ޚަބަރު

ޕީއެސްއެމް ނިއުސް - 24 ގަޑިއިރުގެ ފުރަތަމަ ނިއުސް ޗެނަލް


ޕީއެސްއެމް ނިއުސް ޗެނަލަކީ ޕަބްލިކް ސަރވިސް މީޑިއާގެ ޙަޔާތުގައި ގިރާކުރެވުނު މުހިންމު ހަރުފަތެކެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިނގާ ކަންކަމާ ގުޅޭ މަޢުލޫމާތާއި ރައްޔިތުންނާ ގުޅުންހުރި ކޮންޓެންޓް ބޮރޯޑްކާސްޓްކުރުމަށް ޕީ.އެސް.އެމުން ކުރަމުންގެންދާ މަސައްކަތްތަކަށް އިތުރުވުގެންދިޔަ މުހިންމު ބޮޅެކެވެ. މި ޗެނަލް މެދުވެރިކޮށް، ޚަބަރާއި ކަރަންޓް އެފެއާޒް ޕްރޮގްރާމްތައް ހުއްޓުމެއްނެތި ގެނެސްދެވޭނެއެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިނގާ ކަންކަމާއި، ހަރަކާތްތައް ވަގުތުން ގެނެސްދިނުމާއި، ދިމާވާ އެކި ކަންކަމާގުޅޭ ޞައްޙަ އަދި ތަފްސީލީ މައުލޫމާތު ޢާންމުންނާ ހަމައަށް ގެނެސްދިނުމަށް ޕަބްލިކް ސަރވިސް މީޑިއާގެ ޓީމުން ކުރަމުންދާ މަސައްކަތްތަކަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިގެންގޮސްފައެވެ. 

ޕީ.އެސް.އެމް ނިއުސް 24 ގަޑިއިރު ހިންގާ ޗެނަލެއްގެ ގޮތުގައި ޤާއިމުކުރުމާއެކު ކުރިން ކުރުކޮށް ގެނެސްދޭ ޚަބަރާ މައުލޫމާތު، އިތުރަށް ތަފްސީލުކޮށް ރައްޔިތުންނާއި ހަމައަށް ގެނެސްދެވޭނެއެވެ. ޕީ.އެސް.އެމުން ވަގުތުން ގެނެސްދޭ އިވެންޓްތަކުގެ ޢަދަދު އެތައް ގުނައެއް އިތުރުވާނެއެވެ. ނިއުސް ޗެނަލް ޤާއިމުކުރެވުމާއެކު ޞައްޙަ ތެދު މައުލޫމާތު ރައްޔިތުންނަށް ގެނެސްދިނުމުގައި ދައުލަތުގެ މީޑިއާއިން ކުރަމުންގެންދާ މަސައްކަތްތަކަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ. އަދި ޕީ.އެސް.އެމްގެ ޚިދުމަތްތައް ރައްޔިތުންނާ ގާތަށް ގެނެންދިނުމަށާއި، ޢާންމުރައްޔިތުންގެ ޝުއޫރާއި އިޙްސާސްތައް ބްރޯޑްކާސްޓް ކުރުމުގެ މަގުވަނީ އިތުރަށް ފަހިވެފައެވެ.

img:http://s1.psmnews.mv/images/660x400/14937885053414.jpg|ރައީސް ޔާމީން ޕީއެސްއެމް ނިއުސް ޗެނަލް އިފްތިތާޙުކޮށްދެއްވަނީ / ފޮޓޯ: ޕީއެސްއެމް

