ދުނިޔެ

ފަނޑިޔާރެއްގެ ބުއްދި ސަލާމަތުން ހުރިތޯ ބެލުމަށް އަމުރުކޮށްފި!!


އިންޑިއާގެ ކަލްކަޓާގެ ހައިކޯޓުގެ ފަނޑިޔާރު، ޖަސްޓިސް ޗިންނަސުވާމީ ކަރްނާން އާއި އިންޑިއާގެ ސުޕްރީމްކޯޓުގެ ފަނޑިޔާރުންގެ މެދުގައި މައްސަލަތަކެއް ޖެހިގެން އުޅޭތާ މިހާރު ދުވަސްތަކެއްވެއްޖެއެވެ. އިންޑިއާގެ ސަމާލުކަމަށް އައިސްފައިވާ މިމައްސަލަ ހޯމަދުވަހު އިތުރަށް ގޯސްވެގެންދިޔައީ، އިންޑިއާގެ އުއްތަމަ ފަނޑިޔާރު ހިމެނޭ ގޮތަށް އެޤައުމުގެ ސުޕްރީމްކޯޓުގެ ބެންޗުން، ފަނޑިޔާރު ކަރްނާންގެ ބުއްދި ސަލާމަތުން ހުރިތޯ ބެލުމަށް ޓެސްޓު ހެދުމަށް އަމުރުކުރި ހިސާބުންނެވެ. އެހާހިސާބުން ފަނޑިޔާރު ކަރްނާންވެސް އަމުރެއް ނެރުނެވެ. ހަމަ އެފަދަ އަމުރެކެވެ. ސުޕްރީމްކޯޓުގެ ފަނޑިޔާރުންގެ ބުއްދަ ސަލާމަތުން ހުރިތޯ ބެލުމަށެވެ.

މިކަމެއް ފެށުނީ ކިހިނެތް؟

މިމައްސަލަ މިހާހިސާބަށް މިއައީ، މިއަހަރުގެ ޖެނުއަރީމަހު ފަނޑިޔާރު ކަރްނާން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފޮނުއްވި ސިޓީފުޅަކާ ގުޅިގެނެވެ. އެސިޓީފުޅުގައި އޭނާ ވަނީ ކޮރަޕްޓްވެފައިވާކަމަށް އޭނާއަށް ފެންނަ 20 ފަނޑިޔާރަކާއި ޖުޑީޝަރީގެ 3 އޮފިޝަލެއްގެ ނަން ހިއްސާކޮށްފައެވެ. އެއްވެސް ހެއްކެއް ނެތި ހުށަހެޅި މިސިޓީގައި ބުނެފައިވަނީ އެމައްސަލަ ބަލާ ފިޔަވަޅު އެޅުމަށެވެ.

ހައިކޯޓުގެ ފަނޑިޔާރުގެ ސިޓީފުޅާ ގުޅިގެން، ފެބްރުއަރީ 8 ވަނަ ދުވަހު ސުޕްރީމްކޯޓުގެ ހަތް ފަނޑިޔާރުންގެ ބެންޗަކުން ނިންމީ، މިއީ ކޯޓުގެ ހުރުމަތް ކެނޑުންކަމަށެވެ. އަދި އެކަމަށް ހައިކޯޓުގެ ފަނޑިޔާރު ޖަވާބުދާރީ ވެވަޑައިގަތުމަށް ފެބްރުއަރީމަހުގެ 13 ވަނަ ދުވަހު ކޯޓަށް ހާޒިރުވުމަށް އެންގެވިއެވެ. ނަމަވެސް ފަނޑިޔާރު ކަރްނާން ކޯޓަށް ހާޒިރުވެވަޑައި ނުގަތުމުން، މާޗް 10 ވަނަ ދުވަހު އަނެއްކާވެސް ހާޒިރުވުމަށް އަމުރުކުރިއެވެ. މިފަހަރުވެސް ފަނޑިޔާރު ހާޒިރެއްނުވިއެވެ.

