ޚަބަރު

ސްޓެޕް ޕްރޮގްރާމްގައި ބައިވެރިވުމުގެ މުއްދަތު އިތުރުކުރައްވައިފި


ފަތުރުވެރިކަމުގެ ދާއިރާއިން ކުރިއަށްދާން ޝައުޤުވެރިވާ ޒުވާނުންނަށް ޚާއްޞަކުރައްވައިގެން ސަރުކާރުން ހިންގަވާ ސްޓެޕް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގައި ބައިވެރިވުމުގެ މުއްދަތު އިތުރުކުރައްވައިފިއެވެ.

މި ޕްރޮގްރާމް ކުރިއަށް ގެންދަވަނީ މިނިސްޓްރީ އޮފް ޔޫތް އެންޑް ސްޕޯޓްސްގެ ދަށުން ހިންގަވާ ނޭޝަނަލް ކެރިއަރ ގައިޑެންސް ސެންޓަރުން އިސްނަންގަވައިގެނެވެ. ސްޓެޕް ޕްރޮގްރާމްގައި ބައިވެރިވުމުގެ މުއްދަތު މިމަހުގެ 25 ވަނަ ދުވަހާއި ހަމައަށް އިތުރުކުރައްވާފައިވާ ކަމަށެވެ. 

މި ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުޞަތު ކުރިން އޮތީ، އެޕްރީލް މަހުގެ ތިރީހުގެ ނިޔަލަށެވެ. މުއްދަތު އިތުރުކުރެއްވީ ވީހާވެސް ގިނަ ޒުވާނުންނަށް ފުރުޞަތު ދެއްވުމުގެ ގޮތުން ކަމަށް ނޭޝަނަލް ކެރިއަރ ގައިޑެންސް ސެންޓަރުން މައުލޫމާތުދެއްވައެވެ.

މި ޕްރޮގްރާމަކީ، ސްކޫލް މަރުޙަލާގައި ދަށް ނަތީޖާ ލިބޭ ކުދިންގެ ތެރެއިން ފަތުރުވެރިކަމުގެ ދާއިރާއިން ކުރިއަށް ދިއުމަށް ބޭނުންވާ ކުދިންނަށް، އަމާޒުކޮށްގެން ކުރިޔަށް ގެންދާ ޕްރޮގްރާމެކެވެ. ގްރޭޑް ހަތެއް ފުރިހަމަކޮށްފައިވުމާއެކު އިނގިރޭސިބަހުން މުޢާމަލާތުކުރަން އެނގޭ ކޮންމެ ޒުވާނަކަށް މި ޕްރޮގްރާމްގައި ބައިވެރިވެވޭނެއެވެ.

މި ޕްރޮގްރާމްގެ ތެރެއިން ރިސޯޓްތަކުގައި ތިބެގެން ޒުވާނުންނަށް ފުޑް އެންޑް ބެވަރޭޖާއި، ހައުސް ކީޕިންގއާއި، ރެކްރިއޭޝަން ފަދަ ދާއިރާތަކުން ކިޔެވުމުގެ ފުރުސަތު ލިބިގެންދާނެއެވެ.