ތަރައްްޤީ

ކަނޑިތީމު "މަސްޖިދު އައް ތަޢުބާ" މިސްކިތް ހުޅުއްވައިފި


އަލިފުޅު ތުއްތު ފައުންޑޭޝަނުގެ ފަރާތުން ށ. ކަނޑިތީމުގައި ބިނާ ކުރި "މަސްޖިދު އައް ތަޢުބާ" މިސްކިތް ރަސްމީގޮތުން ހުޅުއްވައިފިއެވެ.

މިމިސްކިތް ހުޅުއްވައިދެއްވީ މިނިސްޓަރ އޮފް އިސްލާމިކް އެފެއަރޒް އަޙްމަދު ޒިޔާދުއެވެ. މިއަދު މެންދުރު ނަމާދުގެ ކުރިން މިސްކިތް ހުޅުއްވައިދެއްވުމަށްފަހު މިނިސްޓަރވަނީ އިމާމުވެ މެންދުރު ނަމާދު ކުރައްވާފައެވެ.

ނާމަދަށްފަހު ށ. ކަނޑިތީމުގެ ރައްޔިތުންނާ މުޚާޠަބް ކުރައްވާ މިނިސްޓަރ ވިދާޅުވީ، މިސްކިތް ބިނާ ކުރުމުގެ ބޭނުމަކީ ބިންމަތީގައި ނަމާދު ޤާއިމް ކުރުމާއެކު މާތް ﷲ އަށް އަޅުކަން ކުރުންކަމަށެވެ. އަދި ނަމާދުން ދަސްކޮށްދޭ އަޚްލާޤީ، ސުލޫކީ މާތް ސިފަތައް ދިރިއުޅުމުގެ ކަންކަމުގައި ބޭނުންކުރަން ދަސްކުރަންޖެހޭ ކަމަށެވެ.

މިނިސްޓަރ ގެ ވާހަކަފުޅުގައި، ރަނގަޅު މުޖުތަމަޢުއެއްގެ ބިންގަލަކީ ޢާއިލާކަމަށާއި، ރަނގަޅު ޢާއިލާއެއް ބިނާކުރުމަށްޓަކައި، އެންމެންނަކީވެސް ނަމާދުކުރާ، މިސްކިތްތަކާއި ގާތްބަޔަކަށްވުމަށް ނަޞޭޙަތްތެރިވިއެވެ.

އަށް މިލިޔަނަށް ވުރެ ގިނަ ރުފިޔާ ހޭދަކޮށްގެން އަލިފުޅު ތުއްތު ފައުންޑޭޝަނުން ބިނާ ކުރި މި މިސްކިތަކީ ހަތްސަތޭކަ މީހުންގެ ޖާގައިގެ މިސްކިތެކެވެ.

މިނިސްޓަރ ވަނީ މިފަދަ މިސްކިތެއް ށ.ކަނޑީތީމުގައި ބިނާކޮށްދެއްވިކަމަށްޓަކައި އަލިފުޅު ތުއްތު ފައުންޑޭޝަނަށް ޝުކުރު އަދާކުރައްވާފައެވެ. އަދި މިސްކިތް ބިނާކުރުމުގެ މަޝްރޫއް ކުރިޔަށްގެންދިޔަ އިރު ސަރުކާރުގެ އިދާރާތަކާއި، ރަށު ކައުންސިލުން ދެއްވި އެއްބާރުލުން ފާހަގަ ކުރައްވާ ޝުކުރުދަންނަވާފައެވެ.