ޚަބަރު

ފޮރިން މިނިސްޓަރ، ސްވިޑަން ސަފީރާއި ބައްދަލުކުރައްވައިފި


ސްވިޑަންއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، ހެރަލްޑް ސޭންޑްބަރގް ރާއްޖޭގެ ފޮރިން މިނިސްޓަރ ޑރ. މުޙައްމަދު ޢާސިމަށް ވަދާޢީ ޒިޔާރަތް ކުރައްވައިފިއެވެ.

މިއަދު މެންދުރު ފޮރިން މިނިސްޓްރީގައި އޮތް މިބައްދަލުވުމުގައި މިނިސްޓަރ އާސިމް ވަނީ ސްވިޑަންގެ ސަފީރުގެ ދައުރުގައި ދެޤައުމުގެ ދެމެދުގައި ގާތް ގުޅުމެއް ދެމެހެއްޓުމަށާއި ގުޅުން އިތުރަށް ބަދަހި ކުރެއްވުމަށް ސަފީރު ކުރެއްވި މަސައްކަތަށް ޝުކުރު އަދާކުރައްވާފައެވެ. ވަކިން ޚާއްޞަ ގޮތެއްގައި ތިމާވެށީގެ ދާއިރާއިން ދެއްވި އެއްބާރުލުން މިނިސްޓަރ އާސިމް ފާހަގަކުރެއްވިއެވެ.

އެމްބެސެޑަރ ހެރަލްޑް ސޭންޑްބަރގްގެ ވާހަކަފުޅުގައި، ރާއްޖެއިން ތިމާވެށި ހިމާޔަތް ކުރުމަށް ކުރަމުންދާ މަސައްކަތުގައި ސްވިޑަން ސަރުކާރުން އަބަދުވެސް އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން ފޮރިން މިނިސްޓަރަށް އެރުވިއެވެ. ވަކިން ޚާއްޞަކޮށް ފުރިހަމަ ޑިމޮކްރަސީއެއް ޤާއިމްކުރުމަށް ދިވެހި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތުގައި އެއްބާރުލުން ދިނުމުގައި ދެމިތިބޭނޭކަމުގެ ޔަޤީންކަންވެސް ސަފީރު ދެއްވިއެވެ.

ރާއްޖެއާއި ސްވިޑަންއާއި ދެމެދު ޚާރިޖީ ގުޅުން ޤާއިމް ކުރިތާ މިއީ 39 ވަނަ އަހަރެވެ. ފޮރިން މިނިސްޓްރީގައި މިއަދު އޮތް މިބައްދަލުވުމުގައި ފޮރިން ސެކްރެޓަރީ އަހްމަދު ޚަލީލާއި، ބައިލޭޓަރަލް އެންޑް އެސިސްޓެންޓް ޑިރެކްޓަރ ޝިއުނީ ރަޝީދު ބައިވެރިވަޑައިގެންނެވިއެވެ.