އެކަމާއި ގުޅިގެން ސުޕްރީމްކޯޓުން ދެން ނެރުނީ އޭނާ ހައްޔަރުކޮށްގެން ގެނައުމުގެ އަމުރެކެވެ. އެ އަމުރު ނެރުނީ ވެސްޓް ބެންގާލް ސްޓޭޓްގެ ޕޮލިހުގެ ވެރިޔާގެ މައްޗަށެވެ. އަދި ސުޕްރީމްކޯޓުން ވަކި އެއްޗެއް އަންގަންދެން ޝަރުޢީ މަސައްކަތްތަކުންނާއި ހައިކޯޓަށް ނުވަދެވޭ ގޮތަށް އޭނާ އެކަހެރިކުރުމަށްވެސް އަމުރު ނެރުނެވެ.

img:http://s1.psmnews.mv/images/660x400/14938004969557.jpg|ކަލްކަޓާ ހައިކޯޓުގެ ފަނޑިޔާރު، ކަރްނާން / އޭނާގެ ބުއްދި ސަލާމަތުން ހުރިތޯ ބެލުމަށް ސުޕްރީމްކޯޓުން ވަނީ އަމުރުކުރައްވާފައި

މައްސަލަ އިތުރަށް ގޯސްވުން!

ފަނޑިޔާރު ކަަރްނާން ހައްޔަރުކޮށްގެން ހާޒިރުކުރުމަށް ސުޕްރީމް ކޯޓުން އަމުރު ނެރުނު ދުވަހު، ފަނޑިޔާރު ކަރްނާންވެސް އަމުރެއް ނެރުއްވިއެވެ. އެއަމުރުގައިވަނީ ސުޕްރީމްކޯޓުގެ ފަނޑިޔާރުން ވަކި އަތަކަށް ޖެހިފައިވާކަމަށާއި، އަދި އޭނާއާ ދެކޮޅަށް މަސައްކަތްކުރާތީ ސުޕްރީމްކޯޓުގެ ފަނޑިޔާރުންނާއި ދެކޮޅަށް މައްސަލަ ފައިލްކުރުމަށެވެ. އަދި ލިބުނު ގެއްލުމުގެ ބަދަލުގައި 2.2 މިލިއަން ޑޮލަރު ނުވަތަ 140 މިލިއަން ރުޕީސް ނަަގައިދިނުމަށްވެސް ފަނޑިޔާރު އަމިއްލައަށް ނެރުއްވި އަމުރުގައިވެއެވެ. މީގެ އިތުރުން އޭނާ ހައްޔަރުކޮށްގެން ހާޒިރުކުރުމަށް ނެރުނު އަމުރަކީ ޢައިރު ޤާނޫނީ އަމުރެއްކަމަށ ނިންމާ، ހައިކޯޓުގެ ފަނޑިޔާރު އެހެން އަމުރެއް ނެރުއްވިއެވެ.

މިދިޔަ ހުކުރުދުވަހު އިންޑިއާގެ ޙަބަރުތަކުގެ ސުރުޚީތަކަށް އައީ ވަރަށް އާދަޔާ ޚިލާފް ޚަބަރެކެވެ. ސުޕްރީމްކޯޓުގެ އުއްތަމަ ފަނޑިޔާރު ހިމެނޭ ގޮތަށް 7  ފަނޑިޔާރަކު އިންޑިއާއިން ފުރުން މަނާކުރުމުގެ އަމުރެއް ކަލްކަޓާ ހައިކޯޓުގެ ފަނޑިޔާރު ކަރްނާން ނެރުއްވިއެވެ. ޝަރުޢީ މަސައްކަތްތަކުން އެކަހެރިކޮށްފައި ހުރުމުން، އޭނާއަށް ހައިކޯޓުގެ ޢިމާރާތް ބޭނުން ނުކުރެވޭތީ އޭނާ އަމުރު ނެރުއްވީ އަމިއްލަފުޅު ގޭގައި ހައްދަވައިގެން އުޅުއްވާ ކޯޓަކުންނެވެ. މިއަމުރުގައި ސުޕްރީމްކޯޓުގެ ފަނޑިޔާރުން މައްސަލައަށް ޖަވާބުދާރީވުމަށް މޭމަހުގެ އެއްވަނަ ދުވަހު (އޭނާގެ) ކޯޓަށް ހާޒިރުވުމަށް އަމުރުކޮށްފައިވެއެވެ.

