މާޒިޔާ މެޗު ކާމިޔާބުކުރީ 5-2 ން ނެވެ. މިނަތީޖާއާއެކު މާޒިޔާއާއި ބެންގަލޫރު އެފްސީއަށްވެސް ޕޮއިންޓް ލިބިފައިވަނީ އެއްވަރަކަށެވެ. ބެންގަލޫރު އެފްސީއަށް ކުރި ލިބެނީ މިދެޓީމް ވާދަކުރި މެޗުގައި ކުރި ހޯދާފައިވާތީއެވެ.