މިދިޔަ މާރޗް މަހު ޖެންޑަރ މިނިސްޓްރީއަށް އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ ކުޑަކުދިންނަށް އަނިޔާކުރުމުގެ މައްސަލަތައްކަމަށް އެމިނިސްޓްރީން ހާމަކުރައްވައިފިއެވެ. ކޮންމެ މަހަކު އެ މިނިސްޓްރީން ޢާއްމުކުރައްވާ ތަފާސް ހިސާބުތައް ދައްކާ ގޮތުން ކުޑަކުދިންނަށް އަނިޔާކުރުމުގެ 142 މައްސަލައެއް މިދިޔަ މަހު ހުށައަޅާފައިވެއެވެ. މިއީ މިދިޔަ މަހު ޖެންޑަރ މިނިސްޓްރީއަށް ހުށައެޅުނު މައްސަލަތަކުގެ %50 ކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ.
ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާގެ ތެރެއިން މިދިޔަ މަހު އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ ޖިންސީ އަނިޔާގެ މައްސަލަތަކެވެ. އަދި ދެވަނައަށް އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ވަކި ޖިންސަކަށްވީތީ ކުރާ އަނިޔާއާއި ގެވެށި އަނިޔާގެ މައްސަލަތަކެވެ. އެގޮތުން އެ ބާވަތުގެ 44 މައްސަލައެއް ރިޕޯޓްކޮށްފައިވާއިރު އޭގެ ތެރޭގައި އެންމެ ގިނައީ އެކި ބާވަތުގެ ޖިސްމާނީ އަނިޔާގެ މައްސަލަތައްކަމަށް ޖެންޑަރ މިނިސްޓްރީން ހާމަކުރައްވައެވެ.
ކުޑަކުދިންނަށް ކުރާ ޖިންސީ އަނިޔާގެ 50 މައްސަލަ މިދޔަ މަހު ރިޕޯރޓުކޮށްފައިވާއިރު، ފެބްރުއަރީ މަހު ރިޕޯރޓުކޮށްފައިވަނީ އެބާވަތުގެ 30 މައްސަލައެވެ.
ޖެންޑަރ މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާގޮތުން ކުޑަކުދިންނަށް ކުރާ ޖިސްމާނީ އަނިޔާ ރިޕޯޓްކުރާ މިންވަރު މިއަހަރުގެ ފެބްރުއަރީ މަހާ އަޅާބަލާއިރު، މާރޗް މަހު ވަނީ މަދުވެފައެވެ. އެގޮތުން މަރޗް މަހު 26 މައްސަލަ ރިޕޯރޓުކޮށްފައިވާއިރު ފެބްރުއަރީ ރިޕޯޓް ކޮށްފައިވަނީ 32 މައްސަލައެވެ.
ކުޑަކުދިންނަށް އިހުމާލުވުމުގެ 41 މައްސަލަ މިދިޔަ މަހު، ރިޕޯޓުކޮށްފައިވާއިރު ނަފްސާނީ އަނިޔާ އާއި ގުޅޭ 23 މައްސަލައެއް ރިޕޯޓްކޮށްފައިވެއެވެ.
ކުޑަކުދިންނާއި އަންހެނުންނަށް ކުރާ އަނިޔާތައް ހުއްޓުވައި މިފަދަ އިޖްތިމާޢީ މައްސަލަތަކަށް ޢާންމުން ހޭލުންތެރިކުރުވުމަށް ސަރުކާރުން ގެންދަވަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން ކުޑަކުދިންނާ ގުޅޭ މައްސަލަތައް ކަންބޮޑުވާ މިންވަރަށް ރާއްޖޭގައި ހުރިކަން ފާހަގަކުރައްވައި މިފަދަ މައްސަލަތައް ޙައްލުކުރެއްވުމަށް ކަމާ ގުޅޭ ހުރިހާ ދާއިރާތަކެއް ގުޅިވަޑައިގެން ވަރުގަދަ ޤައުމީ ކެމްޕެއިނެއް ފެށްޓެވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަން ސަރުކާރުން ވަނީ ހާމަކުރައްވާފައެވެ.