ޚަބަރު

އޭޑީބީގެ އެހީ އެކިއެކި މަޝްރޫޢުތަކަށް ހޯއްދަވަނީ


ކުރިއަށްއޮތް ތިން އަހަރު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ތަރައްޤީގެ އެކި މަޝްރޫޢުތަކަށް އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް، (އޭޑީބީ)ގެ އެހީ ހޯއްދެވުމަށް ނިންމަވާފައިވާކަމަށް ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.

އޭޝިއަން ޑިވެލޮޕްމަންޓް ބޭންކްގެ 50 ވަނަ އަހަރީ ޢާއްމު ޖަލްސާއަށް ފުރާވަޑައިގެންނެވުމުގެ ކުރިން ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން، ފިނޭންސް މިނިސްޓަރު އަޙްމަދު މުނައްވަރު ވިދާޅުވީ، އަންނަ ބުރާސްފަތި ދުވަހު ފެށުމަށް ހަމަޖެހިފައިވާ އޭޑީބީގެ އަހަރީ އާއްމު ޖަލްސާގައި ރާއްޖޭގައި މިހާރު ކުރިއަށްދާ ތަރައްޤީގެ އެކި މަޝްރޫޢުތަކާއި ކުރިއަށް ގެންދިއުމަށް ނިންމަވާފައިވާ މަޝްރޫއުތަކާއި ބެހޭ މަޢުލޫމާތު އެ ބޭންކާ ޙިއްޞާ ކުރެއްވުމަށް ހަމަޖެހިފައިވާކަމަށެވެ. މީގެ ތެރެއިން އެއް މަޝްރޫޢަކީ ކުނި ނައްތާލުމުގެ ގޮތުން މުޅި ރާއްޖެއަށް އަމާޒްކުރައްވައިގެން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މަޝްރޫޢެކެވެ.

img:http://s1.psmnews.mv/images/660x400/7611.jpg|ވޭސްޓް މެނޭޖްމަންޓް ސެންޓަރެއްގައި ކުނި ޖަމާކޮށްފައި / ފައިލް ފޮޓޯ: އެންވަޔަރަމަންޓް މިނިސްޓްރީ

މިނިސްޓަރު ވިދާޅުވީ، ސަތޭކަ މިލިއަން ޑޮލަރުގެ ވޭސްޓް މެނޭޖްމަންޓް މަޝްރޫއުއަށް އޭޑީބީގެ އެހީ ހޯއްދެވުމަށް ނިންމަވާފައިވާކަމަށެވެ. މިގޮތުން މި މަޝްރޫއުއަށް އޭޑީބީގެ ފަރާތުން ދެވޭނީ ކިހާވަރެއްގެ އެހީއެއްތޯ ބައްލައި އެ ބޭންކާއިއެކު މަޝްވަރާތައް ބޭއްވުމަށް ހަމަޖެހިފައިވާކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. މީގެ އިތުރަށް ގްރޭޓާ މާލެ ނަމުގައި ކުރިއަށްގެންދިއުމަށް ނިންމާފައިވާ ބޮޑު މަޝްރޫއުއަށްވެސް އޭޑީބީގެ އެހީތެރިކަން ހޯއްދެވުމަށް މަޝްވަރާތައް ކުރައްވާނޭކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް، (އޭޑީބީ) ގެ މެމްބަރުކަން ދިވެހިރާއްޖެއަށް ލިބުނީ އޮނަވިހިސަތޭކަ ހަތްދިހަ އަށްވަނަ އަހަރުއެވެ. އޭޑީބީން އަންނަނީ ރާއްޖޭގެ ތަރައްޤީގެ ގިނަ މަޝްރޫޢުތަކަކަށް މާލީ ގޮތުންނާއި ފަންނީގޮތުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ.