ޚަބަރު

އައިޑީބީގެ އަހަރީ ކޮންފަރެންސަށް ތައްޔާރުވާން ފަށައިފި


މިމަހުގެ 16 ވަނަ ދުވަހު ސަޢުދީ އަރަބިއްޔާގައި ބޭއްވުމަށް ހަމަޖެހިފައިވާ އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް، އައި.ޑީ.ބީގެ އެނުއަލް ކޮންފަރެންސަށް ތައްޔާރުވުމާ ގުޅޭ ގޮތުން އިސްލާމިކް މިނިސްޓަރ ޑރ. އަޙުމަދު ޒިޔާދު އައިޑީބީގެ އިސް ބޭފުޅުންނާ މަޝްވަރާކުރައްވައިފިއެވެ.

އިސްލާމިކް މިނިސްޓްރީގައި ބޭއްވެވި މި ބައްދަލުވުމުގައި އިސްލާމިކް ޑިވަލޮޕްމަންޓް ބޭންކް، އައި.ޑީ.ބީ ގެ ފަރާތުން ބައިވެރިވަޑައިގަތީ، އައިޑީބީން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ކަންޓްރީ ޕްރޮގްރާމް މެނޭޖަރ މުޙައްމަދު ނަސިސް ސުލައިމާންއެވެ.

އިސްލާމިކް މިނިސްޓަރ ޑރ. އަޙުމަދު ޒިޔާދާއެކު ބޭއްވެވި މަޝްވަރާ ބައްދަލުވުމުގައި، ސަޢުދީ އަރަބިއްޔާގެ ޖިއްދާގައި ފެށުމަށް ހަމަޖެހިފައިވާ އައިޑީބީގެ އެނުއަލް ކޮންފަރެންސްއަށް ތައްޔާރުވުމާ ގުޅޭ ގޮތުން މަޝްވަރާކުރެއްވިއެވެ. އެހެންނަމަވެސް ކޮންފަރެންސްގެ މާ ބޮޑު ތަފްސީލެއް މިނިސްޓްރީން ހާމައެއް ނުކުރައްވައެވެ. މީގެ އިތުރުން އައިޑީބީ މެދުވެރިކޮށް ރާއްޖޭގައި ކުރިއަށް ގެންދާ ޕްރޮގްރާމްތަކާއި، މިއަހަރު ފެށުމަށް ހަމަޖެހިފައިވާ ޕްރޮގްރާމްތަކާބެހޭ ގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވި ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.

މިނިސްޓްރީން ވިދާޅުވީ، އައިޑީބީގެ އެނުއަލް ކޮންފަރެންސްގައި ރާއްޖެ ތަމްސީލުކުރުމަށް މިމަހުގެ 13 ވަނަ ދުވަހު އިސްލާމިކް މިނިސްޓަރ ޑރ.އަޙުމަދު ޒިޔާދު ސަޢުދީއަށް ވަޑައިގުމަތަށް ހަމަޖެހިފައިވާ ކަމަށެވެ. އައިޑީބީގެ ފަރާތުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ގަވަނަރުގެ ގޮތުގައި ވެސް މިވަގުތު ހުންނެވީ އިސްލާމިކް މިނިސްޓަރ ޑރ. އަޙުމަދު ޒިޔާދުއެވެ.