ޚަބަރު

ނައިބު ރައީސް، ޖަޕާނު ސަފީރާ ބައްދަލުކުރައްވައިފި


ޖަޕާން ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހިޒް އެކްސެލަންސީ މިސްޓަރ ކަޒުމީ އެންޑޯ، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޢަބްދުﷲ ޖިހާދުގެ އަރިހަށް މިއަދު އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ، މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، ޖަޕާނުގެ ފަރާތުން ރާއްޖޭގެ އިޤްތިޞާދީ އަދި އިޖުތިމާޢީ ތަރައްޤީއަށް ވެދެއްވާ އެހީތެރިކަމަށް ޝުކުރު އަދާކުރެއްވިއެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި، ރާއްޖެއާއި ޖަޕާނާ ދެމެދުގައިވާ ޚާރިޖީ ގުޅުމަށް 50 އަހަރު މިއަހަރު ފުރޭތީއާއެކު އެކަން ފާހަގަކުރައްވާ، ކުރިއަށްއޮތް ތަނުގައިވެސް މި ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް އުއްމީދުކުރައްވާކަމުގައި ވިދާޅުވިއެވެ.

ޖަޕާނު ސަފީރުގެ ވާހަކަފުޅުގައި ރާއްޖެއާއެކު ގާތް ޚާރިޖީ ގުޅުމެއް ބަދަހިކުރުމަށް ޖަޕާނަށް ފުރުޞަތު ލިބުމަކީ ފަޚުރުވެރިވާ ކަމެއްކަމަށާ ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް އުއްމީދުކުރައްވާކަމުގައި ވިދާޅުވިއެވެ. މި ބައްދަލުކުރެއްވުމުގައި، ދެ ޤައުމުގެ ދެމެދުގައިވާ ގުޅުން ބަދަހިކުރެވޭނެ ދާއިރާތަކާއި ބެހޭގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ.