ޚަބަރު

މާރާމާރީގައި ޒަޚަމްވި ކުއްޖާ އިތުރު ފަރުވާއަށް މާލެ ގެންނަނީ


އައްޑޫ ސިޓީ ހިތަދޫގައި ރޭ ހިނގި މާރާމާރީއެއްގައި ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްވި ކުއްޖާއަށް އިތުރު ފަރުވާ ދިނުމަށްޓަކައި މާލެ ގެނައުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ވިދާޅުވެއްޖެއެވެ.

ރޭ 10:23 ހާއިރު އައްޑޫ ސިޓީ ހިތަދޫގައި ހިނގި މާރާރާމާރީއެއްގައި ތޫނު އެއްޗަކުން ހަމަލާދީ ޒަޙަމްކޮށްލާފައިވަނީ އުމުރުން 15 އަހަރުގެ ކުއްޖެކެވެ. މި ކުއްޖާ މިހާރު އޮތީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ އައި.ސީ.ޔޫގައެވެ.

ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ ކޮމިއުނިޓީ ހެލްތް އޮފިސަރ މުޙައްމަދު ނަޖީބު ވިދާޅުވީ، ތޫނު އެއްޗަކުން ހަމަލާދިނުމުގެ ސަބަބުން އެކުއްޖާގެ ބޮލަށް ފުން ޒަޙަމްތަކެއް ލިބިފައިވާކަމަށާއި، އިތުރު ފަރުވާއަށް އައި.ޖީ.އެމް.އެޗްއަށް ގެނެއުމުގެ މަސައްކަތް މިހާރު ކުރައްވަމުން ގެންދަވާކަމަށެވެ. 

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މި މާރާމާރީ ހިނގާފައިވަނީ ރޭ 10:23ގައި ކަމަށެވެ. އެހެންނަމަވެސް މި ޙާދިސާއާއި ގުޅޭ އިތުރު ތަފްސީލެއް ފުލުހުން އަދި ހާމަކުރައްވާފައެއްނުވެއެވެ. މި ޙާދިސާ ފުލުހުން ގެންދަވަނީ ތަޙުޤީޤުކުރައްވަމުންނެވެ.