ޚަބަރު

މިހާތަނަށް ޕައިލެޓުން އެއްވެސް ޝަކުވާއެއް ހުށަހަޅާފައެއްނުވޭ!


ޤައުމީ އެއާލައިން މޯލްޑިވިއަން، ހިންގާ ކުންފުނި އައިލެންޑްއޭވިއޭޝަނުގައި މަސައްކަތް ކުރާ ޕައިލެޓުންނާއި އެކުންފުންޏާ ދެމެދު އެއްވެސް ނުތަނަވަސްކަމެއް ނެތް ކަމަށް މޯލްޑިވިއަނުން ހާމަކޮށްފިއެވެ.

އައިލެންޑް އޭވިއޭޝަނުން ބުނީ މޯލްޑިވިއަންގެ ޕައިލެޓުން މަސައްކްތްކުރަންޖެހޭ ވަގުތު އިތުރުކުރުމުގެ ސަބަބުން ޕައިލެޓުނަށް ދަތިތަކެއް ދިމާވެ އެކަމުގެ ޝަކުވާ ކުރަމުންދާކަމަށްބުނެ، ފަތުރަމުންދަނީ ހަޤީޤަތާ ޚިލާފް ވާހަކަތަކެއް ކަމަށެވެ.

މިކަމާގުޅޭގޮތުން މީޑިޔާއަށް މަޢުލޫމާތުދެމުން، އައިލެންޑް އޭވިއޭޝަންގެ ޑިރެކްޓަރ އޮފް ފްލައިޓް އޮޕަރޭޝަންސް ކެޕްޓަން މުޙައްމަދު އަމީން ވިދާޅުވީ، ޕައިލެޓުންނަށް ފަސޭހަ އިންތިޒާމުތަކެއް ހަމައްޖަސައިދިނުމުގެ ގޮތުން މަސައްކަތުގައި ހޭދަކުރަންޖެހޭ ވަގުތައްވެސް ބަދަލު ގެންނަން ނިންމާފައިވާކަމަށެވެ. އެގޮތުން މިހާރު ހަފްތާއަކު 7 ދުވަހު މަސައްކަތްކުރާގޮތަށް އޮތްނަމަވެސް އަންނަ މަހުގެ އެކަކުން ފެށިގެން ހަފްތާއަކު 6 ދުވަހު މަސައްކަތްކުރާ ގޮތަށް ނިންމާފައިވާކަމަށެވެ.

އައިލެންޑް އޭވިއޭޝަނުން ބުނީ، އެއާލައިނުގެ އެއްވެސް އުސޫލެއް އައިކާއޯއާއި ސިވިލްއޭވިއޭޝަންގެ ރެގިއުލޭޝަންތަކާއި ޚިލާފަށް ހަދާފައި ނުވާ ކަމަށެވެ. މިއީ ބައިނަލްއަޤްވާމީ މިންގަނޑުތަކާ އެއްގޮތަށް ހަދާފައި ހުރި، އަދި އެއަށް ޕްރެކްޓިސް ކުރަމުން އަންނަ އުސޫލު ކަމަށްވެސް އައިލެންޑް އޭވިއޭޝަނުން ބުނެއެވެ. އަދި މިހާތަނަށް ޕައިލެޓުންގެ ފަރާތުން ކަންބޮޑުވުން ފާޅުކޮށް މައްސަލައެއް ހުށަހަޅާފައިނުވާކަމަަށްވެސް އައިލެންޑް އޭވިއޭޝަނުން ބުނެއެވެ.

ޤައުމީ އެއާލައިން މޯލްޑިވިއަންގައި 150 ޕައިލެޓުން މަސައްކަތްކުރެއެވެ.