img:http://s4.psmnews.mv/images/660x400/14938005651080.jpg|އިންޑިއާގެ އުއްތަމަ ފަނޑިޔާރު، ޖަގްދިޝް ސިންގ ކެހާރް

ފަނޑިޔާރުގެ ޤާބިލްކަމާއިމެދު ސުވާލު އުފެދުން!

ސުޕްރީމްކޯޓުގެ ފަނޑިޔާރުންނާއި ދެކޮޅަށް އަމުރު ނެރުނު ހިސާބުން، ފަނޑިޔާރު ކަރްނާންގެ ސިކުނޑީގައި މައްސަލައެއް އުޅޭތޯ ބެލުމަށް ޑޮކްޓަރުންގެ ޓީމަކުން ޓެސްޓް ހެދުމަށް އިންޑިއާގެ ސުޕްރީމްކޯޓުން އަމުރު ނެރުނެވެ. އަދި މިމަހުގެ 8 ވަނަ ދުވަހުގެ ކުރިން ޓެސްޓް ހެދުމަށްފަހު ސުޕްރީމްކޯޓަށް ހުށަހެޅުމަށް ވެސްޓް ބެންގާލްގެ ފުލުހުންގެ މައްޗަށް ވަނީ އަމުރުކޮށްފައެވެ.

ސުޕްރީމްކޯޓުގެ އަމުރާއެކުވެސް ފަނޑިޔާރު ކަރްނާން ކުރަމުންދިޔަ ކަންކަން މަޑުޖެހޭގޮތެއް ނުވިއެވެ. ކަރްނާން ބުނީ އޭނާގެ ބުއްދި ހުރީ ސަލާމަތުންކަމަށާއި އޭނާގެ އެއްވެސް ޞިއްހީ މައްސަލައެއް ނޫޅޭކަމަށެވެ. އަދި މިއީ އޭނާއަށް އިޚްތިރާމް ކުޑަކުރުމުގެ ގޮތުން ކުރިކަމެއް ބުނެ، ސިކުނޑީގައި މައްސަލައެއް ހުރިތޯ ބެލުމަށް ޓެސްޓެއް ނުހަދާނެކަަމަށް ކަރްނާން ބުންޏެވެ. އަދި ހަމަ އެދުވަހު ސުޕްރީމްކޯޓުގެ އުއްތަމަ ފަނޑިޔާރު ހިމެނޭ ގޮތަށް، އޭނާއާ ދެކޮޅަށް އަމުރު ނެރުއްވި ސުޕްރީމްކޯޓުގެ ފަނޑިޔާރުންގެ ސިކުނޑީގައި މައްސަލައެއް ހުރިތޯ ބަލަން ޓެސްޓް ހެދުމަށް އަމުރެއް ނެރުނެވެ. ދިއްލީ ފުލުހުންގެ ޑިރެކްޓަރ ޖެނަރަލްގެ މައްޗަށް ނެރުއްވި އަމުރުގައިވާ ގޮތުން މިމަހުގެ 7 ވަނަ ދުވަހުގެ ކުރިން އެރިޕޯޓް ފަނޑިޔާރު ކަރްނާންއަށް ހުށަހަޅަންޖެހެއެވެ. ނަމަވެސް ދިއްލީއަކީ ޑިރެކްޓަރ ޖެނަރަލްގެ ބަދަލުގައި ފުލުހުންެގެ އެންމެ އިސްވެރިޔަކަށް ކޮމިޝަނަަރެއް ހުންނަވާ ތަނެއްކަމުން، އަނެއްކާވެސް އިތުރު މައްސަލަތަކެއް ކުރިމަތިވާނެއެވެ. ނަމަވެސް މިއީ އިންޑިއާގެ އެންމެ މަތީ ކޯޓުތަކުގެ ފަނޑިޔާރުންގެ މެދުގައި އުފެދިގެން އުޅޭ މައްސަލައަށް ވުރެ ކުޑަ މައްސަލައެކެވެ.

