ޚަބަރު

"ޤާނޫނު ތަންދޭ އެންމެފުޅާ ދާއިރާގައި ނޫސްވެރިންކަން އެބައޮތް"


ޤާނޫނޫ އަސާސީއާއި ޤާނޫނުތަކާ ޚިލާފުނުވާ ގޮތެއްގެމަތިން ރާއްޖޭގައި ހިނގާ ޚަބަރުތައް ގެނެސްދިނުމުގެ މިނިވަންކަން އެންމެ ފުޅާ ދާއިރާއެއްގައި ދިވެހި ނޫސްވެރިންނަށް ލިބިދީފައިވާކަމަށް ހޯމް މިނިސްޓަރ އަޒްލީން އަޙްމަދު ވިދާޅުވެއްޖެއެވެ.

ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި ހޯމް މިނިސްޓަރ އަޒްލީން އަޙްމަދު ނެރުއްވި ބަޔާނުގައި ވިދާޅުވީ، ނޫސްވެރިކަމަކީ ޤައުމެއްގެ ދިމިޤްރާތީ ނިޒާމެއްގައި ވަރަށް މުހިންމު ދައުރެއް އަދާކުރާ އެއްޗެއްކަމަށެވެ. ނޫސްވެރިންނަކީ ޤައުމެއްގައި ހިނގާ އެންމެ ކުދިކުދި  ކަންތަކުން ފެށިގެންގޮސް އެންމެ ބޮޑެތި ކަންތަކުގެ ޚަބަރުތައް ޢާންމުންނަށް ގެނެސްދިނުމާއި، ކަންކަމަށް ޢާންމުން ހޭލުންތެރިކުރުވުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާ ބައެއްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. 

އެހެންކަމުން ޤާނޫނުތައް ހުއްދަކުރާ އެންމެ ފުޅާ ދާއިރާއެއްގައި ނޫސްވެރިންނަށް، އެ ހިނގާކަމެއްގެ ޙާޤީޤަތާއި އެއްގޮތަށް އެއްވެސް ފަރާތެއްގެ އަބުރާއި ކަރާމާތައް ގެއްލުން ނުވާގޮތެއްގެ މަތިން ޚަބަރާއި މަޢުލޫމާތު ގެނެސްދިނުމުގެ މިނިވަންކަން އެންމެ ފުޅާދާއިރާއެއްގައި އޮންނަންޖެހޭކަމަށް ސަރުކާރުން ޤަބޫލުކުރައްވާކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. އަދި ޤާނޫނޫ އަސާސީގައި ބަޔާންކުރައްވާފައިވާ ފަދައިން، މިނިވަންކަމާއެކު ފިކުރުކުރުމާއި، އިސްލާމްދީނުގެ އަޞްލަކާ ޚިލާފުނުވާ ގޮތެއްގެމަތީން އެމީހެއްގެ ބުއްދިއަށް ފެންނަގޮތަކާއި، ޚިޔާލުތައް ދުލާއި، ޤަލަމުން އަދިއެނޫންވެސް ގޮތްގޮތަށް ފުޅަކުރުމުގެ މިނިވަންކަން ކޮންމެ މީހަކަށް ލިބިގެންވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ޤާނޫނު އަސާސީގައިވާގޮތުގެމަތިން އެމީހެއްގެ ނަމާއި އަބުރު ރައްކާތެރިކުރެވިފައި އޮތުމުގެ ޙާއްޤު ކޮންމެ މީހަކަށް ލިބިގެންވާކަން ފާހަގަކުރައްވަމުން މިނިސްޓަރ ވިދާޅުވީ، ރާއްޖޭގައި ނޫސްވެރިކަމުގެ ތެރެއިން ޤާނޫނު އަސާސީއާއި ޤާނޫނުތަކާއި ޚިލާފުނުވާގޮތެއްގެމަތިން ޤައުމުގައިހިނގާ ޚަބަރުތައް ގެނެސްދިނުމުގެ މިނިވަންކަން އެންމެ ފުޅާދާއިރާއެއްގައި ލިބިދީފައިވާކަމަށެވެ. އަދި އެފަދަ ޚަބަރުތައް ގެނެސްދިނުމުގައި ރާއްޖޭގެ މީޑިއާގެ ދާއިރާގައި މަސައްކަތްކުރާ އެންމެހާ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން ސަރުކާރުގެ ފަރާތުން ދެއްވާނެކަމުގެ ޔަޤީންކަން ހޯމް މިނިސްޓަރ އަޒްލީން އަޙްމަދު ވަނީ ދެއްވާފައެވެ.