މީޑިއާނެޓުން ޕީ.އެސް.އެމް ނިއުސް ފެނިވަޑައިގަންނަވާނީ 702 ނަމްބަރު ޗެނަލުންނެވެ. އަދި ސެޓަލައިޓް މެދުވެރިކޮށްވެސް މި ޗެނަލް ބެލޭނެ އިންތިޒާމް ޕީ.އެސް.އެމުން ވަނީ ހަމަޖައްސާފައެވެ. ޕީ.އެސް.އެމްގެ ނިއުސް ޗެނަލުން ކޮންމެ ގަޑިއަކު އެއްފަހަރު ޚަބަރު ވަގުތުން ގެނެސްދޭނެއެވެ. އަދި ކޮންމެ ދުވަހަކުވެސް ޑޮކިއުމެންޓްރީތަކާއި، ރައްޔިތުން ޝައުޤުވެރިވާފަދަ މުހިންމު މައުލޫމާތު ގެނެސްދޭ ކަރަންޓް އެފެއާރޒް ޕްރޮގްރާމްތައް ގެނެސްދެމުން ގެންދާނެއެވެ. ދައުލަތުގެ މީޑިއާގެ ހިންގުން ޕަބްލިކް ސަރވިސް މީޑިއާގެ ދަށަށް ބަދަލުކުރުމަށްފަހު، މިވީ 2 އަހަރުދުވަހުގެ ތެރޭގައި ދައުލަތުގެ މީޑިއާއިންވަނީ އިންޤިލާބީ ބޮޑެތި ކުރިއެރުންތަކެއް ހޯދާފައެވެ. މީގެ ކުރިން ދައުލަތުގެ މީޑިއާއިން ފޯރުކޮށްނުދޭ އައު އެތަކެއް ޚިދުމަތްތަކެއް މުޅިން އަލަށް ތަޢާރަފްކޮށްފައިވާއިރު، ކުރިން ދެމުން އަންނަ ޚިދުމަތްތަކުގެ ފެންވަރު ވަނީ އެތައް ގުނައެއް މަތިކޮށްފައެވެ. ދައުލަތުގެ މީޑިއާއިން ދެމުންގެންދާ ޚިދުމަތްތަކަކީ ރައްޔިތުން ބަލައިގަންނަ ޚިދުމަތްތަކަކަށް ހެދުމަށް، ގިނަ މަސައްކަތްތަކެއް ޕީ.އެސް.އެމުން ވަނީ ކޮށްފައެވެ.

ޕަބްލިކް ސަރވިސް މީޑިއާ ވުޖޫދަށް އައިއިރު ދައުލަތުގެ މީޑިއާއިން ހިންގަމުން ގެންދިޔައީ، 2 ރޭޑިއޯ ޗެނަލާއި، 1 ޓީވީ ޗެނަލެވެ. ޕަބްލިކް ސަރވިސް މީޑިއާ ވުޖޫދަށް އައި ފަހުން މިވީ 2 އަހަރުދުވަހުގެ ތެރޭގައި ހޯދިފައިވާ ކާމިޔާބީތަކަށް ބަލާލާއިރު، މައި ޓީވީ ޗެނަލް، ޓެލެވިޜަން މޯލްޑިވްސްގެ އިތުރުން، އިތުރު 4 ޓީވީ ޗެނަލް ވަނީ ހުޅުވައި ޚިދުމަތް ދޭންފަށާފައެވެ. އަދި ޓެލެވިޜަން މޯލްޑިވްސްގެ އެޗްޑީ ޗެނަލެއް ވަނީ ޤާއިމުކޮށްފައެވެ. އަލަށް ޤާއިމުކުރި ޕަބްލިކް ސަރވިސް މީޑިއާގެ ނިއުސް ޗެނަލް، ޕީ.އެސް.އެމްގެ ނިއުސް ޤާއިމުކުރެވުމާއެކު ދައުލަތުގެ މީޑިއާއިން ހިންގާ ޓީވީ ޗެނަލްތަކުގެ ޢަދަދުވަނީ 6 އަށް އިތުރުވެފައެވެ.

img:http://s2.psmnews.mv/images/660x400/14829907774931.jpg|ޕީއެސްއެމްގެ ދީނީ ޓީވީ ޗެނެލް " މުންނާރު" އިފްތިތާހް ކުރެއްވުމުގެ ރަސްމިއްޔާތުގެ ތެރެއިން- ފޮޓޯ: ޕީއެސްއެމް

އެގޮތުން މިހާރު ހިންގަމުންގެންދާ ޓީވީ ޗެނަލްތަކަކީ، ޕީ.އެސް.އެމްގެ މައި ޓީވީ ޗެނަލް ޓެލެވިޜަން މޯލްޑިވްސް އާއި، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކާއި، މަޖިލީހުގެ މަސައްކަތްތައް ގެނެސްދިނުމަށްޓަކައި ޤާއިމުކުރި މަޖިލިސް ޓީވީއާއި، ޒުވާނުންނާ ކުޅިވަރަށް ޚާއްޞަ ޓީވީ ޗެނަލް، ޔެސް ޓީވީއާއި، ދިވެހިރައްޔިތުންގެ ދީނީ ހޭލުންތެރިކަން އިތުރުކޮށް ދީނީ މައުލޫމާތު ގެނެސްދިނުމަށްޓަކައި ޤާއުމުކުރި މުންނާރު ޓީވީއާއި، ދިވެހިރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރުކުރުމަށްޓަކައި، ޓޫރިޒަމް މިނިސްޓްރީއާ ގުޅިގެން ޤާއިމުކުރި މޯލްޑިވްސް ޓީވީގެ އިތުރުން އަލަށް ޤާއިމުކުރި ޕީ.އެސް.އެމްގެ ނިއުސް ޗެނަލެވެ. ޕަބްލިކް ސަރވިސް މީޑިއާ ވުޖޫދަށް އައުމުގެ ކުރިން ހިންގަމުންއައި ރޭޑިއޯ ޗެނަލްތައް ކަމަށްވާ، ދިވެހިރާއްޖޭގެ އަޑާއި، ދިވެހި އެފްއެމްގެ އިތުރުން، މިކުންފުނި އައުމަށްފަހު ވަނީ ދީނީ މައުލޫމާތު ގެނެސްދޭ ރޭޑިއޯ ޗެނަލެއް ކަމަށްވާ ދީނުގެ އަޑު ޤާއިމުކޮށްފައެވެ.

ޕީ.އެސް.އެމް ވުޖޫދަށްއައުމަށްފަހު މިވީ 2 އަހަރުގެ ތެރޭގައި ދައުލަތުގެ މީޑިއާއިން ފުރަތަމަ ފަހަރަށް ޕްރިންޓް މީޑިއާގެ ޚިދުމަތް ވަނީ ފަށާފައެވެ. ޕީ.އެސް.އެމްގެ ހަފްތާ މަޖައްލާ މާލްދީބް ޗާޕްކުރަން ފަށައި، ރާއްޖޭގެ އެކި ކަންކޮޅުތަކަށް ހިލޭ ފޯރުކޮށްދޭން ވަނީ ފަށާފައެވެ. އަދި 2017 ވަނަ އަހަރުގެ ޖެނުއަރީ 1 ވަނަ ދުވަހުން ފެށިގެން ބޭރުގެ ޑިޕްލޮމޭޓުންނަށާއި، އެކިއެކު ފަރާތްތަކަށް، ރާއްޖޭގެ މަސްރަޙާ ގުޅޭ ޞައްޙަ މައުލޫމާތު ފޯރުކޮށްދިނުމަށްޓަކައި، މާލްދީބް ޑެއިލީގެ ނަމުގައި އީ-ނިއުސް ލެޓަރ އެއް އެކުލަވާލައި ގެންދަނީ ފޯރުކޮށްދެމުންނެވެ. މީޑިއާގެ ދާއިރާއިން އިންސާނީ ވަސީލަތް ތަރައްޤީކުރުމަށްޓަކައި، މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓްގެ ނަމުގައި އިންސްޓިޓިއުޓެއް ޤާއިމުކުރެވި ކޯސްތައް ގެންދަނީ ހިންގަމުންނެވެ. ބައިނަލްއަޤްވާމީ ޔުނިވާސިޓީއެއްކަމަށްވާ ލިމްކޮކްވިންގ ޔުނިވާސިޓީގެ ކޯސްތައް މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓުގައި ހިންގުމަށް ވަނީ އެއްބަސްވެ މަސައްކަތް ފަށާފައެވެ. ދައުލަތުގެ މީޑިއާގެ ޗެނަލްތަކުން ގެނެސްދޭ ކޮންޓެންޓްގެ ކޮލިޓީ މަތިކޮށް، ރައްޔިތުން ބަލައިގަންނަފަދަ ގޮތަކަށް ބައްޓަން ކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ވޭތުވެދިޔަ 2 އަހަރުގެ ތެރޭގައި ވަނީ ކުރެވިފައެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ ބައިނަލްއަޤްވާމީ ފްރެންޗައިޒް ޝޯއެއް ކަމަށްވާ މޯލްޑިވިއަން އައިޑޮލް އުފައްދައި ގެނެސްދޭން ފެށުމެވެ.

img:http://s1.psmnews.mv/images/660x400/14928879449251.jpg|މޯލްޑިވިއަން އައިޑަލް ޝޯވގެ ތެރެއިން / ފައިިލް ފޮޓޯ: ޕީއެސްއެމް

މީގެ އިތުރުން، ޕީ.އެސް.އެމް ލައިވްގެ ނަމުގައި އެޕެއް ތަޢާރަފްކުރެވި، ދުނިޔޭގެ ކޮންމެ ހިސާބެއްގައި ހުރެގެންވެސް ޕީ.އެސް.އެމްގެ ޗެނަލްތައް ބަލާލުމުގެ މަގުވަނީ ފަހިކޮށްދީފައެވެ. ކީރިތި ޤުރުއާނުގެ ދިވެހި ތަރުޖަމާ އެޕްލިކޭޝަނެއް ޕީ.އެސް.އެމުން ވަނީ ތައާރަފްކޮށްފައެވެ. އަދި ދިވެހި ރައްޔިތުންގެ މެދުގައި ރިވެތި އަޚްލާގު އަށަގެންނެވުމުގެ ގޮތުން ރެސްޕެކްޓް ކެމްޕެއިންގެ ނަމުގައި ގައުމީ ކެމްޕެއިނެއް ލޯންޗްކޮށް، މި ކެމްޕެއިންގެ ދަށުން ކާމިޔާބު މަސައްކަތްތަކެއް ކުރެވިފައިވުމަކީވެސް ވޭތުވެދިޔަ 2 އަހަރުގެ ތެރޭގައި ޕަބްލިކް ސަރވިސް މީޑިއާގެ ކާމިޔާބީ ހާމަކޮށްދޭކަމަށެވެ. މިމަސައްކަތްތަކުގެ އިތުރުން، ދައުލަތުގެ އެކި ވުޒާރާތަކާއި، މުއައްސަސާތަކާ ގުޅިގެން ރައްޔިތުންނާ ގުޅުންހުރި ހަރަކާތްތައް ރާވައި އިންތިޒާމް ކުރުމުގައިވެސް ޕީ.އެސް.އެމް އިސްދައުރެއް ގެންދަނީ އަދާކުރަމުންނެވެ. ޕީ.އެސް.އެމްގެ ޗެނަލްތަކުން ރައްޔިތުންގެ ވިޔަފާރި އިސްތިހާރުކުރުމުގެ އިތުރު ފުރުޞަތުތައް ގެންދަނީ ފަހިކޮށްދެމުންނެވެ.

މިކުންފުނި ވުޖޫދަށް އައުމަށްފަހު މިވީ 2 އަހަރުގެ ތެރޭގައި ކުންފުނީގެ ޗެނަލްތަކަށް ބޭނުންވާ ޒަމާނީ ވަސީލަތްތައް ހޯދައި، ބޭނުންކުރަން ފަށާފައިވާކަން ފާހަގަކޮށްލެވެއެވެ. އެގޮތުން ޕީ.އެސް.އެމްގެ ނިއުސް ޗެނަލް އުފެއްދުމަށްޓަކައި، ޕަބްލިކް ސަރވިސް މީޑިއާއިން ބޮޑެތި އިންވެސްޓްމެންޓްތަކެއް ކޮށްފައިވާއިރު، ޓީވީ ބިލްޑިންގްގެ ތެރޭގައި، ނިއުސް ޗެނަލަކަށް ބޭނުންވާނޭ އެންމެ ޒަމާނީ ވަޞީލަތްތަކާއެކު ޢިމާރާތެއްވަނީ ޤާއިމުކޮށްފައެވެ. ޕީ.އެސް.އެމް ނިއުސްގެ ޚިދުމަތް ފެށިގެން ދިޔައީ، ދިވެހިރާއްޖޭގެ އެއްވެސް ޗެނަލެއްގައި ނެތްފަދަ ގިނަ ވަސީލަތްތަކާއެކު، ރައްޔިތުންނަށް ޞައްޙަ ތެދު މައުލޫމާތު، ތަފްސީލުކޮށް އެންމެ އަވަހަށް ފޯރުކޮށްދިނުމުގެ ޢަޒުމާއެކުއެވެ.