img:http://s1.psmnews.mv/images/660x400/14938006213368.jpg|އިންޑިއާގެ ސުޕްރީމް ކޯޓު

ދެން ވާނީ ކިހިނެތް؟!

މިއީ އިންޑިއާގެ މަތީ ކޯޓެއްގެ ފަނޑިޔާރަކާއި ސުޕްރީމްކޯޓުގެ ފަނޑިޔާރުންނާއި މިފަދަ މައްސަލައެއް ޖެހުނު ފުރަތަމަ ފަހަރެވެ. އެހެންކަމުން މިކަމުގައި ވެދާނެ ގޮތެއް ނޭނގެއެވެ. ނަމަވެސް އަންނަ ޖޫންމަހުގެ 12 ވަނަ ދުވަހު ފަނޑިޔާރު ކަރްނާންއަށް 62 އަހަރު ފުރި، ފަނޑިޔާރުކަމުގެ މަޤާމުން ރިޓަޔާ ކުރައްވަންޖެހޭނެއެވެ. އެއާއެކު އޭނާއަށް ދެކޮޅަށް ފިޔަވަޅު އަޅަން ސުޕްރީމްކޯޓަށް ފަސޭޙަވެގެންދާނެއެވެ.

img:http://s4.psmnews.mv/images/660x400/14938005961128.jpg|ކަލްކަޓާ ހައިކޯޓުގެ ފަނޑިޔާރު، ކަރްނާން / އޭނާއާ ސުޕްރީމްކޯޓާ ދެމެދު ވަނީ ބޮޑެތި މައްސަލަތަކެއް ޖެހިފައި

2009 ވަނަ އަހަރު ޗެންނާއީގެ ހައިކޯޓުގެ ފަނޑިޔާރުކަމަށް ވަޑައިގެންނެވި، ކަރްނާންއަކީ އެހެން ކޯޓުތަކުގެ ފަނޑިޔާރުންނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވާ ބޭފުޅެކެވެ. ފަނޑިޔާރުންގެ އިސްތަށިފުޅުގައި ކޮރަޕްޝަނާއި ރޭޕް ފަދަ ބޮޑެތި ތުހުމަތުތައް އަޅުވައެވެ. އެއާއެކު ފަނޑިޔާރުންގެ ޝަކުވާތައް އުއްތަމަ ފަނޑިޔާރާއި ހަމައަށް ގޮސްގެން، ކަލްކަޓާގެ ހައިކޯޓަށް އޭނާ ބަދަލުކުރެއްވިތާ މިވީ އަހަރެއްހާ ދުވަހެވެ. ސުޕްރީމް ކޯޓުން އޭނާ ކަލްކަޓާ ކޯޓަށް ބަދަލުކުރުމުން، އެއީ ބާތިލް ނިންމުމެއްކަމަށް ނިންމާ، އެފަހަރުވެސް އަމުރެއް ނެރުއްވިއެވެ. އޭނާ ކަލްކަޓާ ހައިކޯޓަށް ބަދަލުވާން އެއްބަސްވީ، އޭރު އުއްތަމަ ފަނޑިޔާރަކަށް ހުންނެވި ބޭފުޅާއާއެކު ބޭއްވި ސިއްރު ބައްދަލުވުމަކަށްފަހުއެވެ.